މޯލްޑިވްސް ޕޮލިސް ސާވިސް

ފޯނު ދިނުމަށް މުންދު އިންކާރު ކުރައްވައިފި

ސުކޫކް ވިއްކަން ރާއްޖޭގެ އެންމެ އުސް އިމާރާތް، އަދި ސަރުކާރުގެ މައި ހޮސްޕިޓަލް، ދަރުމަވަންތަ (ޑީއެޗް) ރަހުނު ކުރުމާގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއް ލީކުވި މައްސަލާގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ފޯނު ފުލުހުންނާއި ހަވާލު ކުރުމަށް އެންގުން އެކަމާއި ދެކޮޅު ހައްދަވައިފި އެވެ.

މި މައްސަލާގައި މީގެ ކުރިންވެސް މުންދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރު ކުރެއްވީ ޑީއެޗް ރަހުނު ކުރުމާ ގުޅޭގޮތުން އާންމުވި ސިޓީއެއް އޭނާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބޭނުން ކުރުމުން ކަމަށެވެ. މުންދު ވިދާޅުވީ ފިނޭންސް މިނިސްޓްރީގައި އޮތް ލިޔުމެއް ނުވަތަ އެ ސިޓީވެސް އޭނާ ނަންގަވާފައިނުވާނެ ކަމަށާ ފުލުހުން ހިންގަނީ ހިންގަން ނުޖެހޭ ތަހުގީގެއް ކަމަށެވެ. ފުލުހުންގެ ކޮންމެ މަސައްކަތަކަށްވެސް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށާ ނަމަވެސް މިހާރު އަަމަލު ކުރަމުންދާ ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލުގައިވާ ގޮތުން އެ ސިޓީ ބޭރުކުރީ ކޮންމެ މީހެއް ނަމަވެސް އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

މުންދު ވިދާޅުވީ ޑީއެޗް ރަހުނު ކުރުމާ ގުޅޭގޮތުން އާންމުވި ސިޓީގައި "ސިއްރު" ޖަހާފައި އޮތްނަމަ އޭނާ އެ ސިޓީ ޕޯސްޓް ނުކުރެއްވީސް ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން މިހާރު ފެށިފައިވާ ތަހުގީގުން ސިޓީގައިވަނީ މުޅީން ހަގީގަތްކަން ސާފުވެއްޖެ ކަމަށެވެ.

"އަޅުގަނޑެއް އެ ތަނުން [ފިނޭންސް މިނިސްޓްރީ] ސިޓީއެއް ވަގަކަށް ނުނަގަން،"

މުންދު ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާއަށް ފުލުހުން ގުޅުއްވި ކަމަށެވެ. އަދި އެ ދެ ފަހަރުވެސް އެދިވަޑައިގެންނެވީ ފޯނު ދެއްވުމަށް ކަމަށެވެ. ނަމަވެސް އެކަމާއި ދެކޮޅު ހައްދަވާ ކޯޓް އަމުރެއްގެ ދަށުން ނޫނީ ފޯނު ހަވާލު ނުކުރައްވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.

"ދެން ވިދާޅުވި ފޯނު ދޭށޭ. އަޅުގަނޑު ދެންނެވިން ފޯނެއް ނުލިބޭނޭ. އަޅުގަނޑުގެ ފޯނެއް ނުދޭނަމޭ، ތި ކަމުގައި ގާނޫނީ ލަފައެއް ހޯދާށޭ. އަދި ދެވަނަ ފަހަރަށް ފޯނު ކުރެއްވި ފުލުހުން. ކުރައްވާފަވެސް ވިދާޅުވީ ފޯނު ދޭނަންހޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑު ފޯނެއް ނުދޭނަމޭ. ދެންމެ އަނެއްކާވެސް އަޅުގަނޑު ވަނީމަ ދެންނެވި ފޯނު ނުދޭނަންހޭ. އަޅުގަނޑު ދެންނެވިން ފޯނެއް ނުދޭނަމޭ،"

އޭނާ ވިދާޅުވީ ފޯން ހަވާލުކުރަން އެންގުމުން އެކަމާއި ދެކޮޅު ހެއްދެވީ ފޯންގައި އަމިއްލަ މައުލޫމާތުތަކުގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ސިއްރު ހުންނާނެތީ ކަމަަށެވެ. އަދި ކޯޓަށް ވަޑައިގެން އަމުރު ހޯއްދެވުމުން ފޯން ދެއްވާނެ ކަމަށެވެ.

މިއަހަރު ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ވިއްކަން ހެލްތު މިނިސްޓްރީގެ ނަމުގައި އޮތް ޑީއެޗް އަޅާފައިވާ ބިން ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކޮށް، އެ ތަން ރަހުނު ކުރަން އުޅޭ ކަމުގެ ސިޓީއެއް ސޯޝަލް މީޑިއާ ލީކުވެފައި ވަނީ މިދިއަ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ.

އެކަން ފިނޭންސް މިނިސްޓްރީން ސީދާ ދޮގު ކޮށްފައިވާ ނުވާއިރު، އެ ވާހަކަތައް ދިފާއުކޮށް އެ މިނިސްޓްރީން އޭރު ބުނެފައި ވަނީ ސުކޫކް ވިއްކުމަށް ޑީއެޗް ބެނެފިޝަލް އޯނާޝިފް ބަދަލު ކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ވެސް އެ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުން ނޫން ކަމަށެވެ.