އިންޑިއާގެ ބިހާރްގެ ޓީޗަރަކު ކުދިންނަށް ބަޑިން ބިރު ދައްކައިގެން ކިޔަވައި ދެނިކޮށް ރެކޯޑް ކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ވެއްޖެ އެވެ. އަދި އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން މިހާރު މި ޓީޗަރުގެ މައްސަލަ ތަހުގީގު ކުރަން ވަނީ ފަށާފަ އެވެ.
މިމީހާ ކިޔަވައި ދޭން ކުލާހުގައި ހުއްޓާ ނަގާފައިވާ ވީޑިއޯއިން ފެންނަނީ ވަރަށް ކުޑަ ކުދިންތަކަކަށް ކިޔަވައި ދޭން މި މީހާ ހުރިއިރު އެއް އަތުން ބަޑިއެއް ހިފައިގެން ހުއްޓަ އެވެ. މިއީ ބިހާރްގެ މުޒައްފަރްޕޫރު ޑިސްޓްރިކްޓްގެ މިތަންޕޫރާ ކިޔާ ހިސާބެއްގައި ހުންނަ ސްކޫލެކެވެ.
ގާތްގަނޑަކަށް 1.18 މިނިޓުގެ މި ވީޑިއޯގައި ބަޑި ހިފައިގެން ހުރި އެ ބަޑި ކުދިންނާ ދިމާލަށް ދިއްކުރަމުން އެ ޓީޗަރު ކުދިންނަށް ކިޔަން އަމުރު ކުރަމުން ދަނިކޮށް ފެނެ އެވެ. ކުދިން ތިބެނީ ބިންމަތީގައި އަޅާފައި އޮތް ޕްލާސްޓިކް ޝީޓެއް މަތީގައި އިށީނދެ އެވެ. ބޯޑުގައި ލިޔެފައިވާ އިނގިރޭސި އަކުރުތައް ބާރަށް ކިޔުމަށާއި ފޮތުގައި ލިޔުމަށް އެމީހާ ކުދިންނަށް އަމުރު ކުރަމުން ދިޔަ އެވެ.
މި ވީޑިއޯ ރެކޯޑް ކޮށްފައިވަނީ ވެސް އެ މީހާ އަމިއްލައަށެވެ. ބަޑި ހިފައިގެން ޓީޗަރު މީހާ ހުރީމަ ކުދިންތައް ބިރުން އެމީހާ ބުނާ ގޮތަށް ކިޔައި ލިޔެ ހަދާތަން ވީޑިއޯގައި ފެނެ އެވެ. ވީޑީއޯގައި ތިން ހަތަރު ފަހަރަކު އެ މީހާ ވެސް ރީތިކޮށް ފެނެ އެވެ.
މުޒައްފަރްޕޫރުގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރާމް ނަރޭޝް ޕަސްވަން އެހިސާބުގެ ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ އަވަށުގެ މީހުންނާއި ޓީޗަރާ ވާހަކަ ދައްކައި އެމީހުންގެ ފަރާތުން މިކަން ހިނގި ގޮތުގެ މައުލޫމާތު ހޯދަމުންދާ ކަމަށެވެ.
އަދި މި ޓީޗަރު ކިޔަވައިދޭ ސްޓައިލުން ފުލުހުންނަށް ވެސް ޝޮކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓީޗަރުން އާއްމު ގޮތެއްގައި ކިޔަވައި ދޭއިރު ގެންގުޅޭނީ ޗޯކު، ފަންސުރު، ގަލަން އަދި ފޮތް ފަދަ ތަކެތި. ބަޑިއެއް ހިފައިގެން ހުރެ ކުދިން ތަކަކަށް ޓީޗަރަކު ކިޔަވައި ދެނިކޮށް އަދި ކިރިޔާ މި ފެނުނީ. މި ޓީޗަރާ ދެކޮޅަށް ވަރަށް ސީރިއަސް މައްސަލަތަކެއް ޖެއްސޭވަރުގެ ކަމެއް މީ ހަގީގަތުގައި،" ޕޮލިސް އޮފިޝަލް ވިދާޅުވި އެވެ.
ބިހާރްގެ ސަރަން ޑިސްޓްރިކްޓްގައި ވެސް މި ފަދަ ހާދިސާއެއް މީގެ ކުރިން ހިނގާފައި ވެއެވެ. މި ހާދިސާގެ ވީޑިއޯގައި އެ ޓީޗަރު ބަޑިއެއް އަތުން ހޫރަމުން ކްލާހެއްގެ ތެރެއަށް ވަންނަ ތަން ފެނެ އެވެ. ނަމަވެސް ބަޑި ހިފައިގެން މި ޓީޗަރު ކުލާހަށް ވަން ސަބަބު ތަފާތެވެ.
މި ޓީޗަރު ބަޑީ ހިފައިގެން ހުރީ އެ ހިސާބުގަނޑުގައި އުޅޭ ގުންޑާއިންގެ ބަޔަކު އެ މީހާ މަރާލާނެކަމުގެ އިންޒާރު ދީފައި އޮތީމަ ކަމަށް ވެއެވެ. އެމީހާ ސްކޫލަށް ބަޑި ހިފައިގެން އައީ އެހެންވެ ކަމަށާއި އެ ބަޑިން އެއްވެސް ކުއްޖަކަށް ބިރުދައްކާ ނުހަދާ ކަމަށް އެމީހާ ބުނެފައި ވެއެވެ. ނަމަވެސް މިފަހަރު ވައިރަލްވި ވީޑީއޯގައި ޓީޗަރު ބަޑިހިފައިގެން ހުރީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ.