ޓެކްނޯލޮޖީ

ސެމްސަންގް ގެލަކްސީ އެސް21 އެނައުސްކޮށްފި، އެސްޕެން ވަކިން ކަވަރެއްގައި

ސެމްސަންގެ ގެލަކްސީ އެސް21، އެސް21 ޕްލަސް، އަދި އެސް21 އަލްޓްރާ އަތުޖެހޭ ފަށަށް މިއޮތީ އައިސްފަ އެވެ. އެކަމަކުވެސް، އަދި މަޑުކޮށްލަން ޖެހެ އެވެ. ޖެނުއަރީ 29 ގައި އާންމުކޮށް ވިއްކަން ފަށަން ދެނެވެ.

އަހަރުގެ ކުރީކޮޅު މާކެޓަށް ނެރޭ ސެމްސަންގް ގެލަކްސީ ފޯނުތަކަކީ އާންމު ހާލަތުގައި ވެސް މުޅި އަހަރަށް ސްމާޓްފޯން ފެންވަރު ކަނޑައަޅާ ފޯނުތަކެވެ. މި އަހަރަށް ހާއްސަ ސްމާޓްފޯނުތައް ވާދަވެރިން މާކެޓް ކުރުމުގައި ސެމްސަންގުން ކަންތައްކުރާ ގޮތަށް ފާރަލާ ބަލަ އެވެ.

ގެލަކްސީ އެސް21 ގެ ފޯނުތައް އުފެއްދުމުގައި ސެމްސަންގުން މި އަހަރު އެންމެ ބޮޑަށް ބަލާފައި ވަނީ އަގަށެވެ. ފޯނުތައް އުފައްދަަން ހުރިހާ މޮޑެލެއްގައި ޕްރީމިއަމް މާއްދާތައް ބޭނުން ކޮށްފައި ނުވަނީ އަގު ހެޔޮކުރަން ކަމަށް ވެއެވެ. އެހެނެއް ކަމަކު، ފޯނުތަކަށް ބަލާބެލުމަކުން އެ އިހުސާސެއް ނުކުރެވެ އެވެ.

އެސް21 މަރުކާގެ ފޯނުތައް ފުރިހަމަ ކުރުމުގައި ޑިސްޕްލޭއަށް ވަރަށް ބޮޑަށް އަޅާލާފައި ވާނެ ކަމަށް ސެމްސަންގުން ބުނެ އެވެ. ހުރިހާ ފޯނެއްގައި ވެސް 5ޖީ އެވެ. އެސް21 ގެ ފޯނުތަކާ މެދު މިފަހަރު އެންމެ ބޮޑަށް ހައިރާންވަނީ އެސް ޕެން ހިމަނާފައި ވާތީ އެވެ. އެކަމަކު ސްޕްލައި ކުރަނީ ވަކިން އަދި ބޭނުން ނަމަ އެވެ.