ދުނިޔެ

ޗެމްބަރަށް ވަންނައިރު މެޓަލް ޑިޓެކްޓަރަށް ބޮނދާ މެމްބަރުން ޖޫރިމަނާ

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސްގައި ހިންގި ހަމަނުޖެހުންތަކަށް ފަހު އެ އިމަރާތުގައި ސެކިޔުރިޓީ ބެލެހެއްޓުން ހަރުދަނާ ކުރަމުން އެބަ އާދެ އެވެ. އޭގެ އެއް ފިޔަވައްސަކީ މެޓަލް ޑިޓެކްޓަރެވެ. އެއާޕޯޓްތަކުގައި މަތިންދާބޯޓަށް އަރަން ދާއިރު، ބަހައްޓާފައި ހުންނަ ކަހަލަ މެޓަލް ޑިޓެކްޓަރުތައް މިހާރު ހައުސްގައި ވަނީ ބަހައްޓާފަ އެވެ.

ހައުސް މެމްބަރުންނަށް، ޚާއްސަކޮށް ރިޕަބްލިކަނުންނަށް މިހާރު ކަމު ނުގޮސްގެން އުޅެނީ ޗެމްބަރަށް ވަންނައިރު މެޓަލް ޑިޓެކްޓަރު ހުރަސްކޮށް ދާން ޖެހުމެވެ. ރިޕަބްލިކަން ބުނާ ގޮތުގައި ހައުސްގައި މެޓަލް ޑިޓެކްޓަރު ބެހެއްޓީ ކުރިއާލައި މަޝްވަރާ ކުރުމެއް ނެތި އެވެ.

ސެކިޔުރިޓީ ބަލަހައްޓާ އޮފިސަރުންނަށް ގޮންޖައްސަވައި، މެޓަލް ޑިޓެކްޓަރު ހުރަސް ނުކޮށް މެމްބަރުން ޗެމްބަރަށް ވަދެވަޑައިގަންނަވާ މައްސަލަ ހޫނުވެ، މިކަމަށް އޮތް ހައްލު ވެސް، ހައުސް ސްޕީކާ، ނޭންސީ ޕެލޯސީ ވަނީ ވިދާޅުވެ ދެއްވާފަ އެވެ. އެކަމަނާ ވިދާޅުވީ މެޓަލް ޑިކްޓަރަށް ބޮނދައި، ފިލަން ތިރިވެ އެއްޗަކާ ނިވާވާ މެމްބަރުން ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދެއް ހައްދަވާނެ ކަމަށެވެ.

ނޭންސީ ޕެލޯސީ ވިދާޅުވީ މެޓަލް ޑިޓެކްޓަރު ހުރަސް ނުކޮށް ޗެމްބަރަށް ވަދެވަޑައި ނުގެންނެވޭނެ ކަމަށާއި ސެކިއުރިޓީ އޮފިސަރުންނަށް ދޫ ނުކުރައްވައިފި ނަމަ ފުރަތަމަ ފަހަރު 5،000 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށެެވެ. އެކަމަނާ ވިދާޅުވީ ދެވަނަ ފަހަރު 10،000 ޑޮލަރަށް އެއަދަދު ބަދަލުވާނެ ކަމަށެވެ.

"ހިތާމަ ކުރަން މެޓަލް ޑިޓެކްޓަރު ބަހައްޓަން ޖެހުނީތ،" ނޭންސީ ޕެލޯސީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮންމެ ގޮތެއްގައި ނަމަވެސް، ހައުސް ވާންޖެހޭނީ ރައްކާތެރި ތަނަކަށް ކަމަށެވެ. އޭނާ ވިދޅުވި ގޮތުގައި މެމްބަރުންނަށް މުސާރަދެވޭނީ ޖޫރިމަނާ އުނިކުރުމަށް ފަހު އެވެ.