ދުނިޔެ

އިންޑޮނީޝިއާގެ މަތިންދާބޯޓެއް 62 މީހުނާއެކު ކަނޑަށް ވެއްޓިއްޖެ

އިންޑޮނީޝިއާގެ މަދިންދާބޯއް 62 މީހުންނާއެކު ވެރިރަށް ޖަކާޓާއިން ފުރިތާ އިރުކޮޅެއްގެ ތެރޭގައި ކަނޑަށް ވެއްޓިއްޖެ އެވެ. އިންޑޮނީޝިއާގެ އިދާރާތަކުން މިކަން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އޮފިޝަލުން ބުނީ ބޯޓް ވެއްޓެން މެދުވެރިވި ސަބަބު ހޯދަން ފަށައިފިން ކަމަށެވެ.

އިންޑޮނީޝިއާގެ ސްރިވިޖަޔާ އެއާގެ މަދިންދާބޯޓް ކޮންޓްރޯލް ގެއްލި ދިމާވި ހާދިސާ ޓްރެކިން ވެބްސައިޓްތަކުގައި

ޓްރާންސްޕޯޓޭޝަން މިނިސްޓަރު، ބަޑި ކަރިޔާ ސުމަދީ ވިދާޅުވީ ވެއްޓުނީ ސްރިވިޖަޔާ އެއާގެ މަދިންދާބޯޓެއް ކަމަށެވެ. ބޯޓުން ދަތުރުކުރީ 50 ދަތުރުވެރިންނާއި 12 ފަޅުވެރިން ކަމަށެވެ. އޭގެ ތެރޭގައި 10 ކުދިން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ ކުނިބުނިތަކެއް، ކަނޑުމަތިން ފެނިފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ. "ނޭޝަނަލް ސާޗް އެންޑް ރެސްކިޔޫ އޭޖެންސީ" އިން ބުނީ ބޯޓް ވެއްޓުނު ސަރަހައްދު ލަފާކުރެވިފައި ވާތީ އެދިމާއަށް ދަތުރުކުރަމުންދާ ކަމަށެވެ.

އިންޑޮނީޝިއާގެ ނޭވީ އަށް ވެސް ވަނީ ބޯޓުގެ ބައިތައް ކަނޑުމަތިން ފެނިފަ އެވެ. އޮފިޝަލަކު ބުނީ ދެތިން ހަތަރު ތަނަކުން ކުނިބުނި ފެނުނު ކަމަށެވެ. އަދި އެއީ ބޯޓެއްގެ ބައިތައް ފުނޑުވުމުން ހުންނާނެ ގޮތް ކަމަށެވެ.

ޓްރާންސްޕޯޓޭޝަން މިނިސްޓްރިގެ ސްޕޯކްސް ޕާސަން، އަދީތާ އިރަވަތު ވިދާޅުވީ ބޯޓު ދަތުރުކުރީ ޕޮންޓިއަނަކް އަށް ކަމަށެވެ. އެއީ ހުޅަނގު ކަލިމަންތަން ޕްރޮވިންސްގައި ވެރިކަންކުރާ އަވަށް ކަމަށެވެ. އޭނާ ވިދާޅުވީ "ނޭޝަނަލް ސާޗް އެންޑް ރެސްކިޔޫ އޭޖެންސީ" އާއި "ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ކޮމެޓީ" ގުޅިގެން އިދާރާތައް މެދުވެރިކޮށް، މިހާދިސާ ތަހުގީގުކުރަންމުން އަންނަ ކަމަށެވެ.

ޓްރާންސްޕޯޓޭޝަން މިނިސްޓަރު، ބަޑި ކަރިޔާ ސުމަދީ ވިދާޅުވީ ބޯޓު ވެއްޓެން މެދުވެރިވި ސަބަބާއި ކަނޑުމަތިން އަތުޖެހުނުހައި އެއްޗެއް ހޯދުމަށް ރައިސް، ޖޯކޯ ވިޑޯޑޯ އަމުރުކުރައްވާފައިވާ ކަމަށެވެ.