ޑރ. މުހައްމަދު މުއިއްޒު

"ވަކި ބަޔަކަށް ފްލެޓް ދޭން ފޯމް ފުރާ ކަމުގެ ތުހުމަތު"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދީފައިވާ މީހުންގެ އަތުން ފްލެޓް އަތުލުމަށް ފަހު މި ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓް ދޭން ފޯމް ފުރަމުން ގެންދާ ކަމުގެ މަައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ހަވާލުކުރި ކޮންމެ މީހަކަށް ވެސް އެ ލިޔުން ދިނީ އުސޫލުގެ ތެރެއިން ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް ފްލެޓް ލިސްޓަށް ބަދަލު ގެނެސް އެތައް ސަތޭކަ ބައެއްގެ އަތުން ފްލެޓް އަތުލާފައިވާ ކަމަށެވެ. އަދި އެ ފްލެޓްތައް ވަކި ބަޔަކަށް ދޭން ފޯމް ފުރާ ލިޔެކިޔުންތަކަށް ބަދަލު ގެންނަންމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި މިހާރު ކުރާ ކަމަކީ ފޯމް ފުރަނީ މީހުން ގެންގޮސްގެން. ހަގީގަތުގައި ވެސް، މިއީ ކަން ހިނގާ ގޮތް އެނގޭތޯ. ފޯމް ފުރާފައި ނިކަމަތިކޮށް އުޅޭ މީހާ ބޭރުކޮށްލާފައި މި މީހުންގެ މީހުން އެއަށް ލަނީ. އެކަން އެބަ ހިންގާ މިހާރު ވެސް. އެހެންވީމަ މި ލަސްވަނީ އަސްލުގައި. މިއީ ލަސްވާ ސަބަބަކީ. އަޅުގަނޑު ގޮވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، މާލެ ރައްޔިތުންނަށް މިފަދަ އަނިޔާ ނުދެއްވުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން ހިޔާ ފްލެޓް ލިސްޓަށް ބަދަލު ގެނެސް ވަގުތީ ލިސްޓްތަކެއް ނެރެފައިވާއިރު މިހާރުވެސް އެތައް ސަތޭކަ ބަޔަކު ލިސްޓުން އުނިކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ފްލެޓް އަތުލި އާއިލާތައް މިހާރު ވެސް ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލުގައި ކަމަށާ ސަރުކާރަށް އެ މަންޒަރު ނުފެންނަ ކަމީ ހިތާމަ ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހާލަތު ބަދަލުވެފައިވާ ކަމަށް ބުނެ ފްލެޓް އަތުލުމަކީ ގަސްތުގައި އެ ރައްޔިތުންނަށް ދިން އަނިޔާއެއް ކަމަަށެވެ.

"އަޅުގަނޑު ހިތަށް އަރާ ރައީސް ސޯލިހް ހަމަޖެހިލައްވައިގެން ގެއަށް ވަޑައިގެން ނިދިކުރެއްވޭތޯއޭ ރޭގަނޑު، މާލެ ރައްޔިތުންނަށް މި އަނިޔާ ދެއްވާފައި. ކޮން ހައްގެއްތޯ އޮތީ ރައްޔިތުންނަށް މި އަނިޔާ ދޭން. ކިހާ ނިކަމެތި ކަމެއްތޯ ރައްޔިތުންނަށް އެދެނީ. އަޅުގަނޑު ހަމަ އަޖައިބުވޭ މިކަހަލަ އަނިޔާވެރި ކަންކަން ކުރިމަތިކުރާތީ. އެތަށް ހާސް ރައްޔިތުން އެ ތިބީ ނިކަމެތިވެފައި،"

ކުރީ ސަރުކާރުން ލިޔުންދިން އެތަށް ސިވިލްސާވަންޓުންނާއި ޓީޗަރުންނާއި ޑޮކްޓަރުން އަދި ނުކުޅެދޭ މީހުން ނިސްބަތްވާ އެތަށް އާއިލާއެއް މި ސަރުކާރުން މަގުމަތިކޮށްފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު މިހާރުން މިހާރަށް ގޮވާލަން ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދީފައިވާ ހުރިހާ ރައްޔިތުންނަށް މިހާރުން މިހާރަށް ފްލެޓްތައް ހަވާލު ކުރުމަށް. އަނިޔާވެރި ކަމާއެކު ފްލެޓްތައް އަތުލުމުގެ އެއްވެސް ހައްގެއް ނޯންނާނެ މި ސަރުކާރަކަށް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް އަދި އެ ފަދަ މަޝްރޫއުއަކަށް ފައިސާ ހޯދާނެ ގޮތެއްވެސް މި ސަރުކާރަށް ނޭންގޭ ކަމަށެވެ.