ފިޔޯރީ

ފޭސް އަލިގަދަ ތަރި ގުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ފޭސް އަލިގަދަ ތަރި ގުރުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. މިފަހަރުގެ މުބާރާތުގައި ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ.

ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖައްސައި، ގުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމުގެ މަގުސަދުގައި ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމަންޓް (ފޭސް) ޖަމިއްޔާއިން ފިޔޯރީގައި ބާއްވަމުން އަންނަ "ފޭސް އަލިގަދަ ތަރި ގުރުއާން މުބާރާތް" މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވަނީ މާޗް ފަހަކުން އަށެއްގެ ނިޔަލަށެވެ.

ފަރެސްމާތޮޑާ ދާއިރާގެ ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ އުމުރުން ހަ އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުން 1 ވަނަ އަށް ހޮވޭ ކުއްޖަކަށް 10،000 ރުފިޔާ ހުށައަޅާފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 14 ފެބުރުވަރީ 2021 ވާ އާދިއްތަ ދުވަހުގެ ތިނެއް ޖަހާއިރުއެވެ. މުބާރާތުގެ ގަވާއިދާއި މުގައްރަރު އަދި ބައިވެރިވާން އެދޭ ފޯމް ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ބަންދު ނޫން ދުވަސް ދުވަހުގެ މެންދުރު 1:30 ން ހަވީރު 3:30 ށް ޖަމިއްޔާގެ ތަމްރީސުލް ގުރުއާން ކްލާހުންވެސް ލިބެން ހުންނާނެއެވެ.

ފޭސް ޖަމިއްޔާއަކީ ފިޔޯރީގައި ޒުވާނުންނާއި ކުޑަކުދިން ބައިވެރިކޮށްގެން މަދަނީ އަދި އިޖުތިމާއީ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ބީއެޗްއެމް ޓްރޭޑާސް އިން ފިޔޯރީ ބަދަރު ސަރަހައްދުގައި އިމާރާތް ކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި ގުރުއާން ކްލާހެއް ހިންގުމާއި، ލެވެލް 1, 2، 3 އަދި 4 ގެ ގާރީ ކޯސް ހިންގުމުގެ އިތުރުން އެ ރަށުގެ ބަނދަރު ސަރަހައްދުގައި ހަދާފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތްވެސް ކުރަމުން އަންނަނީ ފޭސް ޖަމިއްޔާއިންނެވެ.