ސަރުކާރު ހިންގުމަށް ފަސްޓްލޭޑީ، މެޑަމް ފާތިމަތު އިބްރާހިމް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މެޑަމް ފާތުން ސަރުކާރު ހިންގުމަށް ނުފޫޒު ފޯރުވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މުއާޒު އެކަން ދޮގު ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަނާ ކުރައްވަނީ އިޖުތިމާއީ މަސައްކަތްޕުޅުތައް ކަމަށެވެ. އަދި މެޑަމް ފާތުންގެ ހިދުމަތްތަކަށް ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ހެކި ވާނެ ކަމަށް ވެސް މުއާޒު ވަނީ ވިދާޅުވެފަ އެވެ.
"ފަސްޓް ލޭޑީ އެއްވެސް ވަރަކަށް ސަރުކާރު ހިންގުމަށް ނުފޫޒެއް ނުފޯރުއްވާ. ކުރީގެ ނައިބު ރައީސް ހައްދަވަމުން އެ ގެންދަވަނީ އިތުރުފުޅު،" މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ވެސް ނައިބު ރައީސް ހެއްދެވީ އިތުރުފުޅު ކަމަށެވެ.
ރޭ ޖަމީލު ވިދާޅުވެފައި ވަނީ ރައީސް ޔާމީން އޮފީހަށް ވަޑައިގަންނަވަނީ ވަރަށް ލަހުން ކަމަށާއި އެހާ އަވަހަށް ގެޔަށް ވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރު ހިންގުމުގެ މަސައްކަތްތައް ފަސްޓް ލޭޑީ ކުރައްވާ ކަމަށެވެ. އެގޮތުން ސޯޝަލް ކައުންސިލަށް ވަދެ ކަންކަމުގައ ގޮތް ކިޔައި، ހެލްތް ދާއިރާ އާއި ބައެއް ސޯޝަލް ދާއިރާތަކުން ވަޒީފާ ދެނީ ވެސް ފަސްޓް ލޭޑީ ބޭނުންފުޅުވާ ބަޔަކަށް ކަމަށެވެ. މިއީ ދުސްތޫރީ ނިޒާމެއްގައި ފަސްޓް ލޭޑީއެއް ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މުއާޒު އަދި ވިދާޅުވީ ކުރީގެ ނައިބު ރައީސް އޮފީހަށް ވަޑައިގަންނަވާ އިރު ރައީސް އަބްދުﷲ ޔާމީން ހުންނަވަނީ އޮފީހުގައި މަސައްކަތްޕުޅުގައި ކަމަށެވެ. އަދި ޖަމީލް މަސައްކަތް ނިންމަވައި އޮފީހުން ނިކުމެ ވަޑައިގަންނަވާ އިރު ވެސް ގިނަ ދުވަސް ދުވަހު ރައީސް ޔާމީން އޮފީހުގައި މަސައްކަތްޕުޅުތަކުގައި އުޅުއްވާ ކަމަށް މުއާޒު ވިދާޅުވި އެވެ.