ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގައި ކުލަބު އީގަލްސް ހޯދި ފުރަތަމަ މޮޅާއެކު ހަމަޖެހުމުގެ ނޭވާއެއް ލައިފި އެވެ.
މެޗަށް ނުކުތް އިރު، އީގަލްސް އޮތީ އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ އެންމެ ފުލުގަ އެވެ. މެޗުގެ ފަހު ވަގުތު ކިރިކިރިޔާ ސަލާމަތްވެ ހޯދި ތިން ޕޮއިންޓާއެކު ޖުމުލަ ހަތަރު ޕޮއިންޓާއެކު މިހާރު އެ ޓީމު ވަނީ ހަ ވަނަ އަށް ޖެހިލާފަ އެވެ. މެޗުގެ ފަހު ވަގުތު ނަތީޖާ އެއްވަރު ކުރުމާ ގާތަށް ޔޫވީ ދިޔަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް ދެ ވަނަ ލަނޑެއް ޖެހުމާ ދެމެދު ހޭދަވީ މިނެޓެކެވެ.
އީގަލްސްއިން ތިން ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ޔޫވީގެ ފުރަތަމަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ކާމިިޔާބު ކުރީ އަހްމަދު ބައްސާމް އެވެ. އިސްމާއީލް އީސާ ބޯޅަ ހިފައިގެން އޭރިއާގެ އަރިމަތިން ކުރިއަށްދާން މަސައްކަތް ކުރުމުން އީގަލްސްގެ ކީޕަރު މިލާން ޖެލްވޮކް ނުކުތެވެ. އީސާ ވަނީ ކީޕަރު މިލާން އަށް ފުރުސަތު ނުދީ ގޯލް ކުރިމައްޗަށް އެ ބޯޅަ ނަގައިދީފަ އެވެ. ބޯޅަ ލިބިގަނެ ބައްސާމް ވަނީ ކޮންޓްރޯލް ކޮށްލުމަށް ފަހު ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.
އޭގެ އެއް މިނެޓް ފަހުން ޔުނައިޓެޑް ވިކްޓަރީގެ ދެ ވަނަ ލަނޑު އީސާ ކާމިޔާބު ކުރީ އާރިއާ ތެރެއިން ޔޫވީ ބިދޭސި މިޑްފީލްޑާ އޮނަޓޮލީ ބޮލުން ދިން ބޯޅަ ހިފައިގެން ހުސްކޮށް އަރައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ އެއް މިނެޓް ފަހުން ޔޫވީން ނަގައިދިން ހުރަސް އަހްމަދު ރަޝީދު (އަންމަޑޭ) ބޮލުން ފޮނުވާލި ބޯޅަ ނުރައްކާ ކޮށް ދިޔަ ނަމަވެސް ގޯލަށް އަމާޒު ވާގޮތެއް ނުވި އެވެ.
މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހުނަސް، މެޗުގެ ފަހު ކޮޅުގައި އީގަލަސްގެ ކުޅުން ދިޔަ ގޮތުން މޯހަން ހުރީ ހިތްހަމަ ނުޖެހިފަ އެވެ.
"ފަހު ވަގުތު ކޮންސަންޓްރޭޝަން ދަށް ވެގެން ދެ ގޯލް ވަދެގެން ޕްރެޝަރަށް މިދިޔައީ،" މެޗުގެ ފަހު ވަގުތު އީގަލްސްގެ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. "އެހެންވީމަ އެކަންކަން އެއީ ކުރިއަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް."
"އެހެންނަމަވެސް މިއަދު އެންމެ މުހިންމު ކަމަކީ ތިން ޕޮއިންޓް އެއީ މިހާރު މިއިން ހާލަތުން ކުޑަކޮށްވެސް ހިތްހަމަޖެހުމެއް ލިބި ކުރިއަށް ދެވޭނީ އެގޮތް ކަމަށްވާތީ އެކަމަށް މަސައްކަތް ކުރި. އިރާދަ ކުރެއްވީތީ އެކަން ކާމިޔަބުވި."
މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑު މެޗުގެ 21 މިނެޓްގައި ކާމިޔާބު ކުރީ ޔަމަންގެ އުސާމާ އަހްމަދެވެ. އަލީ ހައިޝަމް އޭރީގެ އަރިމަތިން އަރައި ނަގައިދިން ބޯޅަ އުޝާމާ ފައިން ކަޓު ކޮށްލީ ގޯލްގެ ތެރެއަށެވެ. ބޯޅަ ސަލާމަތް ކުރަން ޔޫވީގެ ކީޕަރު އަމީރޯވްއަށް ފުރުސަތެއް ނުލިބުނެވެ.
އީގަލްސްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ، ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. ޔޫވީގެ އޭރިއާގެ އަރަިމަތިން އުސާމާ ނަގައިދިން ހުރަސް ހަންނަ ވަނީ އޭރިއާގެ ތެރެއަށް އަރައި ބޮލުން ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ. އީގަލްސްގެ ތިން ވަނަ ލަނޑު ހަންނަ ކާމިޔާބު ކުރީ ޒައިން ޒަފަރު ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް ހަންނަ އެވެ.