ޖިންސީފުރައްސާރައިގެ އަމަލުތަކާއި ދެކޮޅަށް އަދި އެފަދަ މައްސަލަތަކަށް އިންސާފު އަވަސް ކޮށްދިނުމަށް ގޮވާލާ އިދިކޮޅުގެ ސަޕޯޓަރުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން ހަތަރު އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ޖެންޑާ މިނިސްޓްރީ ކުރިމަތީ އިިދިކޮޅު ދެ ޕާޓީގެ ސަޕޯޓަރުން މިއަދު އިހުތިޖާޖު ކޮށްފައިވަނީ ޖިންސީފުރައްސާރައިގެ އަމަލުތަކާއި ދެކޮޅަށް އަދި އެފަދަ މައްސަލަތަކަށް އިންސާފު އަވަސް ކޮށްދިނުމަށް ގޮވާލައެވެ. އެ އިހުތިޖާޖުގެ ތެރެއިން ޖެންޑާ މިނިސްޓަރާ ބައްދަލުކުރުމަށް އެދި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން ފޮނުވި ސިޓީއަށް ޖަވާބު ދީފައިނުވާ ކަމަށް ބުނެވެސް އަޑުއުފުލާފައިވެއެވެ. ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބެ ކުރިއަށް ގެންދިޔަ އެ އިހުތިޖާޖުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށައް ގެންދިޔަ ހަތަރު މީހުންނަކީ އަމުރަށް ނުކިޔަމަންތެރިވެގެން ގެނެވެނު މީހުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ޕީޕީއެމާއި ޕީއެންސީން ވަނީ މިއަދު ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލާފައެވެ. އަދި ސުލްހަވެރި އިހުތިޖާޖުތަކަށް ހުރަސްއަޅާތީ އެކަމާއި ކަންބޮޑުވާ ކަމަށް ބުންޏެވެ. މި ފަހުން ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން އޮތް ދުވަހުވެސް އިދިކޮޅުގެ ސަޕޯޓަރުން ވަނީ ކްރިމިނަލް ކޯޓް ސަރަހައްދަށް އެއްވެ އަޑުއުފުލާފައެވެ. އެ އެއްވުމުގެ ތެރެެއިންވެސް ބަޔަކު ހައްޔަރުކުރިއެވެ. ނަމަވެސް ބަންދު މަޖިލީހަށް ނުގެންގޮސް އެމީހުން ދޫކޮށްލީއެވެ.