ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ އިސްލާހާ ގުޅޭ ގޮތުން ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާ މިރޭ އޮންނާނެ އެވެ.
މި އަހަރުގެ އޭޕްރީލް މަހުގައި ބާއްވަން ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.
އެއާއެކު، އީސީން ވަނީ މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ކަނޑައަޅައި، އެންމެ ލަސްވެގެން މިދިއަ ހޯމަ ދުވަހު ކުއްލި ހާލަތު އުވާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ކިބައިން އެދިފައި އެވެ.
ނަމަވެސް، ބަލިމަޑުކަމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތްކަމަށް ބުނެ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ
އެ މުއްދަތު އިތުރު ކުރުމުން، މާޗް މަހު އިންތިހާބު ދެން ނުބޭއްވޭނެ ކަމަށް ބުނެ، އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކުރަން އީސީން ވަނީ ނިންމައިފަ އެވެ.
ނަމަވެސް، އެކަމަށްޓަކައި މިހާރު ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ގާނޫނު އިސްލާހުކޮށްދޭންޖެހޭކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެއާއެކު، ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ސިއްހީ ކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިހާބް ބޭއްވޭނެ ގޮތަށް ގާނޫނު އިސްލާާހުކުރުމަށް ހުށަހަޅުއްވާފައި އެވެ.
މަޖިލީހުގެ އިދާރާއިން ވަނީ މިރޭ 8:30 ގައި ޖަލްސާއެއް ތާވަލުކޮށްފަ އެވެ. އަދި އެޖެންޑާގައި ހިމަނާފައިވަނީ އަލީ ނިޔާޒް ގާނޫނަށް ހުށަހެޅުއްވި އިސްލާހު އެކަންޏެވެ.
އެ އިސްލާހުގައި ނިޔާޒް ވަނީ، ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެކަމަށް ބަޔާންކޮށްފަ އެވެ.
ނަމަވެސް، އެ މާއްދާގައި (ށ) އިސްލާހުކޮށްފައިވަނީ، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ.
އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައިވެ އެވެ.
އަދި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާ ތާރީހުގައި އިންތިހާބު ބާއްވައި، ނިންމުމަށްޓަކައި، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލުގެނައުމަށް އަލީ ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
މިގޮތުން، ޖުމްލަ ހަ މުއްދަތެއް ބަދަލުކުރަން ހިމަނާފައިވާއިރު އިންތިހާބު ބޭއްވުމުުގެ 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް ބުނެފައިވާ މުއްދަތު ވަނީ 30 ދުވަހަށް މަދުކޮށްފަ އެވެ.
އަދި ވޯޓާސް ލިސްޓަށް ޝަކުވާ ހުޅުހެޅުމަށް މިހާރު އޮތް 10 ދުވަސް ފަސް ދުވަހަށް ކުޑަ ކުރުމުގެ އިތުރުން، ހުށަހެޅޭ ޝަކުވާއަކާ މެދު ގޮތެއް ނިންމަންޖެހޭ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް ކުޑަކުރަން ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން، ޝަކުވާއަކާ ގުޅޭގޮތުން ނިންމާ ނިންމުމެއް ހައި ކޯޓަށް ހުށަހެޅުމަށް ދީފައިވާ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް މަދުކޮށްފައިވާއިރު، އެ މައްސަލަ ބަލައި ނިންމަން ހައި ކޯޓަށް ލިބިދީފައިވާ 15 ދުވަހުގެ މުއްދަތު، މި އިސްލާހުގައި ވަނީ ހަތް ދުވަހަށް ކުޑަކޮށްފަ އެވެ.
ދެން މި އިސްލާހުގައި މަދުކޮށްފައިވަނީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަސް ތެރޭ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ކަމަށްް ބުނާ މުއްދަތެވެ.
މިގޮތުން، އެ މުއްދަތު ހަތް ދުވަހަށް ކުޑަކުރުމަށް ބިލުގައި ހިމަނާފައިވާއިރު، އެފަދަ މައްސަލައަކާ ގުޅިގެން ގޮތެއް ނިންމަން ހައި ކޯޓަށް ލިބޭ 30 ދުވަހުގެ މުއްދަތު ވަނީ 15 ދުވަހަށް ބަދަލުކުރަން ހިމަނައިފަ އެވެ.
މި އިސްލާހުތަކާ ގުޅޭ ގޮތުން ބަހުސް ކުރުމަށް ފަހު ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން މިރޭގެ ޖަލްސާގައި ގޮތެއް ނިންމާއިރު، އެ ދުވަހު އެ އިސްލާހު ފާސްކުރާނެކަމަށް ބެލެވޭއިރު، މި މަހުގެ ތެރޭގައި ގާނޫނު އިސްލާހުކޮށްދީފިނަމަ، އޭޕްރީލް 13 ގައި ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބު ބޭއްވޭނެކަމަށް އީސީން ވަނީ ބުނެފަ އެވެ.
އަދި އިންތިހާބު ބާއްވާ އާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަސް އީސީން ވަނީ ކަނޑައަޅައިފަ އެވެ.