ހަބަރު

26 ރަށަށް ފެން ޓެސްޓް ކުރާ އާލާތް ހޯދަން އަލުން ބީލަމަށް

Jan 12, 2021
3

ސައްބީސް ރަށަށް ބޭނުން ވާނެ ފެން ޓެސްޓް ކުރާ އިކުޕްމެންޓް ހޯދަން ކުރި އިއުލާނު ބާތިލުކޮށް، އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެންވަޔަރުމަންޓްގެ އިއުލާނެއްގައި ބުނަނީ މި މަސައްކަތަށް ފަންޑު ކުރަނީ އެ މިނިސްޓްރީ އާއި ގްރީން ކްލައިމެޓް ފަންޑު ގުޅިގެން ކަމަށެވެ. މި ސާމާނު ބޭނުން ވަނީ މި ޕްރޮގްރާމުން ހިންގާ "ޕޯޓިން ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓާ ޝޯޓޭޖަސް" ގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށެވެ.

މި ކަމަށް އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ނަމަވެސް، އެ އިއުލާނު އެންވަޔަރުމަންޓް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ. ބާތިލް ކުރި ސަބަބެއް ކަމަށް ބުނީ އެ މަސައްކަތް ކޮށްދޭން ހުށަހެޅި އަގު ބޮޑު ކަމަށް އެ މިނިސްޓްރީ އަށް ފެނުމެވެ.

އެހެން ކަމުން މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި މަސައްކަތަށް ބޭނުންވާ ސާމާނުގެ ޓެކްނިކަލް ސްޕެސިފިކޭޝަން އަދި "ޓާމްސް އޮފް ރިފަރެންސް" އެ މިނިސްޓްރީން ވަނީ އާއްމު ކޮށްފަ އެވެ. އަދި މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންނަމަ އެ މިނިސްޓްރީ އަށް އީ-މެއިލް ކުރަން ވެސް އެދިފައިވެ އެވެ.

މި މަަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އަދި މި މަސައްކަތް ކުރަން ބީލަން ހުށަހަޅަން ޖެހެނީ 21 ވަނަ ދުވަހުގެ ކުރިންނެވެ.