ހަބަރު

ފޯޓްނައިޓް ގޭމް މުބާރާތް މާދަމާ ރާއްޖޭގައި

މޯލްޑިވިއަން ގޭމިން ލީގް (އެމްވީޖީއެލް) ގެ މި ސީޒަންގެ ދެ ވަނަ މުބާރާތް "ފޯޓްނައިޓް" ގޭމް މާދަމާ ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްވީޖީއެލް އިން ބުނީ މާދަމާ ފަށާ ފޯޓްނައިޓް ގޭމް މުބާރާތުގައި 63 އެތުލީޓުން ވާދަ ކުރާނެ ކަމަށެވެ. އެއީ 21 ގުރޫޕަށް ބަހާލައިގެން ކޮންމެ ގުރޫޕަކަށް ތިން އެތުލީޓުންނެވެ. ހުރިހާ ގުރޫޕެއްވެސް ވާދަ ކުރާނީ އެއްފަހަރާ އެވެ. މުބާރާތުން ވާނީ ގޭމްގައި ވާދަކޮށް މަރު ނުވެ އޮތް ޓީމެވެ.

ގޭމް ލީގްގެ މި ސީޒަންގެ ފުރަތަމަ މުބާރާތް މިދިޔަ ހުކުރު އަދި ހޮނިހިރުގައި ވަނީ ބާއްވާފަ އެވެ. ފީފާ ގޭމް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޒަމީލް އެވެ. އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލޭގައި ހުންނަ މައި ކޮލެޖްގަ އެވެ. މާދަމާ ބާއްވާ ފޮޓްނައިޓް ގޭމް ކުޅޭނީ އޮންލައިން ކޮށެވެ.

އީސްޕޯޓްސް އަކީ ދުނިޔޭގައި މަގުބޫލު އެއް ކުޅިވަރެވެ. މަޝްހޫރު ގޭމް ލީގް އޮފް ލެޖެންޑްގެ ވޯލްޑް ޗެމްޕިއަންޝިޕް 2020 ގެ އެޑިޝަން 23 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ. ދުނިޔޭގައި ވަރުގަދައަށް ފުޅާވެފައިވާ ގޭމިންގެ އިންޑަސްޓްރީ އަކީ ބިލިއަން ޑޮލަރުން ފައިދާ ހޯދާ ބޮޑު އިންޑަސްޓްރީ އެކެވެ.

ވާދަވެރި ގޭމިން މުބާރާތްތަކުގައި ވާދަ ކުރާ އެތުލީޓުންނަކީ ގޭމިން ދުނިޔޭގެ މަޝްހޫރު ތަރިންނެވެ. އެ އެތުލީތުން ބޮޑު އަގުގައ ޓީމުތަކަށް ގެންދިއުމަކީ އާންމު ކަމެކެވެ. ގޭމިން އިންޑަސްޓްރީ ފުޅާވެ ބޮޑެތި އިންވެސްޓަރުންގެ ލޯތައް ގޭމިންގެ ދުނިޔެއަށް ވަނީ އަމާޒު ވެފަ އެވެ. އީސްޕޯޓްސް މުބާރާތްތައް ކާމިޔާބު ކުރާ އެތުލީޓުންނަށާއި ޓީމުތަކަށް އިނާމުގެ ގޮތުގައި 30 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމު ދޭ ގޭމިން މުބާރާތްތައް ދުނިޔޭގައި ބާއްވަ އެވެ.

އީސްޕޯޓްސްގެ އެތުލީޓުންނާއި ޓީމުތައް އެކަމަށް ސަމާލުކަން ދީފައިވަނީ ޕްރޮފިޝަނަލް ކެރިއާއެއްގެ ގޮތުގަ އެވެ. އެ އެތުލީޓުންނާއި ޓީމުތަކުގެ ޕްރެކްޓިސްތައް ގަވާއިދުން ކުރިއަށް ގެންދެ އެވެ. މުބާރާތްތަކާއި މެޗުތަކަށް ހާއްސަ ޓްރޭނިން ސެޝަންތައް ކުރިއަށް ގެންދެ އެވެ. ބައިނަލްއަގްވާމީ އީސްޕޯޓްސް ގޭމްސްތަކަށް ތައްޔާރު ވުމަކީ ފިޒިކަލް ސްޓްޕޯޓްސް ތައްޔާރުވާ ހެން ވަކި ރޫޓިންއެއްގެ ދަށުން ކުރިއަށް ގެންދާ ޓްރޭނިން ތަކެކެވެ.

އީސްޕޯޓްސްގެ މަޝްހޫރު ގޭމްސްތައް ކަމަށްވާ ޑޯޓާ 2، ލީގް އޮފް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ފީފާ، ޕަބްޖީ އަދި ފޯޓްނައިޓްގެ މުބާރާތްތައް ލީގް އުސޫލުން ދިގު މުއްދަތަކަށް ބަހާލައިގެން ކުރިއަށް ދެ އެވެ. އެ ގޭމްސްތަކުގައި ވާދަ ކުރާ އެތުލީޓުންގެ އާންމުދަނީ ބިނާވެފައި ވަނީ އެ ލީގްތަކާ ޓޯނަމަންޓްތަކުގެ މައްޗަށެވެ.

ޕްރޮފިޝަނަލް ލެވަލްގައި އީ ސްޕޯޓްސް ރާއްޖޭގައި ދަނީ ފުޅާ ވަމުންނެވެ. ރައްޖޭގެ އީސްޕޯޓްސްގެ އެތުލީޓުންނަކީ، އެކަމަށް ހާއްސަ ހުނަރުތައް ތަރައްގީ ކޮށްގެން ހާއްސަ ޓްރޭނިންތަކަކާއެކު މުބާރާތްތަކުގައި ވާދަ ކުރާ އެތުލީޓުންނެވެ. ސަރަހައްދީ އީސްޕޯޓްސް މުބާރާތްތަކުގައި ވާދަ ކޮށް ރާއްޖޭގެ އީސްޕޯޓްސް އެތުލީޓުން ވަނީ ކާމިޔާބުވެސް ހޯދާފަ އެވެ.