މީރާ

ޓެކްސް ގާނޫނަށް ފަސޭހަ ކުރަން ޕޮލިސީއެއް

ޓެކްސް ގާނޫނަށް ތަބާވުން އިތުރުކޮށް، ޓެކުހާއި ގުޅޭ އިލްތިޒާމްތައް އަދާކުރަން ލުއި ފަސޭހަ ކޮށްދޭނެ ޕޮލިސީއެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތައާރަފް ކޮށްފި އެވެ.

މީރާ އިން ބުނީ "ކޮމްޕްލަޔަންސް އިމްޕްރޫވްމެންޓް" ޕޮލިސީއަކީ ޓެކުހާއި ގުޅޭ އިލްތިޒާމްތައް އަދާކުރަން ލުއި ފަސޭހަ ކޮށްދިނުމާއި ޓެކްސް ދައްކާ ފަރާތްތަކުގެ އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ގާނޫނަށް ތަބާވުމަށް މަގުފަހި ކުމުގެ މަގުސަދުގައި ތައާރަފްކުރި ޕޮލިސީ އެއް ކަމަށެވެ.

މި ޕޮލިސީގެ ސަބަބުން ޓެކުހާ ގުޅޭ ގާނޫނުތަކަށް ތަބާވުން އިތުރުވެ، ޓެކްސް ގާނޫނަށް ތަބާ ނުވުން މަދު ވެގެން ދާނެ ކަމަށް މީރާ އިން އުންމީދު ކުރެ އެވެ.

މީރާއިން މީގެ އިތުރުން ތައާރަފް ކޮށްފައި ވަނީ މި އަހަރަށް ހާއްސަ ކޮށްގެން "ކޮމްޕްލަޔަންސް އިމްޕްރޫވްމެންޓް" ޕްލޭނެކެވެ. މި ޕްލޭންގައި ޓެކްސް ދައްކާ ފަރާތްތައް ގާނޫނުތަކާއި ގަވާއިދު ތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށް މި އަހަރަށް ރާވާފައިވާ މައިގަނޑު ހަތަރު ކަމެއް ފާހަގަކޮށްފައިވެ އެވެ.

މީގެ ތެރެއިން އެންމެ މުހިއްމު ކަމަކަށް އިންކަމް ޓެކުހާއި ގުޅޭ އިލްތިޒާމް ތައް ފުރިހަމަ ކުރުމަށް ޓެކްސް ދައްކާ ފަރާތް ތަކަށް މަގު ފަހި ކޮށްދީ އެހީތެރިވުމެވެ. އަދި އަދި، ކޮވިޑް-19 ގެ ސަބަބުން ޓެކްސް ކޮމްޕްލަޔަންސަށް ކުރިމަތިވެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް މަސައްކަތް ކުރުމެވެ.

މީރާއިން ދަނީ ރާއްޖޭގެ ޓެކްސް ގާނޫނުތައް އަމަލު ކުރަން ފަސޭހަ ގޮތަކަށް ބަދަލު ކުރަމުންނެވެ. އަދި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އަސަރުކޮށްފައިވާ ވިޔަފާރިތަކަށް ގާނޫނުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު ލުޔެއްވެސް ދެމުންނެވެ.