ޔުނައިޓެޑް ވިކްޓަަރީ (ޔޫވީ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓީސް) ކުޅެ އެއްވަރުވެގެން ނިމުނު މެޗަށް ފަހު ޔޫވީގެ ކޯޗް ކަމުން މުހައްމަދު އާދަމް އިސްތިއުފާ ދީފި އެވެ. މެޗު އެއްވަރުވީ 1-1 ންނެވެ.
މެޗަށް ދިއުމުގެ ކުރިންވެސް، ސަސްގެ ކޯޗް އަހްމަދު ނާޝިދު (ނާދު) ގެ މަގާމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އީގަލްސްގެ ކޯޗް ކަމުން މުހައްމަދު ޝިޔާޒު (މޯހަން) ވަކި ކުރި ހިސާބުން، ސަސްގެ ކޯޗް ކަމަށް އޭނާ ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ.
ނާދުގެ ކުރިމަގާ ބެހޭގޮތުން، މިރޭގެ މެޗަށް ފަހު ނޫސްވެރިން ސުވާލު ކުރުމުން، ނާދު ބުނީ، އޭނާ އިސްތިއުފާ ދޭން ޖެހޭ ހާލަތެއް ނެތް ކަމަށާއި އަމިއްލައަށް ބޭނުންވެގެން މަގާމުން ދުރަށް ނުދާނެ ކަމަށެވެ. ޕްރެސްތަކުގައި އާންމުކޮށް މަޑުމައިތިރި ރާގެއްގައި ވާހަކަ ދައްކާ ނާދު، މިރޭ ޕްރެސްގައި ވާހަކަ ދެއްކި ރާގުގައިވެސް ހިތްހަމަ ނުޖެހުން ހުރިކަން ފާހަގަ ކުރެވުނެވެ.
ސީޒަން ފެށުމުގެ ކުރިން ވެސް ޓާގެޓްކޮށްފައި ވާނީ ގަދަ ހައެއްގެ ތެރޭގައި ދެމިއޮތުމަށް ކަމަށް ކުލަބުން ފާހަގަ ކުރި ކުރުން ތަކުރާރު ކުރަމުން ނާދު ބުނީ، ސަސް ބަލިވީ މާޒިޔާ އަތުން އެކަނި ކަމަށާއި ޓީމު އަދިވެސް އޮތީ ގަދަ ހައެއްގެ ތެރޭގައި ކަމަށެވެ. އެހެންވެ އޭނާ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ނާދު ބުންޏެވެ.
"މިހިސާބުން ކޯޗް ވަކި ކުރުމުގެ ފިޔަވަޅު ނަގަން ވެއްޖެއްޔާމު ތަންކޮޅެއް އަވަސް ކަންނޭންގެ. އެކަމަކު ކޯޗެއްގެ ހިއްސިއްޔަތުން އަޅުގަނޑެއް އިސްތިއުފާއެއް ނުދޭނަން. ވަކި ކުރަން ޖެހޭނީ،" އޭނާގެ ކުރިމަގާ ބެހޭގޮތުން ސުވާލު ކުރުމުން ނާދު ބުންޏެވެ. "އެކަމަކު އެއީ އެމީހުން [ކުލަބުން] އެ ދިން ޓާގެޓް ހާސިލު ނުކުރެވިގެންނޭ ކިޔާފައި އިސްތިއުފާ ދީފިއްޔާ އެއީ ގޯހެއް. އަދި ނުވޭ ކަންނޭންގެ ޓާގެޓަށް ނުދެވުނީޔޭ ކިޔާފައި ވަކި ކުރާކަށް."
"ވަކި ކުރިޔަސް އެއްވެސް ކަހަލަ ޖެހިލުމެއް ނުވޭ. އެއީ އެއްގޮތަކަށްވެސް ޖެހިލުން ވާވަރުގެ ކަމެއް ނޫން. އިރާދަ ކުރެއްވިއްޔާ ފުޓްބޯޅައާ ދުރެއް ނުކުރެވޭނެ އެއްވެސް މީހަކަށް. އިރާދަ ކުރެއްވިއްޔާ ފުޓްބޯޅައިގައި އަދިވެސް އުޅޭނީ. ތާޑް ޑިވިޝަން ޓީމެއް ނަމަވެސް ނަގައިގެން އުޅޭނީ ފުޓްބޯޅައިގައި. ފުޓްބޯޅައިން ވަތްކެއް ނުކުރެވޭނެ. ވަކި ކުރަންޏާ ކުރަން ޖެހޭނީ ޓީމުން. ވަކި ކުރިޔަސް އެއްވެސް ކަހަލަ ހަސަދަވެރި ކަމެއް ދެކޮޅު ވެރިކަމެއް ނޯންނާނެ. އެކަންވެސް އޮންނާނީ އެގޮތަށް. އެބައެއްގެ ނިންމުން އޮންނާނީ އެބައެއްގެ އަތް މަތީ. އެމީހުންގެ ޓީމު މީ."
