އެފްއޭއެމް

ކޯޗިން އިންސްޓްރަކްޓާ ކޯހުގައި ފުރުސަތު ހުޅުވާލައިފި

މި މަހު މާލޭގައި ބާއްވާ، އެފްއޭއެމް އިންސްޓްރަކްޓާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފި އެވެ.

މި މަހު 26 ން 28 އަށް ކުރިއަށް ގެންދާ އިންސްޓްރަކްޓާ ކޯހުގައި ބައިވެރި ވުމަށް ފޯމު ހުށަހަޅަން ޖެހޭނީ މިމަހު 20 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 ގެ ކުރިންނެވެ. ކޯހުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އޭއެފްސީ ކޯޗިން ބީ ލައިސެންސް ނުވަތަ އެފްއޭއެމް ބީ ލައިސެންސް ސެޓްފިކެޓް ހާސިލު ކޮށްފައި ވުމެވެ.

ކޯހުގައި ބައިވެރިވުމަށް ހުށަހަޅަން ޖެހޭ ފޯމް ޗާންދަނީ މަގުގައި ހުންނަ އެފްއޭއެމްގެ ވަގުތީ އޮފީހުގެ ކައުންޓަރުން ލިބޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އިންސްޓްރަކްޓާ ކޯހުން ފާސްވެ ސެޓްފިކެޓް ލިބުމުން ޑީ ލައިސެންސް ކޯހުގައި ކިޔަވައި ދިނުމަށް ޝަރުތު ހަމަ ވާނެ އެވެ.

އޭއެފްސީ ބީ ލައިސެންސް ކޯސް ކިޔަވައި ދިނުމުގެ ހުއްދަ އެފްއޭއެމް ޓެކްނިކަލް ޑައިރެކްޓާ އަހްމަދު ޝަރީފް (ޑުންގާ) އަދި ޓީސީގެ ހެޑް ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) އަށް ވަނީ ލިބިފަ އެވެ. އެފްއޭއެމުން ބުނީ ކުރިއަށް އޮތް އިންސްޓްރަކްޓާ ކޯހުގައިވެސް ކިޔަވައި ދޭނީ ޓެކްނިކަލް ޑައިރެކްޓާ ޑުންގާ އާއި ޝާޒް ކަމަށެވެ. ޝާޒަކީ އެފްއޭއެމްގެ ކޯޗިން ޑިޕާޓެމެންޓްގެ ކުރީގެ އިސްވެރިޔާ އެވެ.

އެފްއޭއެމްގެ ކޯޗިން އެޑިއުކޭޝަން ޑިޕާޓްމެންޓުން ކުރި މަސައްކަތުން ބީ ލައިސެންސަށް ކިޔަވައި ދިނުމުގެ ހުއްދަ އޭއެފްސީން ރާއްޖެއަށް ދިނުމުން، ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ތައްގަނޑު ޖެހި ބީ ލައިސެންސް ކޯޗިން ސެޓްފިކެޓް ދުނިޔޭގެ ފުޓްބޯޅައިގެ ކޮންމެ އިދާރާއަކުންވެސް މިހާރު ގަބޫލު ކުރާނެ އެވެ.

އޭ ލައިސެންސަށް ކިޔަވައި ދިނުމުގެ ހުއްދަ މިއަހަރު ރާއްޖެއަށް ލިބޭނެ ކަމަށް ބެލެވެ އެވެ.