އީގަލްސް 3-1އިން ބަލިކޮށް، އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ޗެމްޕިއަން ނިއުރޭޑިއަންޓް ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.
މި މެޗުން މޮޅުވުމުން ނިއު އަށް ވަނީ އަށް މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމާ އެންމެ ގާތުގައި އޮތް ޓީސީ އަށް ލިބިފައިވަނީ ހަތް މެޗުން 14 ޕޮއިންޓެވެ. މިހެންވެ މާދަމާ ރޭ މާޒިޔާ އަތުން ޓީސީ މޮޅުވެއްޖެނަމަ އެ ޓީމަށް ނިއުއާ ތިން ޕޮއިންޓަށް ގާތްކުރެވޭނެ އެވެ.
މިރޭގެ މެޗުގައި ނިއު އަށް ލަނޑ ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ވިލިއަމް މަކޯ އެވެ. އީގަލްސްގެ ހަމައެކަނި ލަނޑު ޖެހީ ނިއު ތިން ލަނޑު ޖެހި ފަހުން ކެޕްޓަން އިސްމާއީލް އީސާ (މެސީ) އެވެ.
މެޗަށް ފަހު ނިއުގެ ކޯޗު ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ބުނީ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޝާފިއު އަހުމަދާއު ރިލްވާން ވަހީދު (ކަކާރިލޭ) ނެތި ކުޅެން ޖެހުމުން ނިއު އަށް އުނދަގޫވި ކަމަށާއި ނަމަވެސް މެޗުން މޮޅުވުމުން ހިތްހަމަޖެހޭ ކަމަށެވެ.
ކޯޗު އަދި ބުނީ ބޯލްޕޮޒިޝަނަށް ބަލާއިރު ރަނގަޅަށް ކުޅުނީ އީގަލްސް ކަމަށާއި އޭނާގެ ޓީމަށް ހަ ޕޮއިންޓްގެ ލީޑެއް ލިބުނު ނަމަވެސް ލީގު ޗެމްޕިއަންކަން ހޯދަން ފަސޭހަނުވާނެ ކަމަށެވެ.
އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ މި މެޗުން ބަލިވުމުން އީގަލްސް އަށް ލީގު ޗެމްޕިއަންކަން ލިބުމުގެ އުއްމީދު ގެއްލުނީ ކަމަށެވެ. ނަމަވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދެވި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭނީ ނުވަ ޕޮއިންޓާއެކު ޓޭބަލުގެ ފަސް ވަނާގައި އޮތް ވިކްޓަރީ އާއި އެންމެ ޕޮއިންޓަކާއެކު ފުލުގައި އޮތް މަހިބަދޫ އެވެ. މާދަމާ ރޭ ކުޅޭނީ ދެ ވަނަ ޓީސީ އާއި ތިން ވަނަ މާޒިޔާ އެވެ. ދެ ވަނަ ބުރު ފެށި މެޗުގައި މިއަދު ހަވީރު ބީޖީ އަތުން ވެލެންސިއާ މޮޅުވީ 5-3އިންނެވެ.