އެފްއޭއެމް

ރެފްރީންގެ ކިޓް ހަދަން ޖާޒިއާ އާއެކު ސޮއިކޮށްފި

ފުޓްބޯޅަ ސީޒަންގެ 2020-2021 ގައި ރެފްރީން ބޭނުން ކުރާނެ ކިޓް ތައްޔާރު ކުރަން ލޯކަލް ސްޕޯޓްސް ވެއާ ބްރޭންޑް "ޖާޒިއާ" އާއެކު އެފްއޭއެމުން އެއްބަސްވުމެއް ހަދައިފި އެވެ.

ޖާޒިއާ އަކީ ދިވެހި ޕްރިމިއާ ލީގްގެ ޕާޓްނަރެއްވެސް މެއެވެ. ލީގްގެ އިތުރުން އެފްއޭ ކަޕް، ޕްރެޒިޑެންޓް ކަޕް އަދި އަންނަ މަހު ފަށާ ތިން ވަނަ ޑިވިޝަނާއި ސީޒަންގެ ފަހު ކޮޅުގައި އޮންނަ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ އިތުރުން އަތޮޅުތަކުގެ ފުޓްބޯޅަ މުބާރާތް، ޖަޒީރާ ޗެމްޕިއަންޝިޕްގައި ވެސް ރެފްރީން ބޭނުން ކުރާ ޖޯޒީ ކިޓް ތައްޔާރު ކޮށް ފޯރުކޮށް ދޭނީ ޖާޒިއާ އިންނެވެ.

ޖާޒިއާ އާއެކު އެފްއޭއެމުން ހެދި އެއްބަސްވުގައި، އެފްއޭއެމްގެ ފަރާތުން ސޮއި ކުރީ، އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު އެވެ. ޖާޒިއާގެ ފަރާތުން ސޮއި ކުރީ ހަސަން ދިލްޝާމް އެވެ. ޖާޒިއާ އަކީ އެފްއޭއެމުން އެއްބަސްވުން ހެދި ސްޕޯޓްސް ވެއާ ކުންފުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ޖޯޒީ ފޯރުކޮށް ދޭން އެފްއޭއެމުން އެއްބަސްވުން ހަދާފައި ވަނީ، ސްޕެއިންގެ ސްޕޯޓްސް ވެއާ ކުންފުނި "ކެލްމޭ" އާއެކު އެވެ. ފުޓްބޯޅަ ސީޒަނަށް ބޯޅަ ފޯރުކޮށް ދެނީ ޖަޕާންގެ "މޯލްޓަން" ކުންފުނިންނެވެ.