ދިވެހި ޕްރެމިއާ ލީގް

ދިވެހި ލީގްގެ ފުރަތަމަ އަންހެން މެޗު ކޮމިޝަނަރު

ދިވެހި ލީގް ނުވަތަ ދިވެހި ޕްރިމިއާ ލީގް ތައާރަފު ކުރި ފހުން، އިއްޔެ އަކީ ހާއްސަ ދުވަހެކެވެ. ދިވެހި ލީގަށް އެކަންޏެއް ނޫނެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަ ކުރެވޭ ދުވަހަކަށް ވެސް ވާނެ އެވެ. ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު މެޗު ކޮމިޝަނަރުކަން ކުރެއްވި ދުވަހެވެ.

ކުލަބު އީގަލްސް އާއި ކުލަބު ގުރީން ސްޓްރީޓްސް ބައްދަލު ކުރި މެޗުގެ، މެޗު ކޮމިޝަނަރަކީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އާމިނަތު ޝާނީޒް (ޝާނީ) އެވެ. އޭނާއަކީ އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ޑިޕާޓްމެންޓްގައި ވެސް އިސް ދައުރެއް އަދާ ކުރައްވަމުން އަންނަ ބޭކަނބަލެކެވެ.

ރޭ ގެ މެޗު ފެށުމުގެ ކުރިން، އެ ތާރީހީ މުބަސަބަތު ފާހަގަ ކުރުމުގެ ގޮތުން އެކަން އިއުލާން ކުރި އެވެ. ދިވެހި ލީގްގައި މީގެ ކުރިން އަންހެން އެސިސްޓެންޓް ރެފްރީން ރޮނގު ބަލަހައްޓާފައި ވެއެވެ. އެހެން ނަމަވެސް މިއީ 70 އަހަރުވީ ދިވެހި ފުޓުބޯޅައިގެ ތާރީހްގައި ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި މެޗެއްގެ އެންމެ އިސްވެރިޔާގެ ޒިންމާ އަންހެން ބޭފުޅަކު އަދާ ކުރެއްވި ފުރަތަމަ ފަހަރެވެ.

މެޗު ކޮމިޝަނަރަކީ، މެޗުގެ އެންމެ އިސް ފަރާތެވެ. ރެފްރީންނާއި އެސިސްޓެންޓް ރެފްރީން އަދި ދެ ޓީމުގެ ކުޅުންތެރިންނާއި ދެ ޓީމުގެ ބެންޗުގެ ހަރަކާތްތައް އެންމެ ކައިރިން ބަލާ ކަޅި އެވެ. ދަނޑުގެ ސަލާމަތްތެރި ކަމައި މެޗު ކުޅެން ހަމަޖެހިފައިވާ ތަނަކީ ކްރައިޓީރިއާއަށް ފެތޭ ތަނެއްތޯ ބެލުންވެސް މެޗު ކޮމިޝަނަރުގެ ޒިންމާގެ ގޮތުގައި ވެއެވެ. މެޗު ކުރިއަށް ގެންދެވޭނެ އެކަށީގެންވާ މާހައުލެއް ނުވަތަ އެކަށީގެންވާ ހާލަތެއް ނެތް ނަމަ މެޗު ފަސް ކުރުމުގެ ބާރު ވެސް ލިބިގެން ވަނީ މެޗު ކޮމިޝަނަރަށެވެ.

ފުޓުބޯޅައަކީ، ހަމަ އެކަނި ފިރިހެނުންގެ ކުޅިވަރެއްގެ ގޮތުގައި އޮތް އޮތުމުގެ ވިސްނުން ދަނީ ބަދަލު ވަމުންނެވެ. ނޭޕާލްގައި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުން ވަނީ ލޯ މެޑަލް ހޯދާފަ އެވެ. އެއީ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއްގައި އަންހެން ޓީމުން ހޯދި ފުރަތަމަ މެޑައްޔެވެ.