ބަނދަރު ޕްރޮޖެކްޓް

ދެ ރަށެއްގެ ބަނދަރުގެ ބޮޑު ބައެއް ނިންމައިފި

ވ. ރަކީދޫ ބަނދަރާއި މ. ވޭވަށު ބަނދަރުގެ ބޮޑު ބައެއް ނިންމާ، މަސައްކަތް ކުރިއަށް ދާ ގޮތުގެ އަޕްޑޭޓް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީީސީސީން ބުނީ ރަކީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރުގައި 5،654 ކިއުބިކު މީޓަރުގެ ބަނދަރު ފުންކުރުމާއި 156 މީޓަރުގެ ބޭރުތޮށި ލުމާއި 164 މީޓަރުގެ އެއްގަމުތޮށި ލުމާއި 74 މީޓަރު ރިވެޓުމަންޓު ޖެހުމާއި 429 އަކަ މީޓަރަށް ޕޭމަންޓު ހެދުމުގެ އިތުރުން ނެރު ބައްތި ޖަހައި މަގުމަތި ބައްތި ހަރު ކުރާނެ ކަމަށެވެ.

އެ ރަށު ބަނދަރު މަޝްރޫއުގެ 73 ޕަސެންޓް މަސައްކަތް ނިމިފައި ވާއިރު އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށާއި ޕޭވްމަންޓް ހެދުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތް މި މަހުގެ ހަތަރު ވަނަ ދުވަހު ނިންމާފައިވާ ކަމަށާއި ދޯނި އެހެލާ ސަރަހައްދު ފުން ކުރުމުގެ މަސައްކަތުގެ 13 ޕަސެންޓް މިހާރު ނިމިފައި ވާ ކަމަށެވެ.

އެރަށު ބަނދަރު މަޝްރޫއުގެ އަގަކީ 18.5 މިލިއަން ރުފިޔާ އެވެ.

ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރާ، އެމްޓީސީސީން ބުނީ ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މިހާރު އެ ރަށު ގައި ކުރަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގައި އެ ރަށު ބަނދަރުގައި 56،925 ކިއުބިކު މީޓަރަށް އަލަށް އިތުރު ކުރި ބަނދަރު ފުންކުރުމާއި 5،992 މީޓަރަށް މިހާރުގެ ބަނދަރު ފުން ކުރުމާއި، 350 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 130 މީޓަރު ރިވެޓުމަންޓު ޖެހުމުގެ އިތުރުން 1،880 އަކަ މީޓަރަށް ޕޭމަންޓު ހަދާނެ އެވެ. އަދި މަގު ބައްތި އާއި ނެރު ބައްތި ވެސް ހަރުކުރާނެ އެވެ.