މާޒިޔާގެ ޓީމަށް ކުއްލިއަކަށް ބޮޑު ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށް އެ ޓީމުގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.
ސާބިއާގެ ކޯޗްގެ ބެލުމުގެ ދަށުން، މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި މިއަދު ނުކުންނާނީ ޓީސީ އާ ދެކޮޅަށެވެ. އެންމެ ފަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓީސް) އާ ދެކޮޅަށް ކުޅު މެޗުން މާޒިޔާ ތިން ލަނޑުގެ ލީޑެއް ނެގި އެވެ. އެހެން ނަމަވެސް ދެ ވަނަ ހާފު ޓެމްޕޯ ދޫކޮށްލެވި، ސަސްއިން ހަމަލާތައް ވަރުގަދަ ކުރި އެވެ. ރިސްޓޯ ބުނީ އެ މެޗުގެ ފުރަތަމަ ހަފުގައި 80 ޕަސަންޓް ދިޔައި ރަނގަޅަށް ކަމަށެވެ.
ދެ ވަނަ ހާފުގައި މެޗު ފަސޭހަ ކޮށްލެވުމުގެ މައްޗަށް ކުޅުންތެރިންނާ އިޝާރާތްކޮށް ވާހަކަ ދައްކަފައިވާނެ ކަމަށާއި ކުރިއަށް އޮތް މެޗުގައި އެކަން ނުފެންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އޭނާ ބުންޏެވެ. އޭނާ ކުރިން ބުނީ އެ މެޗުގެ ފުރަތަމަ ހާފުގައި ދެއްކި ކުޅުމަކީ އޭނާ ކުޅުވަން ބޭނުންވާ ގޭމް ސްޓައިލްގެ މިންވަރެއް ކަމަށެވެ.
"ހުރިހާ ކުޅުންތެރިން ވެސް ޑިފެންސްކޮށް އެޓޭކް ކުރަން ޖެހޭނެ. ޓީމެއްގެ ގޮތުގައި އަހަރެމެން ކުރިއަށް ދާން ޖެހޭނީ. އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔެއްގެ ޖާގަ ފިލް ކުރަމުން ކުރިއަށް ދާން ޖެހޭނެ،" އޭނާ ކުޅުވަން ބޭނުންވާ ގޭމާ ބެހޭގޮތުން ރިސްޓޯ ވަހަކަ ދެއްކި އެވެ. "އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ ހަފުގެ 80 ޕަސަންޓް އަހަރެމެން ކުޅުނީ ރަނގަޅަށް. ދެ ވަނަ ހާފު އަހަރެމެން ލައިންތައް ވަކި ވެގެން ދިޔައީ."
ރިސްޓޯ ބުނީ، އޭނާ ބޭނުންވާ ބަދަލު ގެންނަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ކަމަށެވެ. އެއްފަހަރާ ކުއްލިއަކަށް ބޮޑު ބަދަލެއް ގެނައުމަކީ ވެސް ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ. "ކުއްލިއަކަށް ބޮޑު ބަދަލެއް ގެންނައުން އެއީ ބޮޑު ނުރައްކަލެއް ވެސް މެ،" ރިސްޓޯ ބުންޏެވެ. "ބަދަލު ގެންނަން ޖެހޭނީ ފަހަރަކު ހަރުފަތަކުން ހަރުފަތަކުން. ކުޅުންތެރިންނަށް އިތުރަށް ކަންކަން އެނގި ދަސްވަމުންދާ ވަރަކުން އަހަރެން ބަދަލު ގެންނަމުން ދާނީ."
ބޭނުންވާ ބަދަލު ގެންނަން ކިހާ މުއްދަތެއް ހޭދަ ވާނެތޯ ސުވާލު ކުރުމުން އޭނާ ސަމާސާ ރާގެއްގައި ބުނީ ފަސް އަހަރު ވެސް ހޭދަ ވެދާނެ ކަމަށެވެ.
"އެހެން ނަމަވެސް ކުޅުންތެރިން އަންނަނީ ކުރިއެރުން ހޯދަމުން. ކުޅުންތެރިން ދަނީ އެކަންކަން ނަގައިގަންމުން، ކުރީގެ މެޗު ފުރަތަމަ ހާފު ދިޔައީ ރަނގަޅަށް. ކުޅުންތެރިންނަށް މި ގޭމް އޮޅުންފިލަމުން ދެނެގަނެވެމުން ދާ ވަރަކުން އަހަރެން ބަދަލު ގެންނާނީ."
