ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ހާރިޖީ ސިޔާސަތުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން"

ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުމަށް ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި މަސައްކަތަކީ އަވައްޓެރި އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ މިއީ، ދޭދޭ ގައުމުތަކާއެކު ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުމަށް ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ހެޔޮ ނަތީޖާ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަދު ހުޅުވުނު ސިންތެޓިކް ޓްރެކަކީ ރާއްޖޭގެ އެތުލީޓުން އެތައް އަހަރެއް ވަންދެން ކުރަމުން އައި ޝަކުވާތަކަށް ލިބުނު ކޮންމެވެސްވަރެއްގެ ހައްލަކަށްވާނެ ކަމަށެވެ.

"ކުރިން ވަރަށް އާދައިގެ ގޮތަކަށް އޮތް މި ޓްރެކަށް މި ގެނެވުނު ބަދަލުގެ ސަބަބުން، ރާއްޖޭގައި ބާއްވާ ގައުމީ ކަސްރަތު މުބާރާތް ތަކާއި ސްކޫލްތަކުގެ ކަސްރަތު މުބާރާތް ތަކުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅު ވެގެން ދާނެ. އަދި ބޭރުގެ މުބާރާތް ތަކަށް އެތުލީޓުން ތައްޔާ ރުކުރުމަށްވެސް، ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ," ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މާލޭ ކުޅިވަރު އެކުވެނީ ތަރައްގީ ވެގެން އައި ގޮތާއި އެ މަސައްކަތުގައި އެކި ދުވަސްވަރު މަސައްކަތް ކޮށްދެއްވި ބޭފުޅުންގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ. ހާއްސަކޮށް އަލްމަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ނަންފުޅު ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ ދިވެހި ކުޅިވަރުގެ ތަރައްގީ އަށްޓަކައި އަޅާ ކޮންމެ ފިޔަވަޅެއްގައި ޒާހިރުގެ ހަނދާންތައް އައުވާނެ ކަމަށެވެ.

"މިއަދު ރާއްޖޭގެ ކުޅިވަރު މިއޮތް ފެންވަރަށް ތަރައްގީ ވެފައިވަނީ މާ ގިނަ ވަސީލަތް ތަކެއް ނެތް މި ދެންނެވި ދަތި ދުވަސްވަރު، ޒާހިރު ނަސީރު އިސްނަންގަވައިގެން ކުރެއްވި ބުރަ މަސައްކަތްތަކެއްގެ ސަބަބުންކަން ހަމަ ޔަގީން. ރާއްޖޭގެ ކުޅިވަރުގެ ހަޔާތުން ދުވަހަކުވެސް އެމަނިކުފާނުގެ ނަންފުޅު ފޮހެވިގެނެއް ނުދާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ ކުޅިވަރުގެ ރޮނގުން ދިވެހިން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ. އަދި ތޮއްޖެހިފައި އޮތް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުން ކަމަށެވެ.