ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އަނެއް މައްސަލަ: މުއްދަތުތަކާ އީސީ ދެކޮޅު!

އޭޕްރީލް 4، 2020 ގައި ބާއްވަން މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވި އަހަރު ދުވަހަށް ފަސް ވެގެން ދަނީ އެވެ. އިންތިހާބު ފަސް ކުރަން ޖެހުނީ ކޮވިޑްގެ ބަލާއާފާތާއި ގުޅިގެން ރާއްޖެއަށް ބިންދާލި ނުރައްކަލުގެ ރާޅުތަކުގެ ސަބަބުން ނަމަވެސް މިހާރު އަމާޒު ހިފާފައި ވަނީ ވިހާވެސް އަވަހަށް އިންތިހާބު ބާއްވާ ނިންމާށެވެ. އިންތިހާބު ފަސްވުމުން ދިމާވި ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުން ފާސް ކުރި ސަންސެޓް ގާނޫނުން ފަރުވާ ނުލިބި އަލުން އެ ގާނޫނު އިސްލާހު ކުރަން ޗުއްޓީގައި އޮތް މަޖިލީސް ވަނީ އެއްވެފަ އެވެ. މަޖިލީހުން އެ މަސައްކަތް ފެށިއިރު އަނެއްކާ ވެސް އިތުރު މައްސަލައެއް މިވަނީ ކުރިމަތިވެފަ އެވެ.

ސަންސެޓް ގާނޫނު ބުނާ ގޮތުން އާންމު ސިއްހައްތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނިކޮށް އިންތިހާބާބެހޭ އެއްވެސް މަސައްކަތެއް ކުރުން މަނަލެވެ. އެހެން ކަމުން އިންތިހާބުގެ ތައްޔާރީތައް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކަށް ފެށޭނީ ރާއްޖޭގައި މި ވަގުތު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކާލުގެ ހާލަތު ނަގައި އެފަދަ ހާލަތެއް މިހާރު ނެތް ކަމަށް އެޗްޕީއޭއިން ރަސްމީކޮށް އިއުލާނު ކުރުމުންނެވެ.

ނަމަވެސް ގާނޫނު އެގޮތަށް ބާއްވައިގެން ކުރިއަށް ދެވޭކަށް ނެތެވެ. ކޮވިޑްގެ ވެކްސިން ލިބި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމުގެ ކުރިން ސިއްހީ ކުއްލި ހާލަތު ނިމުމަކަށް ގެންނަން ސިއްހީ މާހިރުން ދެކޮޅެވެ. ނަމަވެސް އެ ދުވަހަކާ ހަމައަށް އިންތިހާބު ފަސް ކުރެވޭކަށް ވެސް ނެތެވެ.

އެހެންވީމަ ޗުއްޓީގައި އޮތް މަޖިލީސް އެއްވެ ސަންސެޓް ގާނޫނުގައި ހުރި އެފަދަ މާއްދާތައް އިސްލާހު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ސިއްހީ ކުއްލި ނުރައްކަލު ހާލަތު އުވާ ނުލެވުނަސް ކައުންސިލް އިންތިހާބް ބޭއްވޭނެ ގޮތަށް ގާނޫނު އިސްލާާހު ކުރުމަށް ހުށައަޅުއްވާފަ އެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި އިންތިހާބު ބޭއްވުމަށް މަގު ފަހިކުރުމަށް އެ ގާނޫނަށް ބަދަލު ގެނައުމަށް ވެސް ހުށައަޅާފަ އެވެ.

އެ އިސްލާހު ބުނާ ގޮތުން ގާނޫނު އިސްލާހު ކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަން ޖެހެއެވެ. އަދި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާ ތާރީހުގައި އިންތިހާބު ބާއްވައި، ނިންމުމަށްޓަކައި، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލު ގެނައުމަށްވެސް ހުށައަޅާފައި ވެއެވެ.

ހަ މުއްދަތެއް ބަދަލު ކުރަން ހިމަނާފައި ވެއެވެ. އެއީ އިންތިހާބު ބޭއްވުމުުގެ 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަން ވާނެ ކަމަށް ބުނާ މުއްދަތު 30 ދުވަހަށް މަދު ކުރުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުޅުހަޅަން މިހާރު އޮތް 10 ދުވަސް ފަސް ދުވަހަށް ކުޑަ ކުރުމުގެ އިތުރުން، ހުށަހެޅޭ ޝަކުވާއަކާ މެދު ގޮތެއް ނިންމަންޖެހޭ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް ކުޑަ ކުރުމެވެ.

އަދި ޝަކުވާއަކާ ގުޅޭގޮތުން ނިންމާ ނިންމުމެއް ހައި ކޯޓަށް ހުށަހަޅަން ދީފައިވާ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް މަދު ކުރުމާއި އެ މައްސަލަ ބަލައި ނިންމަން ހައި ކޯޓަށް ލިބިދީފައިވާ 15 ދުވަހުގެ މުއްދަތު، ހަތް ދުވަހަށް ކުޑަ ކުރުން ވެސް ހިމެނެ އެވެ.

ދެން މަދު ކޮށްފައި ވަނީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަ ވެގެން 14 ދުވަސް ތެރޭ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ކަމަށްް ބުނާ މުއްދަތެވެ. އެ މުއްދަތު ހަތް ދުވަހަށް ކުޑަ ކުރަން ބިލުގައި ހިމަނާފައިވާއިރު، އެފަދަ މައްސަލައަކާ ގުޅިގެން ގޮތެއް ނިންމަން ހައި ކޯޓަށް ލިބޭ 30 ދުވަހުގެ މުއްދަތު 15 ދުވަހަށް ބަދަލު ކުރަން ވަނީ ހިމަނާފަ އެވެ.

މިހާރު މައްސަލަ އުފެދޭ ހިސާބަކީ މިއީއެވެ. މަޖިލީހަށް މި ގޮތް ފެނުނަސް މިއީ އިލެކްޝަނުން ގަބޫލު ގޮތެއް ނޫނެވެ. އަނެއްކޮޅުން މި އިސްލާހުތަކަކީ އިލެކްޝަންސް ކޮމިޝަންގެ މަޝްވަރާއެއް ނެތި ހުށައަޅާފައިވާ އިސްލާހުތަކެކެވެ.

މުއްދަތު ކުރުކުރުމާއި އީސީން ދެކޮޅު

ފަސްވަމުންދާ ލޯކަލް ކައުންސިލް އިންތިހާބު އަވަހަށް ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ގޮތެވެ. ނަމަވެސް އެ ކޮމިޝަން އޮތީ ނަމެއްގައި އިންތިހާބެއް ބާއްވާ އެކަމުން އަތް ދޫކޮށްލާ ގޮތަކަށް ނޫނެވެ. ކޮމިޝަންގެ އުންމީދަކީ ހުރިހާ ރައްޔިތުންގެ އިތުބާރު އޮތް ފުރިހަމަ އިންތިހާބެއް ބޭއްވުމެވެ. އިންތިހާބު ނުބޭއްވި އެތައް މަހެއް ފާއިތު ވެގެން ދިޔައިރު ނަމެއްގައި އިންތިހާބެއް ބާއްވަން އެ ކޮމިޝަނުން ބޭނުމެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވި ގޮތުގައި އިންތިހާބާއި ބެހޭ ގާނޫނުގައި އެކި ކަންކަމަށް ދީފައިވާ މުއްދަތު ކުރު ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫނެވެ. އެކަމާއި ކޮމިޝަން ދެކޮޅެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މިހާރު ހުށައަޅާފައިވާ އިސްލާހުތަކުން ފުރިހަމަ އިންތިހާބަކަށް ހުރަސް އަޅަަ އެވެ. އިންތިހާބެއްގެ މިނިވަންކަމާއި އިންސާފުވެރިކަމުގެ އިތުރުން ފުރިހަމަ ގޮތުގައި އިންތިހާބު ބޭއްވުމަކީ ވެސް މުހިންމު ކަމެކެވެ. ނަމަވެސް އަވަހަށް އިންތިހާބު ބޭއްވުމަށް އާންމު ރައްޔިތުންނަށް ދީފައިވާ މުއްދަތުތައް ކުރު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

"އިންތިހާބުގެ ތާރީހުތައް ކުރުކޮށް އިންތިހާބު އަވަސް އަރުވާލައިގެން ބޭއްވުމަކީ ކޮމިޝަންގެ ވިސްނުމެއް ނޫން. އަޅުގަނޑުމެން ދެކެނީ މިހާރު ވެސް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތައް އެކަންކަމަށް ލިބެން ވާނެ ކަމަށް. ހާއްސަކޮށް ކެންޕެއިން ކުރުމާއި އާންމު ރައްޔިތުންނާއި ގުޅުންހުރި ކަންކަމަށް. އެއީ ވޯޓާސް ލިސްޓާއި ގުޅުންހުރި ކަންކަމާއި އެ ނޫން ކަންކަން. ފުރިހަމަ އިންތިހާބަކަށްވާނީ އެކަންކަން އެގޮތުގައި އޮވެގެން." ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބު އަހަރު ދުވަހަށް ފަސް ކުރުމަށް ފަހު ދެން އަވަސް އަރުވާލައިގެން ބާއްވަން ޖެހޭ ސަބަބެއް ނެތެވެ. މަޖިލީހުން ގެންނަ މަދު އިސްލާހުތަކަކުން ވެސް މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ބޭއްވި ދާނެ އެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ކަނޑައަޅާފައި ވަނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. މުއްދަތުތައް ކުރު ނުކުރި ނަމަވެސް އިންތިހާބު އެ މުއްދަތުގައި ބޭއްވިދާނެ އެވެ.

"އަޅުގަނޑުމެން އުންމީދު މި ކުރަނީ މި ކޮމިޝަނުން ފަހުން ކަނޑައެޅި ތާރީހު [އޭޕްރީލް ހަތަރެއް] ގައި އިންތިހާބު ބޭއްވޭނެ ކަމަށް. ނަމަވެސް އެކަން ކުރުމަށް އިންތިހާބާ ގުޅޭ މުއްދަތުތައް ކުރުކުރުމާއި އަޅުގަނޑުމެން ދެކޮޅު. އެއީ އިލެެކްޝަންސް ކޮމިޝަންގެ ވިސްނުމެއް ނޫން. ކޮމިޝަނުން ބޭނުންވަނީ ފުރިހަމަ އިންތިހާބެއް ބާއްވަން. އެ ފުރުސަތު އަދިވެސް އެބައޮތް،"

އަޅުގަނޑުމެން އުންމީދު މި ކުރަނީ މި ކޮމިޝަނުން ފަހުން ކަނޑައެޅި ތާރީހު [އޭޕްރީލް ހަތަރެއް] ގައި އިންތިހާބު ބޭއްވޭނެ ކަމަށް. ނަމަވެސް އެކަން ކުރުމަށް އިންތިހާބާ ގުޅޭ މުއްދަތުތައް ކުރުކުރުމާއި އަޅުގަނޑުމެން ދެކޮޅު. އެއީ އިލެެކްޝަންސް ކޮމިޝަންގެ ވިސްނުމެއް ނޫން. ކޮމިޝަނުން ބޭނުންވަނީ ފުރިހަމަ އިންތިހާބެއް ބާއްވަން. އެ ފުރުސަތު އަދިވެސް އެބައޮތް
އަހުމަދު ޝަރީފް އާދަމް | އިލެކްޝަންސް ކޮމިޝަންގެ ރައީސް

