ހަބަރު

އެމްއެމްޕީއާރުސީ އިން ފުލުހުންނަށް ބޮޑެތި ހަރަދުތަކެއް ކުރި މައްސަލަ ބަލަނީ

Oct 25, 2015

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ، އެމްއެމްޕީއާރުސީ އިން ބައެއް ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބޭ ފައިސާއަށް ވާ ގޮތް ބުނެދިނުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ބުނެ ނުދެވުނު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުލުހުންނަށް ބޮޑެތި ހަރަދުތައް ކޮށްފައިވާ އިރު، ފުލުހުންނަށް ބައެއް ތަކެތި ގަންނަން ކޮށްފައި ހުރި ރަސްމީ ރިކުއެސްޓް ސިޓީތައް ޒިޔަތުގެ އެޕާޓްމަންޓުން ފެނިފައިވާ ކަމަށެވެ. އަދި ފުލުހުންނަކީ ބަޖެޓް ދީގެން ހިންގާ މުއައްސަސާއަކަށް ވާއިރު އެމްއެމްޕީއާރުސީ އަށް ފުލުހުން އެހީއަށް އެދެން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން އެފަދަ ރަސްމީ ރިކުއެސްޓް ސިޓީތައް ސީދާ ޒިޔަތުގެ އެޕާޓްމަންޓްގައި ހުންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ފުލުހުންނަށް ބޮޑެތި ހަރަދުތަކެއް އެމްއެމްޕީއާރުސީގެ ތެރެއިން ކޮށްފައި އެބަ ހުރި. އެހެންވެ ފުލުހުން ދާން ޖެހުނީ ޒިޔަތުގެ އެޕާޓްމަންޓަށް. އެތަނުން ސީދާ ފުލުހުން އެކި ކަންކަމަށް ކޮށްފައި ހުރި ރަސްމީ ރިކުއެސްޓް ސިޓީތައް ފެނުނު. އަޅުގަނޑަކަށް ނުވިސްނޭ ޒިޔަތުގެ އެޕާޓްމަންޓްގައި އެތަކެތި ހުންނަން ޖެހޭ ސަބަބެއް. ޒިޔަތާ އެކަމާ ސުވާލު ކުރީމައި އެކަމުގައި އެއްބާރުލުމެއް ނުދެއްވި. ހަނުހުންނެވީ. އެ ހިސާބުން ދެން ފުލުހުންނަށް ޒިޔަތު ހައްޔަރު ކުރަން މި ޖެހުނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބޭ ފައިސާ އާއި އެ ފައިސާ ހަރަދު ކުރާ ގޮތާ މެދު ވެސް ފުލުހުން ޒިޔަތާ ސުވާލު ކުރުމުން ވެސް އެކަމަށް ޖަވާބެއް ނުދެއްވި ކަމަށެވެ. އެހެން ނަމަވެސް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމާ ބެހޭ ގޮތުން ފުލުހުން ތަހުގީގުގައި ކުރާ ސުވާލުތަކަށް ޖަވާނު ދެއްވަން ޖެހޭ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ކަމެއް ފޮރުަވަން ނޫން ގޮތަކަށް އެފަދަ ހާލަތެއްގައި ކުރާ ސުވާލަކަށް ޖަވާބު ނުދީ ހުންނަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

"ފުލުހުން މިހާރު އެދަނީ އެމްއެމްޕީއާރުސީގެ އެކައުންޓާއި އެތަނަށް ވަންނަ ފައިސާއަށް ވެފައި ހުރި ގޮތްތައް ބަލަމުން. ޒިޔަތު ވެސް ހައްޔަރު ކުރަން މި ޖެހުނީ އެހެން ވެގެން. ކަމެއް ފޮރުވަން ނޫނިއްޔާ ސުވާލަކަށް ޖަވާބު ނުދީ ހުންނަން ޖެހޭ ސަބަބެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ޒިޔަތުއާ ބައްދަލު ކުރައްވާ ވެސް ތަހުގީގަށް އެއްބާރުލުން ދެއްވުމަށް ދެންނެވި ކަމަށާއި ޒިޔަތު އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ޒިޔަތު ތަހުގީގަށް އެއްބާރުލުން ނުދެއްވުމުން، ނައިބު ރައީސް އަދީބަށް ގުޅުއްވައި ޒިޔަތުގެ ކިބައިން އެއްބާރުލުން ހޯއްދެވުމަށް ދެންނެވި ނަމަވެސް ނައިބު ރައީސް ވެސް އެކަން ނުކޮށްދެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާގެ މުއާމަލާތްތައް ބެލުމަށް އެދިވަޑައިގަތުމުން އޭގެ ތަފްސީލްތައް ދެއްވާނެ ކަމަށް ނައިބު ރައީސް އަދީބު ވިދާޅުވި ނަމަވެސް މިހާތަނަށް އޭގެ އެއްވެސް ތަފްސީލެއް މިވީހާ ދުވަހު ދީފައި ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްވެސް އެއްބާރުލުމެއް މިކަމުގައި ނުލިބުނު. އެކަމަކު ނައިބު ރައީސްގެ ދަށުން ހިންގަވާ ތަނަކުން ހިނގާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް މިއީ އިނގެން ޖެހޭ އެއްޗެއް. އެ ތަފްސީލްތައް ފޮރުވިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގުތަކުގައި މިހާރު އެކަންކަން ވެސް ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.