މިއުޒިކް

ބައިސްކޯފުގައި "ކޯވަރެއް" ރިލީޒްކޮށްފި

Jan 16, 2021
2

ދިވެހި ހިޕްހޮޕް އަދި ރެޕް މިއުޒިކް ލޭބަލް، "ސިމްބޮލިކް ރެކޯޑްސް" ގެ އާ އަލްބަމް "ކޯވަރެއް" ބައިސްކޯފުގައި ރިލީޒް ކޮށްފި އެވެ.

ބައިސްކޯފު މެދުވެރިކޮށް ސިމްބޮލިކް ރެކޯޑްސްގެ އެހުންތެރިންނާއި ހަމައަށް ދޫކޮށްލި މި އަލްބަމްގައި 20 ލަވަ ހިމެނެ އެވެ. މި މަހު ފުރަތަމަ ދުވަހު ސިމްބޮލިކް ރެކޯޑްސް އިން ވަނީ އަލްބަމްގެ ޓައިޓްލް ސޯންގް "ކޯވަރެއް" ގެ ވީޑިއޯ ވެސް ދޫކޮށްލާފަ އެވެ. މި ލަވަައަށް ބޮޑު ތަރުހީބެއް ވެސް ލިބިފައި ވެއެވެ.

ސިމްބޮލިކް ރެކޯޑްސްގެ މި އަލްބަމަކީ ސިމްބޮލިކް ރެކޯޑްސްގެ އަށްވަނަ އަލްބަމެވެ. އަދި ހުރިހާ އެކްޓިވް އާޓިސްޓުންގެ އަޑު އެކީގައި އިވިގެންދާ ދެވަނަ އަލްބަމެވެ.

"މި އަލްބަމްގައި 20 ލަވަ ހިމެނޭއިރު ޓައިޓްލް ސޯންގް 'ކޯވަރެއް' މިއަހަރު ފުރަތަމަ ދުވަހު ވަނީ ޔޫޓިއުބް މެދުވެރިކޮށް ދޫކޮށްލާފައި. މި ލަވަ މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ މީހުން ވަނީ އަޑުއަހާފަައި."

"ކޯވަރެއް" މި އަލްބަމްގެ ދެވަނަ ވީޑިއޯ ލަވައެއް ބައިސްކޯފަށް އެކްސްކުލޫސިވްކޮށް ވަނީ ދޫކޮށްލާފަ އެވެ. މި ވީޑިއޯ އަކީ ޒުވާން އާޓިސްޓެއް ކަމުގައިވާ މުސްތަފާ މުހައްމަދު (ކުލަފިހި) އަދި ސިމްބޮލިކްގެ ފަރާތުން މުހައްމަދު ނަބީލް (ޓޯއީ) އެނިމޭޝަން ހަދައި އުފައްދާފައިވާ ވީޑިއޯއެކެވެ.

"ވަރަށް ވަރަށް ބޮޑަށް ހިތްހަމަޖެހޭ މަސައްކަތާއި މެދު. ސިމްބޮލިކްރެކޯޑްސް އުފެދިގެން އައީވެސް އަޑުނެތް ބަޔަކަށް އަޑެއް ދޭން. އެހެންވެ އަބަދުވެސް ހިފަހައްޓާނެ އެކަން. ލަވަތަކުން ކިޔައި ދެނީ މުޖުތަމައުގެ އެކި އެކި ވާހަކަތައް. މި ފަންނަކީ ވަރަށް ބޮޑަށް ފަށުވިކޮށް ތިލަކޮށް ބުނަންވާ އެއްޗެއް ބުނުން. އަހަރުމެން ކުރި މަސައްކަތަކީ ހިޕްހޮޕް ކުރިއެރުވުން. ވަރަށް ގިނަ ބަޔަކު ދަނީ މިހާރު މި ލަވަތައް އަޑު އަހަމުން. ފޭނުންނަށް ބުނަނީ ފީޑްބެކް ދޭށޭ އެކި އެކި ޕްލެޓްފޯމްތަކުން. އަދިވެސް ދަސްކުރަމުން މި ދަނީ. ހިތްހަމަޖެހޭވަރަށް ފުރިހަމަކޮށް ގެނެސްދޭން" ސިމްބޮލިކް ރެކޯޑްސްގެ ފަރާތުން ވާހަކަ ދެއްކި އިސްމާއިލް އިފްހާމް (ޕެސްޓް) ބުންޏެވެ.

ޕެސްޓް އޭނާއަށް އެންމެ ކަމުދާ ގޮތަށް ފުރިހަމަ ކޮށްލެވުނު ކަމަށް ބުނަނީ "ޒިންމާ" މި ލަވައެވެ. އަދި ރައިޑޭ ބުނާގޮތުން އޭނާގެ މަސައްކަތުގެ ތެރެއިން ތަފާތު އެއްޗަކަށް ފާހަގަވީ "ދާއްބަ" ކިޔާ ލަވައެވެ.

ޑރ. ފާތިމަތު ޝިފްނާގެ ދެ ލަވައެއް މި އަލްބަމްގައި ހިމެނެއެވެ. އައިޖީއެމްއެޗްގައި އިންޓާން އެއްގެ ގޮތުން މަސައްކަތްކުރާ ޝިފްނާ ގެ ފުރަތަމަ ރެޕް ލަވަ "މަންތިރި" އާއި އިތުރުން "އޭނާ" މި ލަވަ ހިމެނެ އެވެ. މިއީ ރާއްޖޭގައި އަންހެން އާޓިސްޓެއްގެ މިފަހުން އަޑުއިވޭ ސޯލޯ ރެޕް ލަވަކަމުގައި ވާނެއެވެ.