ޝަރުއީ ދާއިރާ ރިފޯމް ކުރުން

ފަނޑިޔާރާ މުވައްޒަފާ ގުޅުން ނެތްކަން ކަށަވަރުކާ އިސްލާހެއް

ފަނޑިޔާރުން އައްޔަން ކުރުމާއި އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރާއިރު، އެ ކޯޓެެއްގައި މަސައްކަތް ކުރާ މުވައްޒަފަކާއި ކައިވެނީގެ ނުވަތަ އާއިލީ ގޮތުން ގުޅުމެއް ނެތްކަން ޔަގީން ކުރުމުގެ ގޮތުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގަވައިދުތައް އިސްލާހު ކޮށްފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެ ކޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފަކާއި ކައިވެނީގެ ނުވަތަ އާއިލީ ގޮތުން ގުޅުމެއް އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވުމުގެ އިތުރުން ފަނޑިޔާރުން އައްޔަނު ކުރުމާއި އެއް ކޯޓުން އަނެއް ކޯޓަށް ފަނޑިޔާރުން ބަދަލު ކުރާއިރު އެކަމަށް ރިއާޔަތް ނުކޮށްފިނަމަ، ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވައިދާ ފުށުއެރުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެ ގަވައިދުގެ 70 ވަނަ މާއްދާގައި ވަޒީފާއަށް އައްޔަނުކުރެވޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ކޯޓެއްގެ ފަނޑިޔާރާކާއި ނުވަތަ އިސްވެރިއަކާއި އާއިލާ ގޮތުން ނުވަތަ ކައިވެނީގެ ގޮތުން ގުޅުމެއް އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

އެހެންކަމުން އެކަން ހައްލު ކުރުމަށް ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ އިތުރުން ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލު ކުރުމުގައި އަމަ ލުކުރާނެ ގޮތުގެ ގަވާއިދު އިސްލާހު ކުރަން މިދިއަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުން ވަނީ ނިންމާފަ އެވެ.

އެ ދެ ގަވައިދު އިސްލާހުކޮށް، މިއަދު ގެޒެޓް ކޮށްފައި ވަނީ، ފަނޑިޔާރަކު ކޯޓަކަށް އައްޔަން ކުރެވޭނީ ނުވަތަ އެހެން ކޯޓަކަށް ބަދަލު ކުރެވޭނީ، ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވައިދުގެ 70 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދަ ގުޅުމެއް އޮތް މުވައްޒަފަކު އެ ކޯޓެއްގައި ނެތް ނަމަ ކަމަށް ހިމަނައިގެނެވެ.

ޖޭއެސްސީން ފަހަކަށް އައިސް އަންނަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ގޮތުން، ފަނޑިޔާރުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.