ދިވެހި ޕްރެމިއާ ލީގް

ސަސް ބަލިކޮށް މާޒިޔާ އެއްވަނަ އަށް

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓީސް) އާ ދެކޮޅަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ތަވާލުގެ އެއް ވަނަ އަށް މާޒިޔާ ޖެހިލައިފި އެވެ.

މާޒިޔާ އެއް ވަނަ މަގާމަށް ޖެހިލީ، ރޭ ޓީސީ އަތުން އެއްވަރުވި ވެލެންސިއާ އާ ޕޮއިންޓްގެ ގޮތުން ހަމަ ކޮށްގެންނެވެ. ވެލެންސިއާ އާއި މާޒިޔާ އަށް ވެސް 11 ޕޮއިންޓެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

މާޒިޔާގެ އާ ކޯޗް ސާބިއާގެ ރިސްޓޯ ވިޑަކޮވިޗްގެ ކޯޗް ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މެޗަށް ފަހު ރިސްޓޯވެސް ބުނީ މެޗުގެ ފުރަތަމަ ހާފާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ދެ ވަނަ ހާފުގައި ޓީމުގެ ސަމާލުކަން އެއްވަރެއްގައި ނުހިފެހެއްޓޭ މައްސަލަ އޭނާ ފާހަގަ ކުރި އެވެ.

"އަހަރެމެން ޖެހޭ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ފުރަތަމަ ހާފު އަހަރެމެން ކުޅުނީ ވަރަށް ރަނގަޅަށް،" މެޗަށް ފަހު އޮތް ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ރިސްޓޯ ބުންޏެވެ. "ދެ ވަނަ ހާފުގައި އަހަރެމެންނަށް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ގެއްލުނު. އެ ޓީމުން ދެ ވަނަ ހާފުގައި ޕްރެސްކޮށްގެން ކުޅުނު. އަހަރެމެން ޓީމުން މާގިނަ ދިގު ބޯޅަތަކެއް ޖަހައިގެން ކުޅުނު. އެގޮތަށް ކުޅެން އަހަރެން ޝައުގުވެރި ކަމެއް ނުހުރޭ. ސަބަބަކީ އެއީ ފިފްޓީ ފިފްޓީ ބޯޅަތަކެއް. ނަމަވެސް އަހަރެމެން ހިތްހަމަ ޖެހޭ ދެތިން ދުވަހުން ކުރެވުނު މަސައްކަތުން މޮޅަކުން ފެށުނީމަ. މަޑުމަަޑުން ކުރިއެރުން ހޯދަމުން ހޯދަމުން ދާނީ."

މާޒިޔާގެ ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ 17 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމޭރު އެވެ. އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން އުމޭރު ފޮނުވާލީ ބޯޅައަށް ހުރަސް އަޅަން ސަސްގެ ކުޅުންތެރިން ފާރެެއް އެތުރގެން ތިއްބައި ކުޅުންތެރިންގެ ބޯމަތިން ގޮސް ކީޕަރު މިރުޒޯހިދު ހުރި ފަޅިއަށެވެ.

ސަސްގެ ކޯޗް އަހްމަދު ނާޝިދު ބުނީ، ފުރަތަމަ ލަނޑަށް ފަހު ފުރަތަމަ ހާފުގައި ޓީމުގެ ހިތްވަރު އެލިގެން ދިޔަ ކަމަށެވެ.

"ފުރަތަމަ ހާފުގައި އަޅުގަނޑުގެ ޕްލޭން އާ އެއްކޮށް ނުދިޔައީމަ ފުރަތަމަ ހާފު އެގޮތަށް އެދިޔައީ،" ނާދު ބުންޏެވެ. "އެހެންނަމަވެސް ފަހުން ދެ ވަނަ ހާފުގައި ޓީމު ކުޅެފި. ވަރަށް ރަނގަޅަށް ކުޅެފި ކަމަށް އެނގިގެން ދިޔަ. ކުޅުންތެރިންގެ ފަރާތުން ގޯލެއް ޖަހަން މަސައްކަތް ކުރިތަން ފެނިގެން ދިޔަ. ފުރަތަމަ ވަން ގޯލާ އެކު ކުޅުންތެރިން ހިތްވަރު އެލިގެން ދިޔަ ފުރަތަމަ ހާފުގައި."

