ދުނިޔެ

ޓާމް ކުޑަތަންވެފައި ވަނިކޮށް ޓްރަމްޕް މަގާމުން ދުރުކުރަނީ ކީއްކުރަން؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ބޮޑު ކުށްވެރިއެއް ކަމަށް ކަނޑައަޅައި އެ މަނިކުފާނު މަގާމުން ދުރު ކުރުމުގެ ބޭނުމެއް މިހާރު ދެން ކޮބައި ހެއްޔެވެ؟ ރައީސް ޓްރަމްޕްގެ ދައުރު ނިމެން އަށެއްކަ ދުވަހަށް ވެފައި ވަނިކޮށް މަގާމުގެ ޝަރުތު ހަމަ ނުވާ ކަމަށް ނިންމައި "ކޮއްޕާ ގަޅުވައި" އޮފީހުން ބޭރު ކުރަން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން މަސައްކަތް ކުރަނީ ކީއްވެގެން ބާވަ އެވެ؟

ރައީސް ޓްރަމްޕްއަށް ވަފާތެރި ސަޕޯޓަރުން މި މަހުގެ ހަވަނަ ދުވަހު ގާނޫނު ހަދާގެ، ކެޕިޓަލްއަށް ވަދެގަނެ ހަމަނުޖެހުން ހިންގައި ދުނިޔެ ލަދު ގަންނަ ވަރަށް ލައިހޫރިގަތީ ރައީސް ޓްރަމްޕް ވިދާޅު ވެގެނެވެ. އެ ދުވަހު ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅު ތަކުންނާއި ފުލުފުލުގައި ކުރެއްވި ޓްވީޓްތަކުން އެކަން ރަނގަޅަށް ސާބިތު ކުރެވިދާނެ އެވެ. އެ ދުވަހު އެ މަނިކުފާނު ވިދާޅުވި ގޮތުން ސަޕޯޓަރުން ދެކެ ވަރަށް ބޮޑަށް ލޯބިވެވަޑައިގަންވަ އެވެ. އަދި އެ މީހުނާ އެކުގައި ވެ ވަޑައިގަންނަވަ އެވެ.

އިދިކޮޅު ޑިމޮކްރޭޓުން ދެކޭ ގޮތުަގައި ރައީސް ޓްރަމްޕްްގެ މި އަމަލަކީ ގާނޫނީ ދައުލަތަކާ ދެކޮޅަށް ނުކުމެ ހަމަނުޖެހުން އުފައްދަން ގޮވާ ލެއްވުމެކެވެ. ރައީސް ޓްރަމްޕް ކުރައްވަން އުޅުއްވީ ވަރަށް ފިނޑި އަމަލެއް، އެކަމަކު ބަޣާވާތެކެވެ.

ޑިމޮކްރެޓުން ބުނާ ގޮތުގައި ރައީސް ޓްރަމްޕް މަގާމުން ދުރުކުރަން އަވަސް ކުރަން ޖެހެ އެވެ. އަދި މިއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތެކެވެ.

ރައީސް ޓްރަމްޕް މަގާމުން ދުރު ކުރަން ކުރަން ހުރި މަސައްކަތްތައް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ކޮޅެއްގައި ޖައްސައި ސެނެޓަށް ފޮނުވީ އެވެ. ސެނެޓްގައި މި މައްސަލަ ތަހުގީގުކޮށް ބަލައި ރައީސް ޓްރަމްޕް ކުށްވެރިވާ ކަމަށް ވެސް ނިންމީ އެވެ. މި ހިސާބުން ޓްރަމްޕްއާ މެދު ދެން ކަންތައް ހިނގައިދާނެ ގޮތްތަކެއް ވެސް އެބަހުއްޓެވެ.

