ދުނިޔެ

ތުރުކީ ދެމަފިރިންގެ މަލްޓިޕްލް ސެލެރޯސިސް ވެކްސިން ވެސް ކާމިޔާބު

ކޮރޯނާވައިރަހުން ދިފާއުވުމަށް ޖަރުމަނުގެ ބައޯންޓެކް އިން އުފެއްދި ވެކްސިނަށް ލިބުނު ބޮޑު ކާމިޔާބަށް ފަހު އަނެއްކާވެސް އިތުރު ވެކްސިނެއް އެ ކުންފުނިން އުފައްދައިފި އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މަލްޓިޕްލް ސެލެރޯސިސް (އެމްއެސް) އަށް އެ ކުންފުނިން ތައްޔާރުކުރި ވެކްސިން މީދަލަށް ދީގެން ހެދި ޓްރަޔަލް ކާމިޔާބުވެ އެސޮރުމެން މުޅިން ފަސޭހަވެފައިވާ ކަމަށެވެ.

އެމްއެސް އަށް މި އުފެއްދި އާ ވެކްސިން ވެސް މަސައްކަތް ކުރަނީ އެމެރިކާގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނި ފައިޒާ އާއި ބައޯންޓެކް އިން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން މަސައްކަތްކުރާ ގޮތަށެވެ.

މި ފަދަ ވެކްސިން މަސައްކަތް ކުރާ ގޮތަކީ އެމްއާރްއެންއޭ ކިޔާ ޖެނެޓިކް މެޓީރިއަލްގެ ބައެއް ވެކްސިނެއްގެ ގޮތުގައި އިންސާނުންގެ އަތަށް ޖަހައިގެން ހަށިގަނޑުގައި އުފެދޭ ޕްރޮޓީނެއްގެ ސަބަބުން އެ ބައްޔަށް އެކަށީގެންވާ ދިފާއީ ބާރު އެމީހެއްގެ ހަށިގަނޑުގެ ސެލްތަކުގައި އުފައްދަން ބާރު އެޅުމެވެ.

ކޮރޯނާވައިރަހުގެ ވެކްސިންގައި ވާގޮތަކީ ހަށިގަނޑުގައި އުފެދޭ ޕްރޮޓީންއަކީ ކޮރޯނާވައިރަސްކަމަށް ހަށިގަނޑަށް ހީވެގެން އޭގެ ދިފާއުގައި އެންޓިބޮޑީޒް އުފައްދަން ފަށަނީ އެވެ. އެހެންވެ ވެކްސިން ޖަހާފައިވާ މީހެއްގެ ހަށިގަނޑަށް އޭގެ ފަހުން ކޮރޯނާވައިރަސް އެރިޔަސް އެމީހާގެ ދިފާއީ ނިޒާމުން ވަގުތުން އެއާ ހަނގުރާމަކުރަން އެންޓިބޮޑީޒް އުފައްދައި ބައްޔާ ހަނގުރާމަކޮށް ހަށިގަނޑަށް ފެތުރުން ހުއްޓުވަނީ އެވެ.

މަލްޓިޕްލް ސެލެރޯސިސް ވެކްސިންގައި އެމްއާރްއެންއޭ ޓެކްނޮލޮޖީއިން ކުރާ ކަމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ނިއުރޯންސްއަށް ދޭ ހަމަލަތައް ހުއްޓުވަނީ އެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ހިނގުމަށް ކުރިމަތިވާ މައްސަލަތައް ނުޖެހެނީ އެހެންވެ އެވެ.
މީދާ ބޭނުންކޮށްގެން މިހާރު މި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްސް ހަދާފައިވާއިރު މި ޓްރަޔަލްގެ ނަތީޖާ ދައްކާފައިވަނީ ވަރަށް އުންމީދީ ކޮށެވެ. ވެކްސިން ދިން މީދަލުގެ ގައިން ބަލި މުޅިން ފަސޭހަވެފައިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ. އަދި ބަލި ޖެހުމުގެ ސަބަބުން ގެއްލިފައިވާ މޯޓޯ ސްކިލްސް އަނބުރާ ލިބުނުކަމަށް ވެއެވެ.

ބައޯންޓެކްގެ ކޮރޯނާވައިރަސް ވެކްސިން 95 ޕަސެންޓް ކާމިޔާބުކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ވަނީ ހާމަވެފަ އެވެ. މިއީ އެމްއާރްއެންއޭ ވެކްސިނެއް ކްލިނިކަލް ޓްރަޔަލްސް ތަކުގައި ނޫން ގޮތަކަށް އާއްމުކޮށް އިންސާނުންނަށް ދިނުމަށް ހުއްދަ ލިބުނު ފުރަތަމަ ފަހަރެވެ.

އިންސާނުންނަށް މި ވެކްސިން ދީގެން ހަދާ ޓްރަޔަލްތައް ފެށުމުގެ ހުއްދަ އިނގިރޭސި ވިލާތުން މިދިޔަ ޑިސެމްބަރު 2 ވަނަ ދުވަހު ދީފައިވާއިރު އެ ގައުމުގެ ފުރަތަމަ މީހާއަށް މި ވެކްސިން ވަނީ ޑިސެމްބަރު 8 ވަނަ ދުވަހު ދީފަ އެވެ. އަދި މިހާރު ކޮންމެ ދުވަހަކު އެތައް ހާސް މީހުންނަކަށް މި ވެކްސިން ދަނީ ދެމުންނެވެ.