މާޒިޔާގެ ދެ ވަނަ ލަނޑު ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) ކާމިޔާބު ކުރީ އުމޭރު ދިން ބޯޅައިންނެވެ. މާޒިޔާގެ ހާފުގެ ތެރެއިން ސެންޓަ ސާކަލްގެ ތެރެއިން އުމޭރުއަށް ލިބުނު ބޯޅަ އޭނާ ކުރިއަށް ނަގައިދިނީ ކޯނޭ ހުހަށް އޮތުމުންނެވެ. އުމޭރު ދިން ބޯޅަ ލިބިގަނެ ސަސްގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަނުމުގެ ބަދަލުގައި ކޯނޭ ވަނީ ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ވައްދާލާފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑަކީ، ކޯނޭގެ އިންޑަވިޖުއަލް މޮޅު ލަނޑެކެވެ. މާޒިޔާގެ ހާފުގެ ތެރެއިން ސަސްގެ ޖަޕާންގެ މިޑްފީލްޑާ އެއިސުކޭ މޯރީ އަށް ލިބުނު ބޯޅަ އޭނާގެ ކޮންޓްރޯލްގެ ދަށަށް ނާންނަނީސް، އިބްރާހިމް މަހްދީ ހުސައިން (ހަބޭސް) އިއްބެ ތިރިރިރިން ބާރު ބޯޅައެއް ކުރިއަށްލައި ދިނެވެ. އެ ބޯޅަ ލިބުނީ އޮފްސައިޑް މަޅިން ސަލާމަތް ވެގެން ހުރި ކޯނޭ އަށެވެ. އޭނަ ވަނީ ބޯޅަ ލިބިގަނެ ސްޕީޑް ބޭނުންކޮށްގެން އޭރިއާ ތެރެއަށް ވަދެ ސަސްގެ ކީޕަރު މިރުޒޯހިދު ކައރިން ނައްޓާލައި ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯލަ ވައްދާލާފަ އެވެ.

ދެ ވަނަ ހާފުގައި، ސަސްގެ ކުޅުންތެރިން ޕްރެސްކޮށްގެން ކުޅެ މާޒިޔާގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. ޑިފެންޑަރު އަހްމަދު އައިހަމް އަށް އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. މާޒިޔާގެ އޭރިއާގެ ތެރެއަށް ބޯޅަ ހިފައިގެން އަރައި އޭނާ ވަނީ މާޒިޔާގެ ކީޕަރު ނިކޮލާ ވުޖަނެކް ކައިރިން ކަޓުވާލުމަށް ފަހު ގޯލްގެ ދުރު ކަނަށް އަމާޒުކޮށް ބޯޅަ ޖަހަން ފޮނުވާލާފަ އެވެ. އެހެންނަމަވެސް ގޯލަށް ވަދެވަދެ އޮއްވައި މާޒިޔާގެ ޑިފެންޑަރު ޕީޓާ ޕްލަނިޗް އެ ބޯޅަ ކޯނަރަކަށް ބޭރު ކޮށްލީ އެވެ. އައިހަމް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނީ މާޒިޔާގެ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) ކައިރިން ކަޓުވާލުމަށް ފަހު އެވެ.

މިއީ ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ ސަސް ޓޮޕް ޑިވިޝަންގައި ވީ ފުރަތަމަ ބައްޔެވެ. ނާދު ބުނީ އައިހަމްއަށް ލިބުނު ފުރުސަތު ބޭނުން ކުރެވުނު ނަމަ މެޗު އެނބުރިގެން ދިޔައިސް ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ގޯލް ވަނުމުން ބޭނުންވި ގޮތަށް ފުރަތަމަ ހާފުގައި މަސައްކަތް ގޭމް މަސައްކަތް ނުކުރި ކަމަށެވެ.