އިތުރު ޓާމަކަށް ކުރައްވާ އުންމީދު ފެނަށް

އެމެރިކާގެ ރައީސަކު، އޮފީހުން ބޭރު ކުރުމަށް ސެނެޓުން ނިންމައިފި ނަމަ، އޭނާއަށް ދެވަނަ ޓާމަކަށް ފުރުސަތު އޮތް ނަމަ ވެސް އެ ފުރުސަތު މުޅި އުމުރަށް ގެއްލިގެން ދާނެ އެވެ. މިފަދަ ހާލަތެއް ރައީސް ޓްރަމްޕަށް ދިމާވެވަޑައިގެންފި ނަމަ އެކަން ވާނީ އެ މަނިކުފާނަށް ވަރަށް ހިތާމަހުރި ކަމަކަށެވެ. ސަބަބަކީ، 2024 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު އިއުލާން ކުރައްވާފައިވާތީ އެވެ. އަދި މިކަން ވެގެން ދާނީ އެމެރިކާގެ ތާރީހަށް ވެސް އަންނަ ވަރަށް ބޮޑު ބަދަލަކަށެވެ.

ރައީސް ޓްރަމްޕް މަގާމުން ދުރު ކުރުމަށް ޑިމޮކްރެޓުން އިސްވެ މަސައްކަތް ކުރާއިރު ރިޕަބްލިކަން މެންބަރުންގެ ތެރޭގައި ވެސް އެކަމާ ރުހޭ މެންބަރުން އެބަ ތިއްބެވި އެވެ. މީގެ ތެރެއިން ބައެއް ބޭފުޅުން ވަނީ 2024 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ޝައުގުވެރިވެ ވަޑައިގަންނަވާކަން ފާޅު ކުރައްވާފަ އެވެ. އެހެން ކަމުން އެބޭފުޅުން މިހާރު ވެސް ތިއްބެވީ ރައީސް ޓްރަމްޕް "ކޮށްޕާ ބޭރު ކޮށްލަން" ޑިމޮކްރޭޓުންނަށް ވާގިވެރިވާން ތައްޔާރަށެވެ. އެ މަސައްކަތް އޮތީ ސިޔާސީ އެދުންވެރި ކަމާއި ސިޔާސީ ބަދަލު ހިފުމަކަށް ބަދަލުވެފަ އެވެ.

ކުރީގެ ރައީސުންގެ އިނާޔަތުން ބައެއް އުނިވުމުގެ ބިރު

އެމެރިކާގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މުޅި އުމުރަށް ލިބިވަޑައިގަންނަވާ ރަނގަޅު އަހަރީ ޕެންޝަނެއް އެ ގައުމުގައި އޮވެ އެވެ. އެ ޕެންޝަނަކީ އެކި އަހަރު އެކި މިންވަރު ނަމަވެސް އެއީ އިތުރުވަމުން އަންނަ އަދަދެކެވެ. މި އަހަރު، 2020 ގައި 219،200 ޑޮލަރު ލިބި ވަޑައިގަންނަވާނެ އެވެ.

ދައުރު ނިންމަވާ ރައީސުންނަށް އެމެރިކާއިން އެ ބޭފުޅަކު ބޭނުންފުޅުވެލައްވާ ތަނަކުން އޮފީސް އިމާރަތަކާއި މުވައްޒަފުން ސަރުކާރުް ހަމަޖައްސައި ދެވެ. އަދި އަނބި / ފިރިންނަށް އަހަރަކު 20،000 ޑޮލަރު ސަރުކާރުން ދެ އެވެ.

ސީކްރެޓް ސާވިސްގެ ހިމާޔަތް

ރައީސް ޓްރަމްޕްއާ މެދު ގޮތް ނިންމުމާއި އެ މަނިކުފާނަށް ސީކްރެޓް ސާވިސްގެ ހިމާޔަތް ދިނުމުގައި ނިންމާނެ ވަކި ގޮތެއް ކަނޑައަޅައި އަދި މުޅިއަކުން ނުނިންމަ އެވެ. އެހެންކަމުން އަދި މިއީ ދެކޮޅަށް ދެމޭ ފެން ކޯރެއްހެން އޮތް ބަހުސެކެވެ. އެކަމަކު މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން އެމެރިކާގެ ގިނަ މީހުންގެ އުންމީދަކީ ޓްރަމްޕަށް ވެސް މި ޚިދުމަތް ލިބި ވަޑައިގަތުމެވެ.