މި ވެކްސިން ބޭނުންކުރަން ހުއްދަ ލިބުމާ ގުޅިގެން ތަޖުރިބާކާރުން ބުނެފައިވަނީ މިއީ އިމިއުނޮލޮޖީގެ ރޮނގުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ވަގުތު ދުނިޔޭގައި އުޅޭ ބޮޑެތި ބަލިތަކުގެ ތެރެއިން ވަރަށް ގިނަ ބަލިތައް މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފޮހެލެވޭނެކަމުގެ އުންމީދު އާވެފައިވާ ކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

އެމްއާރްއެންއޭ އަކީ އިންސާނުންގެ ހަށިގަނޑުގައި ގުދުރަތީގޮތުން ލައްވާފައިވާ ޖެނެޓިކް މެޓީރިއަލް އެކެވެ. އިންސާނުންގެ ހަށިގަނޑުގައިވާ ސެލްތަކުން މި ޖެނެޓިކް މެޓީރިއަލް ބޭނުންކުރަނީ މެސެޖުތަކާއި އިރުޝާދުތައް ހަށިގަނޑުގެ ބައިތަކަށް ފޮނުވުމަށެވެ. މި އިރުޝާދުތައް ލިބުމުން އާންމުކޮށް ހަށިގަނޑުން ކުރާ ކަމަކީ އެ ދޭ އިރުޝާދާ އެއްގޮތަކަށް ވަކި ކަހަލަ ޕްރޮޓީނެއް އުފެއްދުމެވެ.

މި ޓެކްނޮލޮޖީ ތަރައްގީކުރުމުގެ މަސައްކަތް ކުރާތާ އެތައް ސާސްކަފެއް ފާއިތުވެއްޖެ އެވެ. ނަމަވެސް ވެކްސިން އުފެއްދުމަށް މި ޓެކްނޮލޮޖީގެ ބޭނުން ހިފެން ފެށީ ދާދިފަހުންނެވެ.

އޮކްސްފޯޑް އެސްޓްރާޒެނެކާ ވެކްސިންގައި އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުމެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ ފަރާތުން ބޭނުންކުރަނީ މުޅިން ތަފާތު ޓެކްނިކް އެކެވެ. މިއީ ވެސް ސައިންސްވެރިން ބޭނުންކުރާތާ ވަރަށް ގިނަ ދުވަސްވީ ޓެކްނިކެކެވެ.

މަލްޓިޕްލް ސެލެރޯސިސް އަށް އެމްއާރްއެންއޭ ބޭނުންކޮށްގެން ވެކްސިން ތައްޔާރުކުރީ މި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކޮރޯނާވައިރަހަށް ވެސް ވެކްސިން ތައްޔާރުކުރި ތުރުކީގެ މުސްލިމެއް ކަމަށްވާ އުގޫރް ސާހިން އެވެ. އޭނާއަކީ ބައޯންޓެކްގެ ސީއީއޯ ވެސް މެއެވެ.

މަލްޓިޕްލް ސެލެރޯސިސް ޖެހުމުން ސިކުނޑި އާއި ސްޕައިނަލް ކޯޑުގެ ވަށައިގެން ހުންނަ ނިއުރޯންސްތަކުގެ ދިފާއުގައި ލެވިފައިވާ ދުއްޔަކަށް ހަށިގަނޑުގެ އަމިއްލަ ދިފާއީ ނިޒާމުން ހަމަލަ ދެއެވެ. ނަތީޖާއެއްގެ ގޮތުން މި ބަލި ޖެހޭ މީހުންގެ ހަށިގަނޑުގެ ބައެއް ފަންކްޝަންތަކަށް މައްސަލަތައް ކުރިމަތިވެ އެވެ. މި ބައްޔަށް މިހާރު ދޭ ފަރުވާއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ މަސައްކަތް ލަސްކުރަން ދޭ ފަރުވާ އެކެވެ. ނަމަވެސް މިގޮތަށް ދިފާއީ ނިޒާމުގެ މަސައްކަތް ލަސްކުރުމުން އެފަދަ މީހުންނަށް މާ ފަސޭހައިން އިންފެކްޝަންތައް ޖެހެ އެވެ. ހަށިގަނޑަށް ވަންނަ ބެކްޓީރިއާ އާއި ވައިރަހުން ދިފާއުވުމުގެ ގާބިލްކަން ގެއްލެ އެވެ.

ޑރ. ޝާހިންގެ ތިއަރީއަކީ ވެކްސިންގެ ޒަރިއްޔާއިން ފޮނުވާލާ ޖެނެޓިކް މައުލޫމާތުގެ އެހީގައި މަލްޓިޕްލް ސެލެރޯސިސް ޖެހިފައިވާ މީހުންގެ ދިފާއީ ނިޒާމަށް އޭގައިވާ ޕްރޮޓީންތަކަށް ހަމަލާ ނުދޭން މެސެޖު ދިނުމެވެ.

ޖެނެޓިކް މެޓީރިއަލް އަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެހެންވެ ހަށިގަނޑަށް ފޮނުވާލުމަށްފަހު ގިނައިރުތަކަކު ފަނާ ނުވެ ބަހައްޓަން ޖެހެ އެވެ. އަދި އިންޖެކްޝަންގެ ޒަރިއްޔާއިން ހަށިގަނޑަށް ފޮނުވާލާއިރު ހަލާކު ނުވެ ސެލްތަކަށް ވާސިލުވޭތޯ ޔަގީންކުރަން ޖެހެ އެވެ. ކޮވިޑް-19 ވެކްސިންގައި ވެސް މިކަމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ.