މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުން ހައްޔަރުކުރި އިދިކޮޅުގެ ސަޕޯޓަރުން ދޫކޮށްލައިފި

ޖިންސީފުރައްސާރައިގެ އަމަލުތަކާއި ދެކޮޅަށް އަދި އެފަދަ މައްސަލަތަކަށް އިންސާފު އަވަސް ކޮށްދިނުމަށް ގޮވާލާ އިދިކޮޅުގެ ސަޕޯޓަރުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތަރު އަންހެނުން މިރޭ ދޫކޮށްލައިފި އެވެ.

ޖެންޑާ މިނިސްޓްރީ ކުރިމަތީ އިިދިކޮޅު ދެ ޕާޓީގެ ސަޕޯޓަރުން މިއަދު އިހުތިޖާޖު ކޮށްފައިވަނީ ޖިންސީފުރައްސާރައިގެ އަމަލުތަކާއި ދެކޮޅަށް އަދި އެފަދަ މައްސަލަތަކަށް އިންސާފު އަވަސް ކޮށްދިނުމަށް ގޮވާލައެވެ. އެ އިހުތިޖާޖުގެ ތެރެއިން ޖެންޑާ މިނިސްޓަރާ ބައްދަލުކުރުމަށް އެދި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން ފޮނުވި ސިޓީއަށް ޖަވާބު ދީފައިނުވާ ކަމަށް ބުނެވެސް އަޑުއުފުލާފައިވެއެވެ. ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބެ ކުރިއަށް ގެންދިޔަ އެ އިހުތިޖާޖުގެ ތެރެއިން ހަތަރު މީހަކު ހައްޔަރު ކުރިއެވެ.

ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށައް ގެންދިޔަ ހަތަރު މީހުންނަކީ އަމުރަށް ނުކިޔަމަންތެރިވެގެން ގެނެވެނު މީހުން ކަމަށެވެ.

ނަމަވެސް ބަންދުގައި އިތުރަށް ނުބައިތިއްބާ އެ މީހުން މިރޭ ވަނީ ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލީ މިރޭ 12 ޖަހާ ބޮޑުވި ފަހުންނެވެ.