ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

ދެ ހަފުތާއިން 40،000 ޓޫރިސްޓުން

މިއަހަރުގެ ފުރަތަމަ ދެ ހަފްތާގައި 40،000 ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އައީ 20،612 ޓޫރިސްޓުންނެވެ. ނަމަވެސް ދެވަނަ ހަފްތާ ނިމުނުއިރު އެ އަދަދު ވަނީ 40،426 އަށް އަރާފައެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 10،002 މީހުން އައިސްފައިވެއެވެ. ދެން އެންމެ ގިނަ ބަޔަކު އައީ އަވައްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން 5،727 މީހުން އައިސްފައިވާއިރު ޔޫކްރޭނުން 3،472 މީހުން އަދި ކަޒަކިސްތާނުން 2،034 މީހުން އައިސްފައިވެއެވެ. ރޫމޭނިއާއިން 1،534 މީހުން، ޔޫކޭއިން 1،494 މީހުން، ފްރާސްއިން 1،418 މީހުން އދި ޖަރުމަނުން 1،365 މީހުން ރާއްޖެ އައިސްފައިވެއެވެ. އެމެރިކާގެ 859 މީހަކާއި ސްވިޓްޒަލޭންޑުން 717 މީހަކުވެސް މިދިޔަ 14 ދުވަހު ރާއްޖެ އައިސްފައިވެއެވެ.

މިއަހަރުގެ ފުރަތަަމަ ދުވަހު ރާއްޖެ އައިސްފައިވަނީ 2005 ޓޫރިސްޓުންނެވެ. ދެވަނަ ދުވަހު 4،160 ޓޫރިސްޓުން އަދި ތިންވަނަ ދުވަހު 4،195 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. ހަތަރުވަނަ ދުވަހު 2646 ޓޫރިސްޓުން، ފަސްވަނަ ދުވަހު 2،672 ޓޫރިސްޓުން އަދި ހަވަނަ ދުވަހު 2،408 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ.

މިދިޔަ 2020 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 555،399 ޓޫރިސްޓުންނެވެ. މިއަހަަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.