މަގާމުން ވަކި ކުރަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައި ވޭތޯ ސުވާލު ކުރުމުން ނާދު ބުނީ، "ދަނޑު ބޭރުން އެކަހަލަ ވާހަކަ ދައްކާ އަޑު އިވޭ" ކަމަށެވެ. އޭނާ ބުނީ ސަސް އާއެކު ކުރެވުނީ ކާމިޔާބު މަސައްކަތްތަކެއް އޭނާ ގަބޫލު ކުރާ ކަމަށެވެ.
މުހައްމަދު އާދަމް ބުނީ، އޭނާ ޓީމުން އިސްތިއުފާ ދިނުމާމެދު، މެނޭޖުމެންޓާއެކު ދެ ހަފުތާ ވަންދެން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި މިރޭގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އޭނާ ހުރީ މެޗަށް ފަހު އިސްތިއުފާ ދޭން ނިންމައިގެން ކަމަށް މުހައްމަދު ބުންޏެވެ. އޭނާ ބުނީ މެޗަށް ފަހު މެނޭޖުމެންޓަށް އޭނާގެ އިސްތިއުފާ ސިޓީ ހުށަހަޅާފައި ވާނެ ކަމަށެވެ.
"ޕްރެސް އަށް އަންނަމުން އަޅުގަނޑު މިއައީ އަޅުގަނޑުގެ ރިޒައިން ލެޓާ ދީފަ،" ފުލީގްގެ ފުރަތަމަ ނިމެން ދާއިރު މެޗަކުން މޮޅު ވެވިފައި ނެތުމުން ކޯޗްގެ ޒިންމާ ބަރާބަރަށް އަދާ ކުރެވޭތޯ ސުވާލު ކުރުމުން މުހައްމަދު ބުންޏެވެ. "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑަކަށް ނެތް މި ޕްރެޝާ ހޭންޑަލް ކުރަން ދަސް ވެފައެއް. ކުޅުންތެރިންގެ ތެރޭގައި އުޅޭ މައްސަލައެއް އެ މީހުންގެ ޓީމު ބޮންޑިން އެ އުޅޭ މައްސަލައެއް. އެ މައްސަލަ ހައްލު ކުރާކަށް މަށަކަށް ދަސްވެފައެއް ނެތް. ދަނޑުމަތީގައި ޖެހޭ މައްސަލަތަކުގައި ދަނޑު މަތީގައި އެކަކު އަނެކަކަށް ޒުވާބު ކުރުމާ މިކަންކަމަކީ އަހަންނަށް ވަރަށް އާ ކަންކަން."
ކުރިން ލަންކާގެ ލީގްގައިވެސް ކޯޗް ކޮށްދިން މުހައްމަދު ބުނީ، ދަނޑުމަތީގައި ޖެހޭ މައްސަލަތަ ކުގައި ދަނޑުމަތީގައި އެއް ޓީމެއްގެ ކުޅުންތެރިން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރެިޔަކާ ޒުވާބު ކޮށް ހެދުމަކީ އޭނާ ކުރިން މަސައްކަތް ކުރި އެއްވެސް ޓީމަކުން ފެނިފައި ނުވާ ކަންތައް ކަމަށެވެ.
އޭނާ ބުނީ، މަގާމުން އިސްތިއުފާ ދެނީ ޔުނައިޓެޑް ވިކްޓަރީގެ މެނޭޖުމެންޓާ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ.
ޔޫވީ އާއި ސަސްގެ މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ ސަސްއިންނެވެ. އެ ޓީިމުގެ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކުރީ ޖަޕާންގެ އެއިސޫކޯ މޯރީ އެވެ. މެޗުގެ ފަހު ވަގުތު ޔޫވީން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީ އަކުން އިސްމާއީލް އީސާ އެވެ.