ޑރ. މުހައްމަދު މުއިއްޒު

"ލިޔުން ލިބުނު މީހުންގެ އަތުން ފްލެޓް އަތެއް ނުލެވޭނެ"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދީފައިވާ އެއްވެސް މީހެއްގެ އަތުން ފްލެޓް އަތުނުލެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓް ކުރިއަށް ދިޔަ ދުވަސްވަރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުއިއްޒު މިހެން ވިދާޅުވީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ހަވާލުކުރި ކޮންމެ މީހަކަށްވެސް އެ ލިޔުން ދިނީ އުސޫލުގެ ތެރެއިން ދެފުށްފެންނަ ސިޔާސަތެއްގެ ދަށުން ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް ފްލެޓް ލިސްޓަށް ބަދަލު ގެނެސް އެތަށް ސަތޭކަ ބައެއްގެ އަތުން ފްލެޓް އަތުލާފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެއީ ރައްޔިތުންނަށް މި ސަރުކާރުން ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

"އެއްވެސް ހައްގުން ކަމަކާ ނުލައި އެތަށް ރައްޔިތުންނެއްގެ އަތުން މި ވަނީ ފްލެޓް އަތުލާފައި. އަޅުގަނޑު ހިތަށް އަރާ މިއީ ކޮންކަހަލަ ސަރުކާރެއް ބާއޭ. ހާދަ އަނިޔާވެރި ސަރުކާރެކޭ. ކޮބައިހޭ އެ ރައްޔިތުން ކުރި ކުށަކީ،"

މުއިއްޒު ވިދާޅުވީ ފްލެޓް އަތުލި އާއިލާތައް މިހާރުވެސް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށާ ސަރުކާރަށް އެ މަންޒަރު ނުފެންނަ ކަމީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ހާލަތު ބަދަލުވެފައިވާ ކަމަށް ބުނެ ފްލެޓް އަތުލުމަކީ ގަސްތުގައި އެ ރައްޔިތުންނަށް ދިން އަނިޔާއެއް ކަމަަށެވެ.

މުއިއްޒު ވިދާޅުވީ ވެރިކަމުގެ ތިން ވަނަ އަހަރު ފެށިފައިވާއިރު އިތުރު ފްލެޓްތަކެއް އެޅުމަށް މި ސަރުކާރުން ކުރި އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ކުރީ ސަރުކާރުން ނިންމާފައިވާ ފްލެޓްތައްވެސް ރައްޔިތުންނާއި ހަވާލުކުރެވިފައިނުވާ ކަމަށެވެ. އެއީ ނާގާބިލް ކަމުގެ އިންތިހާ ކަމަަށް ވިދާޅުވެ މުއިއްޒު ވަނީ ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑު މިހާރުން މިހާރަށް ގޮވާލަން ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދީފައިވާ ހުރިހާ ރައްޔިތުންނަށް މިހާރުން މިހާރަށް ފްލެޓްތައް ހަވާލު ކުރުމަށް. އަނިޔާވެރި ކަމާއެކު ފްލެޓްތައް އަތުލުމުގެ އެއްވެސް ހައްގެއް ނޯންނާނެ މި ސަރުކާރަކަށް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް އަދި އެ ފަދަ މަޝްރޫއުއަކަށް ފައިސާ ހޯދާނެ ގޮތެއްވެސް މި ސަރުކާރަށް ނޭންގޭ ކަމަށެވެ. މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓަށް ބަދަލު ގެނެސް މަސައްކަތް ކުރަމުންދަނީ މި ސަރުކާރުން ބޭނުން ބަޔަކަށް ފްލެޓް ދިނުމަށް ކަމަށެވެ. އަދި މިހާރުވެސް ވަކި ބަޔަކަށް ފްލެޓް ދޭން ވެެގެން ފޯމް ފުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކުރައްވައިފިނަމަ ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންގެ ހައްގުގައި މަަސައްކަތް ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މާލޭގެ އެއްވެސް ރައްޔިތަކަށް އަނިޔާއެއް ދެރައެއް ލިބޭ މަންޒަރު ބަލަން ނުހުންނަވާނެ ކަމަށެވެ.