އިންތިހާބާއި ބެހޭ ގާނޫނަށް ގެންނަން ހުށައަޅާފައިވާ އިސްލާހުތަކާއި ގުޅޭ މަސައްކަތް މާދަމާ މަޖިލީހުގައި ފަށާނެއެވެ. ދައުރުން ބޭރުން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ އިސްލާހުތައް މަޖިލީހަށް ވަނީ ބަލައިގެންފައެވެ. ނަމަވެސް ކޮމިޝަންގެ ވިސްނުމާއި ދެކޮޅަށް އެ އިސްލާހުތައް ގެނެސް އިންތިހާބު ބާއްވައިފިނަމަ އިންތިހާބާމެދު ފަހުން އުފެއްދޭނެ އެތަށް ސުވާލެއް ހުންނާނެ އެވެ. އާ އިސްލާހުތަކުން ފުރިހަމަ އިންތިހާބަކަށް ހުރަސް އަޅާ ކަމަށް ކޮމިޝަނުން ދެކޭއިރު އެ ނޫން އިންތިހާބެއް ބާއްވަން ޖެހޭ ސަބަބެއް ނެތެވެ.

އަމުދުން މިހާރު ފާސްކޮށްފައި އޮތް ސަންސެޓް ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން އެ އިންތިހާބު ބޭއްވެން އޮތްއިރު މުއްދަތުތއް ކުރުކުރުމުގެ ބޭނުމެއް ނެތެވެ. އެކަން އެހެން ކޮށްފިނަމަ އެއީ އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމެކެވެ. އިދިކޮޅު ޕާޓީން މިހާރުވެސް ގެންދަނީ އިންތިހާބާއި ގުޅުންހުރި މައްސަލަތަކެއް ހައިކޯޓަށް ހުށައެޅުމާއިމެދު މަޝްވަރާ ކުރަމުންނެވެ. އެ މައްސަލަތަކާއި ގުޅޭ ގާނޫނީ ލަފާ ހޯދަމުންދާއިރު އެ ކޯލިޝަންގެ އިސް ބޭފުޅަކު ވަނީ މުއްދަތު ކުރުކުރުމާއި ދެކޮޅުކަން ހާމަ ކުރައްވާފައެވެ.

އާ އިންތިހާބަކަށް ގޮވާލުމުގެ ބަހުސް

އިދިކޮޅު ކޯލިޝަނުން ދާދި ފަހުން ވަނީ މިހާރު އޮތްގޮތުން އަންނަ އަހަރު ބާއްވަން މަސައްކަތް ކުރި އިންތިހާބެއް ދެން ނުބޭއްވޭނެ ކަމަށް ބުނެފައެވެ. މިހާރުވެސް މުއްދަތު މާބޮޑަށް ފަސްވެފައިވާތީ ދެން އޮތީ އާ އިންތިހާބަކަށް ގޮވާލައި އަލުން ފުރުސަތު ހުޅުވާލުން ކަަމަށް އިދިކޮޅުން ދެކެއެވެ. އެކަން އެގޮތަށް ނުކޮށްފިނަމަ އެ ފުރުސަތު ހޯދަން ކޯޓަށް ދިއުމުގެ ވިސްނުންވެސް އިދިކޮޅުން ގެންގުޅެއެވެ.

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިދިކޮޅު ލީޑުކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އިންތިހާބު އަހަރު ދުވަހަށް ފަސްވީއިރު މުޅީން އަލަށް 6،000 ވުރެ ގިނަ މީހުނަށް ވޯޓްލުމުގެ ހައްގު ލިބިފައި ވެއެވެ. އެއީ ވޯޓްލެވޭ އާބާދީގެ ބޮޑު ޕަސެންޓެކެވެ. އޭގެ ތެރޭގައި ކައުންސިލް އިންތިހާބަށް ވާދަކުރަން ބޭނުންވާ މީހުންވެސް ތިބޭނެ އެވެ. އެއީ އެމީހުންނަށް ވެސް ހައްގެއް އޮންނާނެ އެވެ. އެހެންވެ މިހާލަތުގައި އާ އިންތިހާބަކަށް ގޮވާލުން ނޫން ގޮތެއް ނޯންނެ އެވެ.

