އިންޑޮނީޝިއާގެ ސަބްމެރިން އަކަށް ދިމާވި ހިތާމަވެރި ހާދިސާގައި އެ ސަބްމެރިންގައި މަސައްކަތް ކުރި އެންމެން މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
އިންޑޮނީޝިއާގެ ކޭއާރްއައި ނަންގަލާގެ ނަން ދީފައިވާ ސަބްމެރިން ވީނުވީއެއް ނޭނގި ގެއްލުނީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް ކަނޑުގެ 800 މީޓަރު އަޑިން ސަބްމެރިން މިހާރު ވަނީ ހޯދާފަ އެވެ. ސަބްމެރިން އޮތް ސަރަހައްދުގެ ގޮތުންނާއި ލިބިފައިވާ ގެއްލުންތަކަށް ބެލުމަށްފަހު އިންޑޮނީޝިއާގެ ކަނޑުގެ ސިފައިން ވަނީ ސަބްމެރިންގައި ތިބި 53 މީހުން ވެސް މަރުވެފައިވާ ކަމަށް ނިންމާފަ އެވެ.
ހިތާމަވެރި މިހާދިސާއާއި ގުޅިގެން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިންޑޮނީޝިއާގެ ފޮރިން މިނިސްޓަރު ރެޓްނޯ އެލްޕީ މަރްސޫދީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ.
ޝާހިދުގެ މެސެޖްގައި ވިދާޅުވެފައިވަނީ ސަބްމެރިންގެ ހިތާމަވެރި ހަބަރު އެއްސެވީ ފުން ހިތާމަ އާއި އެކުގައި ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ވިދާޅުވެފައިވެ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.
ސަބްމެރީން ގެއްލުނީ ކަނޑުއަޑީގައި މިސައިލުގެ ތަމްރީން ތަކެއް ކުރިއަށް ގެންދަނިކޮށެވެ. ސަބްމެރިން އޮތް ފުން ހިސާބުގެ ގޮތުންނާއި ސަބްމެރިންގައި ހުރީ ތިން ދުވަހުގެ އޮކްސިޖަން ކަމަށްވާތީ ފަޅުވެރިން މިހާރު ތިބޭނީ މަރުވެފައި ކަމަށް އިންޑޮނީޝިއާގެ އަސްކަރީ އޮފިޝަލުން ނިންމެވީ އިއްޔެގެ ވަގުތެއްގަ އެވެ.