ހަބަރު

ބަޑިބޭސް ކޮންޓެއިނާއާމެދު އަމަލު ކުރީ އިޖްރާއަތާ އެއްގޮތަށް: ކަސްޓަމްސް

މޯލްޑިވްސް މާކެޓް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކްލިއާ ކުރަން ހުށަހެޅި ބަޑިބޭސް ކޮންޓައިނަރާމެދު ކަސްޓަމްސްއިން އަމަލު ކޮށްފައިވަނީ ގާވައިދާ އެއްގޮތަކަށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލައާ ގުޅިގެން ބަޔާނެއް ނެރުނީ އޮޅުވާލައިގެން ބަޑިބޭސް ކޮންޓައިނަރެއް އެތެރެކުރި މައްސަލަ ތަހުގީގުކުރަމުން ދާއިރު ކަސްޓަމްސް އަށް ކުރާ އިތުބާރަށް ބުރޫ އަރާފާނެ ކަމަށް ފެންނާތީ ކަމަށެވެ.

ކަސްޓަމްސްގެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ރާއްޖެ ގެނައުން މަނާތަކެތީގެ ގާނޫނުގައިވާގޮތުން ހަވާ، ފަޓާސް އަދި ފޮގް ސިގްނަލް ފަދަ ތަކެތި ގެނެވޭނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށާއި އެޒާތުގެ އެއްޗެއް ގެނެސްފި ނަމަ އެއެއްޗެއް ދޫނުކޮށް ހިފެހެއްޓުމާއި އެކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެފަރާތްތަކުގެ ލަފާޔާއެކު ވަކި ގޮތެއް ނިންމުމުގެ އިހްތިޔާރު އޮންނާނީ ހަމައެކަނި ކަސްޓަމްސް ގެ އެންމެ އިސް ވެރިޔާ އަށް ކަމަށެވެ.

"... އެހެން ކަމުން މޯލްޑިވްސް މާކެޓް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ފަރާތުން ކްލިއާ ކުރުމަށް ހުށަހެޅި މުދަލާއި މެދު ކަސްޓަމްސް އިން އަމަލުކޮށްފައިވާނީ ދިވެހި ރާއްޖެއަށް އެތެރެކުރުން މަނާތަކެތީގެ ގާނޫނުގައި ބުނާ އެންމެހައި އިޖްރާތްތަކެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" ކްސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެސާވިސް އިން އަބަދުވެސް މަސައްކަތް ކުރާނީ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށް ގާނޫނާއި ގަވައިދާ އެއްގޮތަށް އަމަލު ކުރާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ރާއްޖޭގައި ބަޑި ބޭސް އެތެރެ ކުރުމުގެ ހުއްދަ އޮންނަނީ ސިފައިންނަށެވެ. ނަމަވެސް އެ އުސޫލު އަމިއްލަފުޅަށް ބަދަލު ކުރައްވާ ބަޑިބޭސް އެތެރެ ކުރުމުގެ ހުއްދަ އެމްއެމްޕީއާރްސީއަށް ދެއްވީ މަގާމުން ވަކި ކުރި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ. ރައީސް އަބްދުﷲ ޔާމީން މިއަދު ހެނދުނު ވިދާޅުވ މޫސާ އަލީ ޖަލީލް މަގާމުން ދުރު ކުރީ ވެސް އެ މައްސަލާގައި ކަމަށެވެ.

އެމްއެމްޕީއާރްސީން އެތެރެކުރި ބަޑިބޭސް ކޮންޓެއިނާގައި ދެން ހުރީ ކޯންޗެއް ކަން ވަނީ އަދި ސާފު ނުވެއެވެ. އެ މައްސަލާގައި ތަހުގީގު ދަނީ ކުރިޔަށެވެ.