"އަޅުގަނޑުމެން ދެކެނީ ދެން ޖެހޭނީ އަލުން އިންތިހާބަށް ހުޅުވާލަން ކަމަށް. މިހާރު ތިިބި ކެންޑިޑޭޓުންނާއެކު އިންތިހާބު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިހާ ދިގު މުއްދަތެއް ހޭދަވީއިރު އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެހެން ބަޔަކުވެސް ތިބެދާނެ. އެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

166 ކެންޑިޑޭޓުން ނަން ގެންދިއުން

އިންތިހާބުގެ ތާރީހެއް ކަނޑަނޭޅި ދިގުލައިގެންދާއިރު މިއީވެސް ކުރިމަތިވެފައި އޮތް މައްސަލައެކެވެ. އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 4،089 ކެންޑިޑޭޓުންގެ ތެރެއިން 166 ކެންޑިޑޭޓުން މިހާރު ވަނީ ނަން ގެންގޮސްފައެވެ. ކައުންސިލް އިންތިހާބަށް 2،338 ކެންޑިޑޭޓުން ކުރިމަތިލިއިރު 103 ކެންޑިޑޭޓުން ނަން ގެންގޮސްފި އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް 1،751 ކެންޑިޑޭޓަކު ކުރިމަތިލިއިރު އޭގެ ތެރެއިން 63 ކެންޑިޑޭޓުން ނަން ގެންގޮސްފި އެވެ.

މިއީ މިފަހުން އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ނަން ގެންދިޔަ އިންތިހާބަށްވާނެ އެވެ. މިދިޔަ ހަތް ދުވަހުތެރޭ އެކަނިވެސް 13 ކެންޑިޑޭޓުން ނަން ގެންގޮސްފި އެވެ. އަދިވެސް އިތުރު ކެންޑިޑޭޓުން ނަން ގެންދާނެ ކަމަށް ބެލެވެއެވެ.

ނަން ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން 78 ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މިއީ އެ ޕާޓީއަށް ކުރިމަތިވި ގޮންޖެހުމެކެވެ. 20 ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. ނުވަ ކެންޑިޑޭޓަކު ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެއެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި މިއީވެސް އާ އިންތިހާބަކަށް ގޮވާލަން ޖެހޭ ސަބަބެކެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އަދި ދައްކަން ބޭނުންވާ ވާހަކައެއް ނެތެވެ. އެ ކޮމިޝަނުން ބޭނުންވަނީ މިދިޔަ އަހަރު އިއުލާނުކުރި އިންތިހާބު ބާއްވާށެވެ. ނަމަވެސް އެ އިންތިހާބަކީ އަވަސް އަރުވާލައިގެން ބާއްވާ އިންތިހާބަކަށް ނުވުމެވެ. އެއީ ގާނޫނުގައި ކަނޑައަޅާފައިވާ ހުރިހާ މުއްދަތުތަކެއް ލިބި، އެންމެ ރަނގަޅު ގޮތުގައި ތައްޔާރުވެގެން ބޭއްވޭ އިންތިހާބަކަށްވުމެވެ. ބަލިމަޑުކަމުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިންތިހާބުތައް ބޭއްވި ގޮތަށް ރާއްޖޭގައިވެސް އިންތިހާބު ބޭއްވިދާނެ ކަމަށް ކޮމިޝަނުން ދެކެއެވެ. އެ މަސައްކަތް ކުރަން ކޮމިޝަން އޮތީ ތައްޔާރަށެވެ. ނަމަވެސް މުއްދަތު ކުރުކުރަން ފާސްކޮށް އެ ގާނޫނުގެ ދަށުން އިންތިހާބު ބާއްވަން ނިންމައިފިނަމަ އިތުރު މައްސަލަތައް އުފަންވާނެ އެވެ. އިންތިހާބާ ބެހޭ ގިނަ މައްސަލަތަކެއް ކޯޓަށް ހުށައެޅި އަނެއްކާވެސް އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށްދާނެ އެވެ. އެހެންވީމަ މަޖިލީހަށް މިހާރު ހުށައެޅިފައިވާ ބައެއް އިސްލާހުތައް ފާސްކުރުމުގެ ކުރިން ވިސްނާލަން ޖެހެއެވެ.