ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމްގެ އޮޅުވެލި ރިސޯޓުން 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި 50 މީހުންގެ ތެރެއިން 24 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ރަށުން ޕޮޒިޓިވްވީ މުޅީންވެސް މުވައްޒިފުންނެވެ. އެޗްއީއޯސީން ބުނީ އެ ރިސޯޓުގެ މުވައްޒިފުން ކޮވިޑަށް ޓެސްޓްކޮށްފަައިވަނީ އެ ރަށުން ހަތަރު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.
މިދިޔަ ސައުވީސްގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 50 މީހުންނެވެ. އޮޅުވެލި ރިސޯޓުން 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ގިނަވެފައެވެ. ބިޔާދޫ ރިސޯޓުން 53 މީހަކު ޕޮޒިޓިވްވެފައިވާއިރު ނިޔާމަ ރިސޯޓުން ވަނީ 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މާލެ ސަރަހައްދުގައި އޮތް ސަފާރީއަކުން 24 މީހަކުވެސް ޕޮޒިޓިވްވެފައިވެއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ރާއްޖޭގައި 80 ރިސޯޓް މިހާރު އޮޕަރޭޝަންގައި އޮތްއިރު ރިސޯޓްތަކުގައި ޕޮޒިޓިވްކޭސްތައް ގިނަވަމުންދާ ކަމަށެވެ. މީގެ ކުރިން ރިސޯޓްތަކުގައި އާންމުކޮށް 50-60އާ ދޭތެރޭ އެކްޓިވް ކޭސްތައް ހުރިނަމަވެސް މިހާރު އެ އަދަދު ވަނީ 108 އަށް މަތިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 69 ޓޫރިސްޓުންނާއި 39 މުވައްޒިފުންނެވެ.
ޝަހީދު ވިދާޅުވި ގޮތުގައި މިދަނޑިވަޅުގައި ރިސޯޓްތަކުން ޕޮޒިޓިވް ކޭސްތައް އިތުރުވާނެ ކަމަށް ކުރީންވެސް އޮތީ ބެލެވިފައެވެ. އެއީ ހައިރިސްކު ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުން ގިނަވުމާއި ކޮންމެ ދުވަހަކު އެތަށްހާސް ޓޫރިސްޓުން ރާއްޖެ އަންނަމުންދާތީ އެވެ.
"މިއީ އަޅުގަނޑުމެން އެކްސްޕެކްޓް ކޮށްފައި އޮތް ޓްރެންޑެއް އިނގޭތޯ، މިދަނޑިވަޅުގައި ޕޮޒިޓިވް ކޭސަސްތައް ޓޫރިސްޓް ރިސޯޓްތަކުގައި މައްޗަށް ދާނެ ކަމަށް. އެއީ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަމުންދާ ދަނޑިވަޅެއް އަދި ޓޫރިސްޓުން އަންނަމުންދަނީ ހައިރިސްކު ގައުމުތަކުން،"
ޝަހީދު ވަނީ ރިސޯޓްތަކުގައި ޕޮޒިޓިވްކޭސްތައް ގިނަވަމުންދާތީި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. މުވައްޒިފުން އެކުގައި އެއް ތަނެއްގައި އުޅޭއިރު ފަސޭހައިން ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން ބަލީގެ ކިތަންމެ ކުޑަ އަލާމާތެއް ހުރި ނަމަވެސް އަވަހަށް ފިޔަވަޅު އަޅާ ޓެސްޓް ކުރުމަށް ޝަހީދު ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ރިސޯޓްތަކުގެ މެނޭޖްމަންޓުންވެސް އެފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީ އަބަދުވެސް ޑޮކްޓަރެއް ރިސޯޓްގައި ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.