އެއް ޑޮކްޓަރަކު ތިން އަހަރަށް އިތުރު ދެ ޑޮކްޓަރަކު އެއް އަހަރަށް ޖަލަށް ލާން ބަހްރެއިންގެ ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމް ކޮށްފަ އެވެ. މި މީހުން ޖަލަށް ލާން ހުކުމް ކުރީ އެއްމާބަނޑު ދެބެން މަރު ނުވަނީސް އެ ކުދިން މަރުވިކަމަށް ނިންމައިގެނެވެ.
މި ކުދިން މަރުވީ މި ޑޮކްޓަރުންގެ އިހުމާލުން ކަން ސާބިތުވުމުން ޖަލު ހުކުމެއް އައީ ކަމަށް ބަހްރެއިން ނިއުސް އެޖެންސީއިން މިދިޔަ އަންގާރަ ދުވަހު ބުނެފައި ވެއެވެ.
ކޯޓުން ކުރި ހުކުމުގައި ޑޮކްޓަރުންގެ އެތިކްސް އާ ޚިލާފަށް މި ޑޮކްޓަރުން މަސައްކަތް ކޮށްފައިވާކަން ސާބިތުވާ ކަމަށް ބުނެފައި ވެއެވެ. ހަމަ މި މައްސަލައިގައި ދައުވާކުރި ނަރުހަކު ކުށްވެރި ނުވާކަމަށް ވެސް ހަމަ އެ ދުވަހު ކޯޓުން ހުކުމް ކޮށްފައި ވެއެވެ.
ކޯޓުގެ ގަޒިއްޔާ ބުނާ ގޮތުގައި ސަލްމާނިޔާ މެޑިކަލް ކޮމްޕްލެކްސް (އެސްއެމްސީ) އާ ދެކޮޅަށް ކޯޓުގައި ދައުވާ ކުރީ އެ ހޮސްޕިޓަލުގައި ވިހެއި އެއްމާބަނޑު ދެ ކުދިންގެ ބައްޕައެވެ. އެމީހާގެ ދައުވާގައި ބުނީ އޭނާގެ އެއްމާބަނޑު ދެބެން މަރުވެފައިވާ ކަމަށް ބުނެ ހޮސްޕިޓަލުން އޭނާއާ އެ ދެބެން ވަޅުލަން ހަވާލު ކުރިއިރު އެކުދިން މަރެއް ނުވެ އެވެ.
މި ކުދިންގެ ބައްޕައަށް ކުދިން މަރު ނުވާކަން އެނގުނީ ވަޅުލަން އުޅެނިކޮށެވެ. އެހެންވެ ވަގުތުން އަނެއްކާ އެ ކުދިން ހޮސްޕިޓަލަށް ގެންދިޔައީ އެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު އެތަނުން އެއް ކުއްޖަކު މަރުވެއްޖެ އެވެ. އަނެއް ކުއްޖާ އޭރުވެސް މަރެއް ނުވެ އެވެ. އެ ކުއްޖާ މަރުވީ ރިކަވަރީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި މައްސަލަ ފެންމަތިވެ މިކަމާ ގުޅޭ ވަރަށް ބޮޑު ތަހުގީގެއް ކުރި އެވެ. މި ތަހުގީގު ނިންމައި ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެއްމާބަނޑު ދެބެން ވިހެއީ ދުވަސް ނުފުރަ އެވެ. ވިހޭއިރު ވެސް ކުދިންނަށް އެހާ ރަނގަޅަކަށް ނޭވާއެއް ނުލެވެ އެވެ. މިއީ އިންޓެންސިވް ކެއާ އަށް ގެންގޮސް ކުދިންނަށް ވަގުތުން ފަރުވާ ދޭން ފަށަން ޖެހޭނެ ހާލަތެކެވެ. އަދި އެކުދިން ގަދަވާނެކަމުގެ އުންމީދެއް ނެތަސް އެކުދިންގެ އެންމެ ފަހު ނޭވާޔާ ހަމައަށް ވެސް އެކުދިންނަށް ފަރުވާ ދިނުމަކީ ޑޮކްޓަރުންނާއި ނަރުހުންގެ ޒިންމާ އެކެވެ.
މި މައްސަލައިގެ ފޮރެންސިކް ރިޕޯޓު ބުނާ ގޮތުން އެކުދިންނަށް އިންޓެންސިވް ކެއާ ޔުނިޓްގައި ވަގުތުން ފަރުވާ ދެވުނު ނަމަ އެކުދިންގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މި މައްސަލައިގައި ޖަލު ހުކުމް އައީ ކުއްޖާއަށް އެކަށީގެންވާ ފަރުވާ ދިނުމުގައި އިހުމާލުވި ތިން ޑޮކްޓަރަކަށެވެ. ތިން އަހަރުގެ ހުކުމް އައީ އެންމެ ބޮޑަށް މިކަމުގައި އިހުމާލުވި ޑޮކްޓަރަކަށެވެ. އަނެއް ދެ ޑޮކްޓަރުންނަކީ އެއަށް ވުރެ ކުޑަކޮށް އިހުމާލުވީ މީހުންނެވެ.