އަލިފާން

ޕެޓްރޯލް އުފުލާ ދޯންޏެއްގައި ރޯވެއްޖެ

ށ. ކަނޑިތީމު ފަޅުގައި އަޅާފައި އޮތް ޕެޓްރޯލް އުފުލާ ލަކުޑި ދޯންޏެއްގައި ރޯވެއްޖެ އެވެ.

ފުލުހުން ބުނީ އެ ދޯނީގައި ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިރޭ 10:45 ގައި ކަމަށެވެ. ދޯނީގައި ރޯވިނަމަވެސް މި ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަދި ރޯވެފައިވާ ދޯނި ކައިރީ ފަޅުގައި އަޅާފައިވާ އެހެން އުޅަނދުތައް ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ދުރުކޮށްފައެވެ.

ގަޑިއެއްހާއިރުގެ މަސައްކަތުން އަލިފާން ކޮންޓްރޯލް ކުރެވުނު ނަމަވެސް ދޯނި ވަނީ މުޅީން އަނދާފައެވެ.

ކަނޑިތީމު ފަޅުގައި އަޅާފައި އޮތް ޕެޓްރޯލް އުފުލާ ލަކުޑި ދޯންޏެއްގައި ރޯވިއިރު މިއަދު ތިނަދޫގައި ދަގަނޑު ޓޭންކެއް ކީހަން އުޅުމުގެ ތެރޭގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.