ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޔޫކޭ ހޮސްޕިޓާތައް ފުރި، ބަލި މީހުން ގެއަށާއި ހޮޓާތަކަށް

ކޮވިޑް ބަލީގައި އަނެއްކާވެސް ބޮޑުވަރުވެ ހޮސްޕިޓަލް ނޫން ތަނެއްގައި ފަރުވާ ދެވެން ނެތް ބަލިމީހުންނަށް ޖާގަ ހެދުމަށްޓަކައި، ހޮސްޕިޓާތަކުގައި ތިބި އެހެން ބަލިމީހުން އެމީހެއްގެ ގެއަށާއި ހޮޓާތަކަށް ބަދަލު ކުރަން އުޅޭ ކަމަށް އިނގިރޭސި މީޑީއާތަކުން ބުނެފި އެވެ.

"ހޯމް އެންޑް ހޮޓެލް" ގެ ނަމުން ނަން ދީގެން ހިންގާ ޕްލޭންގައި ހަމަޖައްސާފައި ވަނީ، ކުރިއާލައި ކޮވިޑް ބަލިމީހުންނަށް ޖާގަ ހެދުމަށްޓަކައި، މިހާރު އެޑްމިޓްކޮށްފައި ތިބި ބަލިމީހުން ފަރުވާގައި ބާކީ އޮތް ބައި ގޭގައި ނުވަތަ ހޮޓާތަކުގައި ބައިތިއްބައިގެން ފުރިހަމަ ކުރުމަށެވެ. މި މީހުންނަކީ އިމަޖެންސީ ހާލަތުން އަރައިގެންފައި ތިބި މީހުންނެވެ.

ހެލްތު ސެކްރެޓަރީ މެޓް ހޭންކޮކް ވިދާޅުވީ މިގޮތަށް ނިންމަވަން ޖެހިވަޑައިގަތީ ކޮވިޑް ބަލި މީހުން ކުއްލިއަކަށް އިތުރުވެ ހޮސްޕިޓަލް ނޫން ތަނަކުން ފަރުވާ ދެވެން ނެތުމުން ކަމަށެވެ. ފާއިތުވި ހަފުތާގައި 35،00 މީހުނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފައި ކަމަށެވެ.

ހޯމް އެންޑް ހޮޓެލް ޕްލޭންގެ ދަށުން، ނެޝަނަލް ހެލްތު ސާވިސްއިން ހަމަޖައްސާފައިވާ އަނެއް އުސޫލެއް ކަމަށް ގާޑިއަން ނޫހުން ބުނަނީ، ކޮވިޑްގެ އަލާމާތްތައް ނެތް ކޮވިޑް ބަލި މީހުން "ކެއާ ހޯމްސް" ތަކަށް ބަދަލު ކުރުން ކަމަށެވެ. ކޮވިޑް ބަލި މީހުން ބަދަލު ކުރުމާ މެދު ގޮތެއް ނިންމުމަށް ނެޝަނަލް ހެލްތު ސާވިސްއިން ކެއާ ހޯމްތަކާ މަޝްވަރާ ކުރާނެ ކަމަށް ވެސް ވެ އެވެ.

ހެލްތު ސެކްރެޓަރީ ވިދާޅުވީ ހޮސްޕިޓަލުގައި ކޮންމެހެން އޮންނަން އެދޭ މީހެއް ނަމަ ނުނެރޭނެ ކަމަށާއި ކަންކަން ހައްލު ކުރާނީ މަސްލަހަތަށް ބަލައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލުން ބަލި މީހުން ނެރުނު ނަމަވެސް އެމީހުންނަށް އަޅައިލުމަށް ވޮލަންޓިއަރުން ތިބޭނެ ކަމަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް އެހީތެރިވާނެ ކަމަށެވެ.