މިއަދު ޓީސީ އާ ދެކޮޅަށް ނުކުންނަ މެޗުގައި، ހަމްޒާ މުހައްމަދު (ހަމްޕް) އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭކަން ރިސްޓޯ ފާހަގަ ކުރި އެވެ. އޭނަ ބުނީ ހުރިހަ ޓީމެއްވެސް އޮތީ އެއް ވަނަ މަގާމާ ކަައިރީގައި ކަމަށާއި މެޗުތައް ވަރަށް ވަރުގަދަ ވާނެ ކަމަށެވެ. އެންމެ ފަހުން ވެލެންސިއާ އާ ދެކޮޅަށް ޓީސީ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ވެލެންސިއާ އަށް ގިނަ ފުރުސަތުތަކެއް ނުދީ ޑިފެންސް ބައްދައިގެން ކުޅެފަ އެވެ.
ރިސްޓޯ ބުނީ، ގައުމީ ފުޓްބޯޅަ ދަނޑުގެ ޕިޗް އޮންނަ ގޮތުން ތިރިން ހަލުވިކޮށް ބޯޅަ މޫވް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންވެ ޑިފެންސިވް ކޮށް ކުޅެން ފަސޭހަ ވާނެ ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ފަސޭހަ ވާނެ މި ދަނޑުގައި ޑިފެންސް ކުރަން. މި ޕިޗަކީ އެހާ ރަނގަޅު ޕިޗެއް ނޫން. އިދިކޮޅު ޓީމުުގެ ޑިފެންސް ކޮމްޕެކްޓް ކޮށްގެން ކުޅެން މި ދަނޑުގައި ވަރަށް ފަސޭހަ ވާނެ. އެއީ މި ޕިޗްގައި ތިރިން ހަލުވިކޮށް ބޯޅަ މޫވްކޮށް ހަމަލާތައް އުފެއްދުމަކީ ފަަސޭހަ ކަމެއް ނޫން. އެގޮތަށް ކޮމްޕެކްޓް ކޮށްގެން ކުޅޭ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭނީ ޕްރެޝަރުގައި."
ޓީސީން މިދިޔަ ހަފުތާގައި ވެލެންސިއާ އާ ހިފަހައްޓާލައި އެ ޓީމު އަތުން ޕޮއިންޓެއް ހޯދި އެވެ. ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ، ވެލެންސިއާ ދެކޮޅަށް ލިބުނު ޕޮއިންޓާއެކު މާޒިޔާ އާ ދެކޮޅަށް ކުޅެން ޖެހުމަކީ ޕޮޒިޓިވް ކަމެއް ކަމަށެވެ. އަދި ކައިރިކައިރީގައި އެއްވަރުގެ ދެ ޓީމާ ދެކޮޅަށް ކުޅުމަކީ ނެގެޓިވް ކަމެއްގެ ގޮތުގައިވެސް ޝާޒް ސިފަ ކުރި އެވެ. އޭނާ ބުނީ މާޒިޔާ އަކީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ ޓީމު ކަމަށެވެ. މާޒިޔާ ކުރިން ކުޅުނު މެޗުތަކުގެ ފަހު ކޮޅުގައި އެހާ ވަރަށް ނުކުޅެވި ހުރުމަކީ ޓީސީއަށް އޮތް ހިތްހަމަ ޖެހުމެއް ނޫން ކަމަށް ޝާޒް ބުންޏެވެ.
"މަޒިޔާ މެޗުތަކުގެ ފަހު ކޮޅުގައި އެހާވަރަށް ނުކުޅެވި ހުރިތަން ފެނުމަކީއެއް ޓީސީއަށް މާބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ ކަމެއް ނޫން," ޝާޒް ބުންޏެވެ. "އެއީ ފައިތުވެދިޔަ ބައި. ކުރިއަށް މީންދީ މެޗު . ކޮންމެ އިރެއްގައިވެސް ނަތީޖަ ބަދަލު ކުރެވޭނެ ކުޅުންތެރިން އެބަތިބި އެ ޓީމުގެ ބެންޗުގައިވެސް. ޓީސީގެ ޕޯފޯމަންސާއި ވޯކް ރޭޓަކީ ޓީސީ އާ ދެކޮޅަށް ނުކުންނާނެ އެއްޗެއް. އެއީ މާޒިޔާ ވެސް މެޗަށް އެވަރަށް ތައްޔާރު ވާނެ."