ރާއްޖޭގެ 19 ރަށެއްގެ ފެން ފަށަލަ ދިރާސާކޮށް އިއާދަ ކުރެވޭނެ ފަރުމާ ތައްޔަރު ކުރުމުހގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ ރަށް ރަށުގެ ފެން ފަށަލަ ދިރާސާކޮށް އިޔާދަ ކުރަން ގާއިމްކުރާނެ ވަސީލަތްތަކުގެ ފީސިބިލިޓީ ހަދައި، ކޮންސެޕްޓާއި ޑީޓެއިލްޑް ޑިޒައިން ތައްޔާރު ކުރަން ހަވާލު ކުރީ ރިޔަން ޕްރައިވެޓް ލިމިޓެޑާއި އިޕޮކް އެސޯސިއޭޓްސް އާ އެވެ.
އެ އެއްްބަސްވުމުގައި އެންވަޔަރަންމެންޓް މިނިސްޓްރީން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ އެވެ. ރިޔަން ގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު މަރިޔަމް މުހައްމަދު ޒަކީ އެވެ. އީޕޮކްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުއާވިޔަތު އަބްދުއްސައްތާރެވެ.
ނުވަ މަސްތެރޭ ނިންމާގޮތަށް މި މަސައްކަތް ހަވާލުކުރީ 7.2 މިލިއަން ރުފިޔާ އަށެވެ.
ފެން ފަށަލަ ދިރާސާ ކުރާ ރަށްރަށަކީ އއ. މަތިވެރި އާއި އަތޮޅުގެ ހިމަންދޫ އާއި އދ. ކުނބުރުދޫ އާއި ދ. ބަނޑިދޫ އާއި އެ އަތޮޅުގެ ހުޅުދެއްޔާއި މ. ނާލާފުއްޓާއި އެ އަތޮޅުގެ ވޭވަށާއި ތ. ކަނޑޫދޫ އާއި އެ އަތޮޅުގެ ވަންދޫ އާއި އޮމަދު އާއި ދިޔަމިގިއްޔާއި ގާދިއްފުއްޓެވެ.
ދެން ހިމެނެނީ ށ. ފޯކައިދޫ އާއި ގއ. މާމެންދޫ އާއި އެ އަތޮޅު ނިލަންދޫ އާއި ގދ. ފަރެސްމާތޮޑާ އާއި އެ އަތޮޅުގެ ރަތަފަންދޫ އާއި ނަޑެއްލާ އަދި ހޯޑެއްދޫ އެވެ.
މިއީ ގްރީން ކްލައިމެޓް ފަންޑް ޕްރޮޖެކްޓްގެ ދަށުން ހިންގާނެ މަޝްރޫއެކެވެ. އަދި މި މަޝްރޫއަކީ 9، 2017 އިން ފެށިގެން ފަސް އަހަރު ދުވަހަށް ފެނުގެ ހިދުމަތް ހަރުދަނާ ކުރަން ހިންގާ މަޝްރޫއެކެވެ.
މުޅި މަޝްރޫއުގައި ރާއްޖޭގެ 29 ރަށެއްގެ 19,871 ރައްޔިތުންގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރުކޮށްދީ، ފެނުގެ ފަށަލަ ދިރާސާ ކޮށް މޮނިޓާ ކުރުމާއެކު ހޫނު މޫސުމުގައިި ފެނަށް ޖެހޭ ރަށްރަށަށް ފެންފޯރު ކޮށްދޭނެ ޕްލޭން އެކުލަވާލާނެ އެވެ. ރާއްޖޭގައި ކޮންމެ އަހަރަކު ވެސް އަހަރުގެ ކުރީކޮޅު ގިނަ އަދަދެއްގެ ރަށްރަށަށް ފެނަށް ޖެހި ފެން ފޯރުކޮށްދޭން ޖެހެ އެވެ.