ވިޔަފާރި

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް އައިލެންޑް އިތާފުށީގައި

Jan 13, 2021
1

ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގައި ހަދާފައިވާ ރާއްޖޭގެ ބޮޑު ޕްރައިވެޓް އައިލެންޑް ރަސްމީކޮށް ހުޅުވައިފި އެވެ.

ދިވެހިވަންތަ ފަރުމާއަކުން ހިތްގައިމުކަން ގެނެސްދީފައިވާ އިތާފުށީގެ ބޮޑު ޕްރައިވެޓް އައިލެންޑަކީ 32,000 އަކަމީޓަރުގެ ރަށެކެވެ. މި ރަަށް ފަރުމާ ކޮށްފައި ވަނީ ޗުއްޓީ ހޭދަ ކުރަން އެ ރަށަށް ދާ ޓޫރިސްޓުންނަށް "ފުލް ޕްރައިވެސީ" އެއް ލިބޭ ގޮތަށެވެ. މާލެ އިން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާގައި އޮންނަ އިތާފުށި ފަޅުތެރޭގައި ހަދާފައިވާ މި ޕްރައިވެޓް އައިލެންޑުގައި 24 ކޮޓަރި ހުރެ އެވެ. މީގެ އިތުރުން އެ ރަށުގައި އެެހެން ގިނަ ހިދުމަތް ތަކެއް ވެސް ލިބެން ހުރެ އެވެ.

ހިލްޓަންގެ ލަގްޒަރީ ބްރޭންޑް ވޮލްޑޯފް އިން ހިންގާ މި ޕްރައިވެޓް އައިލެންޑް ހުޅުވިކަން ރަސްމީކޮށް އިއުލާނު ކޮށްދެވީ ހިލްޓަން އޭޝިއާ ޕެސިފިކްގެ ރައީސް ލެވަން ވަޓް އެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް އައިލެންޑް ހުޅުވިކަން ރަސްމީކޮށް ދުނިޔެއަށް އިއުލާނުކޮށް ދެއްވާފަ އެވެ. އަދި ވޮލްޑޯފް އެސްޓޯރިއާގެ ޓީމުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު ވެސް އަދާ ކުރައްވާފަ އެވެ.

މާލެ އަތޮޅުން ފަޅެއް ހިއްކައިގެން ހަދާފައިވާ އިތާފުށި މޯލްޑިވްސް ތަރައްްގީ ކުރީ، މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެންނެވެ. މި ރިސޯޓު ހަދާފައި ވަނީ ތިން ރަށުގައި 138 ގެސްޓް ވިލާ އާއި 12 ރެސްޓޯރަންޓާއި ކެފޭ ފަދަ ގިނަ ވަސީލަތް ތަކެއް ހިމެނޭ ގޮތަށެވެ. އަދި މި ރިސޯޓަކީ މިހާރު ދުނިޔޭގެ މަޝްހޫރު މީހުން ރާއްޖޭން އެންމެ އަންނަން ބޭނުންވާ ރިސޯޓުތަކުގެ ތެރެއިން އެއް ރިސޯޓެވެ.