މާޒިޔާ

ކުޅުންތެރިން ފިޓް، ބަދަލު ކުރަން ޖެހޭނީ ޓެކްޓިކްސް

މާޒިޔާ ކުޅުންތެރިން ފިޒިކަލީ ފިޓް ކަމަށާއި ބަދަލު ކުރަން ޖެހޭނީ ޓެކްޓިކްސް ކަމަށް މާޒިޔާގެ އާ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

މާޒިޔާގެ ކޯޗް ކަމުގައި ކުރި ހުރި މުހައްމަދު ނިޒާމް މަގާމުން އިސްތިއުފާ ދިނުމުން، މާޒިޔާގެ ކޯޗް ކަން ސާބިއާގެ ރިސްޓޯ އާ ހަވާލު ކުރީ މިދިޔަ ހަފުތާގަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓީސް) އާ ދެކޮޅަށެވެ.

ދަ ގުރާންޑޭ އާ ދެކޮޅަށް މާަޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި ރިސްޓޯ ހުރީ ރޮސްޓްރޮމްގައި މެޗު ބަލާށެވެ. އޭރު މާޒިޔާ އަށް ސޮއި ކުރި ނަމަވެސް ޓީމުގެ މަސައްކަތަށް ނުނިކުމެ އެވެ. ޓީމާއެކު އޭނާ މަސައްކަތް ކުރަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މެޗުން މާޒިޔާ އެއްވަރުވީ، ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ދަ ގުރާންޑޭއިން ފަހަތުން އަރައި ޖެހި ލަނޑުތަކުންނެވެ. އެ މެޗާ ބެހޭގޮތުން އޭނާ ބުނީ، މެޗު އެއްވަރުވެ މާޒިޔާ އަށް ތާވަލުގެ އެއް ވަނަ ގެއްލުމުން ސައިކޮލަޖިކަލީ ކުޅުންތެރިން މެޗުތަކަށް ތައްޔާރު ވާން ޖެހޭ ކަމަށެވެ.

އޭނާ ބުނީ ލިބުނު މަދު ދުވަސްތަކާ އެކު ބައެއް ކަންކަން އޭނާ ބަދަލު ކޮށްފައި ވާނެ ކަމަށެވެ. ގިނަ ކަންކަން ބަދަލު ކުރަން ޖެހޭނީ ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ކަމަށް ލަލީގާގެ ރެއާލް ބެޓިސްއަށް ކުރިން ކުޅުނު ރިސްޓޯ ބުންޏެވެ.

"ޓީމުގެ ކުރިއެރުމަށް އަހަރެން ބައެއް ކަންކަން ބަދަލު ކުރިން މާބައިވަރު ކަންތައްތަކެއް ކުރާކަށް ވަގުތެއް ނުލިބުނު," ރިސްޓޯ ވާހަކަ ދެއްކި އެވެ. "އަހަރެން އުފާވާނެ އޭގެ ފަސް ޕަސަންޓް ފެނުނަސް މިވަގުތު މިއޮތީ އުނދަގޫ ހާލަތެއްގައި އެހެންވީމަ ޖަހޭނީ ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށްދާން. މެޗެއް ކާމިޔާބު ކުރުމަށްޓަކައި ފެންނަން ޖެހޭ ހުރިހާ ކަމެއް ފެންނާނެ ކަމަށް އަހަރެން އުންމީދު ކުރަނީ."

އޭނާ ބުނީ މިއަދު ސަސްޕަޓީސް އާ ދެކޮޅަށް ކުޅޭނެ ގޮތުގެ ހިޔާލު ކުޅުންތެރިންގެ ކިބައިގައި ހުންނާނެ ކަމަށެވެ.

"ކުޅުންތެރިން ފިޒިކަލީ ވަރަށް ރަނގަޅު ވަރަށް ވަރުގަދަ," މާޒިޔާ ކުޅުންތެރިންގެ ފިޓްނަސް އާ ބެހޭގޮތުން ސުވާލު ކުރުމުން ރިސްޓޯ ބުންޏެވެ. "ކޮންމެ މެޗަކަށްވެސް ރަނގަޅު ކުރަން ޖެހޭ ކަމަކީ ޓެކްޓިކަލީ މެޗަށް ތައްޔާރުވާ ގޮތް."

ރިސްޓޯ ބުނީ މާޒިޔާ އާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމަކުންވެސް 200 ޕަސަންޓް ދޭނެ ކަމަށެވެ. އެހެންވެ ކޮންމެ މެޗެއްވެސް މާޒިޔާއަށް ވާނީ އުނދަގޫ މެޗަކަށް ކަމަށާއި އަދި ކުޅުންތެރިންނަށް ވެސް އެކަން ހަނދާން ކޮށްދެމުން ގެންދާ ކަމަށް އޭނާ ބުންޏެވެ.

އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ފުރަތަމަ 11 ގައި ކުޅެވޭނެ ފެންވަރުގެ ގިނަ ކުޅުންތެރިން ތިބުމަކީ. ކުޅުންތެރިޔަކު ބާލަން ޖެހުނަސް ބަދަލުގައި އަރާ ކުޅުންތެރިޔަކުވެސް ހަމަ އެ ފެންވަރުގައި މަސައްކަތް ކުރާނެކަން އެނގުމަކީ ހިތްހަމަޖެހުމެއް," ކުރިން ފިލިޕީންސް ލީގްގައި މަސައްކަތް ކޮށް ކާމިޔާބު ހޯދާފައިވާ ކޯޗް ބުންޏެވެ.

"ނަމަވެސް ބައެއް ފަހަރު މެނޭޖު ކުރުމުގައި އުނދަގޫތަކެއް ހުރެދާނެ. ސަބަބަކީ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް އެއް ލެވަލެއްގައި ތިބޭއިރު ހުރިހާ ކުޅުންތެރިންނަށް ނުކުޅެވޭނެމަ އެ މައްސަލަ ކުރިމަތި ވެދާނެ. އެކަމަކު އަހަރެން ބަލާނަން އެއީ ހަގީގަތެއްތޯ ހުރިހާ ކުޅުންތެރިންވެސް ތިބީ ކުޅެން ތައްޔާރަަށްތޯ. އެކަން ހަގީގަތަކަށް ވާނަމަ ވަރަށް ފުރުސަތު ބޮޑު ކުޅުންތެރިން ރޮޓޭޓްކޮށްގެން ކުރިއަށް ދިއުން."