ދިވެހި ޕްރެމިއާ ލީގް

ލީގްގެ މޮޅު ކުޅުންތެރިން ހޮވަން އާންމުންނަށް

ދިވެހި ޕްރިމިއާ ލީިގްގެ ކޮންމެ ހަފުތާއެއްގެ މެޗުތައް ނިމުމުން އެ ހަފުތާއެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ ފުރުސަތު އާންމުންނަށް، އެފްއޭއެމުން ހުޅުވާލައިފި އެވެ.

ލީގްގެ ފަސް ވަނަ ހަފުތާގައި ކުޅުނު ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ފަހު، ޑީޕީއެލްއިން އާންމުންނަށް ދޫކޮށްލަނީ، އެ ހަތަރު ކުޅުންތެރިންގެ ތެރެއިން ސަޕޯޓަރުންގެ ފޭވަރިޓް ކުޅުންތެރިޔާ ހޮވުމަށެވެ. ފޭސްބުކްގައިވާ ރިއެކްޝަން މާކްތައް ބޭނުން ކޮށްގެން ފޭވަރިޓް ކުޅުންތެރިޔާ ސަޕޯޓަރުންނަށް ކަނޑައެޅޭނެ އެވެ. އެންމެ ގިނަ ރިއެކްޝަން ލިބޭ ކުޅުންތެރިޔާއަކީ އެ ހަފުތާގެ އެއް ވަނަ އެވެ.

ފަސް ވަނަ ހަފުތާގެ އެންމެ މޮޅު ކުޅުންތެރިންނަކީ، ކުލަބު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، އީގަލްސްގެ ހަސަން ރާއިފް އަހްމަދު (ހަންނަ)، ޓީސީ ސްޕޯޓްސް އާއި ކުލަބު ވެލެންސިއާ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ޓީސީގެ މުހައްމަދު އައްޒާމް، މާޒިޔާ އާއި ސުޕަޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓީސް) ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، މާޒިޔާގެ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އަދި ކުލަބު ގްރީން ސްޓްރީޓްސް އާއި ދަ ގުރާންޑޭ ބައްދަލު ކުރި މެޗގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގުރީންގެ އޭންހެލް ކަރެސްކޯސާ މުނޯޒް އެވެ.

ހަފުތާގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ވޯޓް ދޭން

މި ކުޅުންތެރިންނަށް ވޯޓް ދިނުމަށް ރިއެކްޓް ކުރުމުގެ އެންމެ ފަހު ވަގުތަކީ، އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ.

ދިވެހި ޕްރިމިއާ ލީގް މާކެޓް ކުރުމަށް އެފްއޭއެމުން މިހާރު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ލީގް، ޓީވީންނާއި ރޭޑިއޯއިން ވަގުތުން ގެނެސް ދިނުމުގެ އިތުރަށް ފޭސްބުކް މެދުވެރިކޮށް ވެސް މިފަހަރުގެ ލީގް ދައްކަ އެވެ. އަދި މެޗާ ގުޅޭ އެހެން ކަންކަން ވެސް ސޯޝަލް މީޑިއާގައި ވަގުތުން އަޕްޑޭޓް ކޮށް، އާންމުން އެއަށް ރިއެކްޓް ކުރާ އަދަދު ވަނީ ގިނަ ވެފަ އެވެ. މެޗު ނިމޭތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭ މެޗުގެ ހައިލައިޓްސް ބަލައިލެވޭނެ އިންތިޒާމު އެފްއޭއެމް އާއި ދިވެހި ޕްރިމިއާ ލީގްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ހަމަ ޖައްސާފަ އެވެ.

ލީގްގެ ޕްރަމޮޝަން ސޯޝަލް މީޑިއާގައި އިތުރު ކުރުމުން މާޒިޔާގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް އާއި ޓީސިގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

""ސަޕޯޓަރުން ތިބީ ކޮން ދާއިރާއެއްގައިކަން އަދި ކިރިޔާ ކަންނޭންގެ މި ފެންނަނީ ހަގީގަތުގައި މިހާރު ދިވެހިންނަކީ އޮންލައިންކޮށް ހުރިހާ ކަމަކާ ގުޅިފަ އޮންނަ ބައެއް ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ބައެއް،" ނިޒާމް ކުރިން ބުނެފައި ވެއެވެ. "އެއީ ކަންނޭންގެ އެންމެ ބޮޑު މާކެޓަކީ މިހާރު ދިވެހި ފުޓްބޯޅަ ޓެކްލް ކުރަން ޖެހޭ. މާކެޓްކޮށް އެހާ ރަނގަޅަށް އެކްޓިވްކޮށް ފެންނަންޏާ ރަނގަޅު ކުރި އެރުމެއް."

ޓީސީގެ ކޯޗް ޝާޒް ބުނީ، އެފްއޭއެމްގެ މީޑިއާ ޓީމުގެ މަސައްކަތަށް ތައުރީފް ހައްގު ކަމަށެވެ.