އަބްދުﷲ ޝާހިދު

ދިވެހިންގެ ހަމްދަރުދީ، އިންޑޮނީޝިއާއަށް

ހޮނިހިރު ދުވަހު އިންޑޮނީޝިއާގެ ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ މަތިންބޯޓެއް ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފި އެވެ.

އިންޑޮނީޝިއާގެ ފޮރިން މިނިސްޓަރު ރެޓްނޯ މަރްސޫދީއަށް މިނިސްޓަރު ޝާހިދު ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި ވިދާޅުވީ ޖެނުއަރީ ނުވަ ވަނަ ދުވަހު ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ ޖާވާގެ އައްސޭރި ފަށަށް ސްރިވިޖާޔާ ފްލައިޓް އެސްޖޭ 182 ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވި ހަބަރު އެއްސެވީ ހިތާމަޔާ އެކުގައި ކަމަށެވެ. އަދި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑޮނީޝިއާ ސަރުކާރާއި، ރައްޔިތުންނާ އަދި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި މިނިސްޓަރުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި ދިވެހިންގެ ތައުޒިޔާ، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައްދު ކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

އިންޑޮނީޝިއާގެ މަތިންދާބޯޓެއް 62 މީހުންނާ އެކު ގެއްލިގެން ހޯދަނިކޮށް ކަނޑަށް ވެއްޓިފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. މަތިންދާބޯޓް ވެއްޓުނު ކަމަށް ބެލެވޭ ހިސާބު ކަނޑުން، އިންސާނުންގެ ގުނަވަަންތަކާއި، އަންނައުނު ފަދަ ތަކެތި ވެސް ވަނީ ރެސްކިއު ޓީމްތަކަށް ފެނިފަ އެވެ. ރެސްކިޔު އޮޕަރޭޝަންގައި ބައިވެރިވާ މިލިޓަރީ އުޅަނދުން ސޯނާ ބޭނުންކޮށްގެން މަތިންދާބޯޓުގެ ބައިތައް ވަނީ ހޯދާފަ އެވެ. މިއުޅަނދުން މިހާރު ކުރާ ކަމަކީ ކަޅުފޮށިން ލިބޭ ސިގްނަލްގެ އެހީގައި އެހިސާބު ކަނޑަށް ރޮބޮޓިކްް އުޅަނދެއް ވޮނުމުމެވެ. ބޭނުންޖެހިއްޖެ ނަމަ އެހީތެރިވުމަށް ފުން ކަނޑަށް ފަރިތަ ޑައިވަރުން ވެސް ތިބީ ތައްޔާރުގަ އެވެ. މަތިންދާބޯޓް ވެއްޓެން މެދުވެރިވި ސަބަބުން މުޅިން ސާފުވާނީ ކަޅުފޮށި ނެގުމުންނެވެ.

ކަނޑުމަތިން ފެންނަ އިންސާނުންގެ ހަށިގަނޑުގެ ބައިތައް ބޭނުންކޮށްގެން ވަކި މީހަކު ދެނެގަތުމަށްޓަކައި ފޮރެންސިކް ޓީމްތަކުން ޑީއެންއޭ ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ޚަބަރު ލިބެ އެވެ.