އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން އިތުރު 10 މީހަކު ޕޮޒިޓިވްވެ އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 42 އަށް އަރައިފި އެވެ.
ސަންގެލިން ފުރަތަމަ ކޭސް ފެނުނީ މި މަހުގެ ތިންވަނަ ދުވަހު އެވެ، އެއީ ބިދޭސީ މުވައްޒިފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދުނު ޕީސީއާރު ޓެސްޓް ޕޮޒިޓިވް ވެގެންނެވެ. އެ މީހާ ޕޮޒިޓިވްވުމުން ކޮންޓެކްޓުގެ ގޮތުގައި ފާހަގަ ވި 8 މީހަކު ވަނީ ކަރަންޓީން ކޮށްފައެވެ. އެ ފަހުން ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު ހަތަރު މުވައްޒިފަކު ވަނީ ޕޮޒިޓިވްވެފައެވެ. އެެއީ ފުރަތަމަ ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ބައެއް ނޫނެވެ.
ސަންގެލި ރިސޯޓްގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް 98 ސާމްޕަލެއް ވަނީ ނަގާފައެވެ. ބުދަ ދުވަހު ނެގި 98 ސާމްޕަލްގެ ތެރެއިން 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އިއްޔެ ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓު ކުރެވުނު 8 މުވައްޒިފުން ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދުވެސް އެ ރިސޯޓުން ވަނީ އިތުރު 10 މީހަކު ޕޮޒިޓިވްވެފައެވެ. އެހެން ކަމުން އެ ރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 42 އެކެވެ. އެއީ މުޅީންވެސް މުވައްޒިފުންނެވެ.
އެޗްޕީއޭއިން ބުނީ އެ ރަށުން 52 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަަށެވެ. އަދި މިހާރުވެސް ކޮންޓެކްޓްޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.