ހޮޓެލް ޖެން

"ޖެން ކަރޯކޭ ނައިޓް" ލޯންޗު ކޮށްފި

"ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާ" އިން "ޖެން ކަރޯކޭ ނައިޓް" ލޯންޗު ކޮށްފި އެވެ.

ޝަންގްރިއްލާ ކުންފުނިން މާލޭގައި ހިންގާ ހޮޓަލުގެ މާކެޓިން އެންޑް ޕީއާރު މެނޭޖަރު ނީނާ މުހައްމަދު އަވަސް އަށް ވިދާޅުވީ "ޖެން ކަރޯކޭ ނައިޓް" އަކީ ޖެންއާ ރިމެކްސް މޯލްޑިވްސް ގުޅިގެން ލޯންޗުކުރި ހަރަކާތެއް ކަމަށެވެ. ޖެންގައި ގާއިމުކޮށްފައިވަނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޖޭބީއެލް ބްރޭންޑްގެ ކަރޯކޭ ސިސްޓަމެކެވެ. ރިމެކްސް މޯލްޑިވްސްއަކީ ޖޭބީއެލް ބްރޭންޑްގެ އޮތޮރައިޒްޓް ޑިސްޓިބިއުޓަރެވެ. އެކި ބަސްބަހުގެ 50،000 ލަވަ ކަރޯކޭގައި ހިމެނޭނެއެވެ.

ނީނާ ވިދާޅުވީ "ޖެން ކަރޯކޭ ނައިޓް" ދެ މީހަކަށްވެސް ބުކް ކުރެވިދާނެ ކަމަށެވެ. އަދި 50 މީހުންނާ ހަމައަށް އިތުރުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އާއިލާތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް ލިބޭ ރަނގަޅު ފުރުސަތަކަށް މި ފުރުސަތު ވާނެ ކަމަށެވެ.

"މިދިޔަ ދުވަސްތަކަކީ އެންމެވެސް ދަތުރުނުކުރެވި އެ ތިބި ތަނެއްގައި ތިބެން ޖެހިފައިވާ ދުވަސްތަކެއް. އެހެންވީމަ މިކަހަލަ ކަމެއް ޖެންއިން އިންޓްރޮޑިއުސް މި ކުރީ އާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ގޮތުން،" ނީނާ ވިދާޅުވިއެވެ.

"ޖެން ކަރޯކޭ ނައިޓް" ކުރިއަށް ގެންދާނީ އެޗްޕީއޭއާ ކޮވިޑުން ރައްކާތެރިވުމަށް ޝަންގްރިއްލާއިން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށެވެ. "ޖެން ކަރޯކޭ ނައިޓް" ލޯންޗުކޮށްފައިވަނީ އެފްއެންބީގެ ހިދުމަތާއެކުގައެވެ. އަދި ހާއްސަ ސްނެކް މެނޫއަކާއެކުގައެވެ. ނީނާ ވިދާޅުވި ގޮތުގައި ކަސްޓަމަރުން ބޭނުންވާ އެހެން އައިޓަމްވެސް އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ބްކިންތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު ގްރޫޕް ބްކިންތަކަށް ހާއްސަ އަގުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

"މިހާރުވެސް ބްކިންއަށް މިވަނީ ފުރުސަތު ހުޅުވާލާފައި. އަޅުގަނޑުމެންގެ ހޮޓްލައިން 7799323 ގުޅާލުމުން އެކަން ހަމަޖެހޭނެ،" ނީނާ ވިދާޅުވިއެވެ.

"ޖެން ކަރޯކޭ ނައިޓް" ލޯންޗުކުރުމަށް ބޭއްވި ހާއްސަ އިވެންޓްގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ވަނީ ބައިވެރިވެ ޕާފޯމްސްކޮށްފައެވެ.