ހަބަރު

އަދީބު ހުރިހާ ޒިންމާތަކަކުން ދުރުކޮށްފި

Oct 25, 2015
2

މިހާރު ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބާ ހަވާލުކޮށްފައިވާ ހުރިހާ ޒިންމާތަކުން ރައީސް އަބްދުﷲ ޔާމީން މިއަދު އެމަނިކުފާނު ދުރުކުރައްވައިފި އެވެ.

ރައީސް މިއަދު ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގައި ނައިބު ރައީސްގެ އަތެއް ވާކަމަށް ބެލެވޭތީ އާއި އެމަނިކުފާނުގެ މައްޗަށް ކުރެވޭ އެހެން ތުހުމަތުތައް ތަހުގީގު ކުރަމުން ދާތީ އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމުންނާއި އެސްއީޒެޑް ބޯޑްގެ ޗެއާމަން ކަމުގެ މަގާމުން އެމަނިކުފާނު ދުރު ކުރައްވާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިނގަމުން އަންނަ ޓޫރިޒަމް މިނިސްޓްރީ އަށް ވެސް ދާއިމީ ކޮށް ވަރަށް އަވަހަށް މިނިސްޓަރެއް ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އިކޮނޮމިކް ކައުންސިލާއި އެސްއީޒެޑް ބޯޑަށް ޗެއާމަނެއް މިއަދު އައްޔަން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނައިބު ރައީސްއަށް ވަރަށް ގިނަ ބާރުތަކެއް ދެއްވި ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނުނިކުތެވެ. ރައީސް ވިދާޅުވީ ދެން މީގެ ފަހުން އިކޮނޮމިކް ކައުންސިލާއި ސޯޝަލް ކައުންސިލްގެ ހުރިހާ ކަމެއް ބައްލަވާނީ ރައީސް ކަމަށެވެ. އަދި އިންވެސްޓްމަންޓްތަކާއި ގުޅޭ ކަންކަމާއި ޒުވާނުންގެ ވައުދުތަކުގެ ކަންތައްތައް ސީދާ ބައްލަވާނީ ރައީސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ ސަބަބުން މަސައްކަތުގެ ސްޕީޑް އަވަސްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރިން އަޅުގަނޑު ދެ ކައުންސިލް އުފައްދައިގެން ނައިބު ރައީސުންނަށް ބާރު ދީގެން ގެންދިޔައީ. އެހެން ނަމަވެސް އެގޮތަށް ގެންިދޔައިމާ ކުރިއަށް އޮތްތަނުގައި ވެސް މައްސަލަތަކެއް ނިކުމެދާނެތީ އަޅުގަނޑުމެން ވިސްނުން މިހުރީ ސީދާ އަޅުގަނޑޭ މިފަހުން ކަންކަން ބަލާނީ،" ރައީސް ވިދާޅުވި އެވެ.

ވަކި މީހަކު ނެތުމުގެ ސަބަބުން ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތަކަށާއި ތަރައްގީއަށް ބުރުލެއް ނާރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރުން ކުރިއަށް ގެންދަން ހުރި މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.