އައިޖީއެމްއެޗް

މެޑިކަލް އިންޓާންޝިޕްގެ 20 ފުރުސަތެއް ހުޅުވާލައިފި

Jan 17, 2021
1

ސަރުކާރުގެ މައި ހޮސްޕިޓަލް، ދަރުމަވަންތަ (ޑީއެޗް) އާ އިންވެގެން ހުންނަ ހޮސްޕިޓަލް، އައިޖީއެމްއެޗުން ހިންގާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެއްގައި 20 ފުރުސަތެއް އާންމުކޮށް ހުޅުވާލައިފި އެވެ.

އިންޑިއާ ސަރުކާރުން އަޅައިދީ ދިވެހި ސަރުކާރުން ތަރައްގީ ކުރި އައިޖީއެމްއެޗުން ހުޅުވާލި މެޑިކަލް އިންޓާންޝިޕް ފުރުސަތު ފެށި މި މަހުގެ 11 އިގަ އެވެ.

އެ ޕްރޮގްރާމްގެ ފަސް ވަނަ އިންޓޭކްގައި އަންނަ މާޗް މަހުގެ 17 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 އިން 28 ފެބްރުއަރީ އަށް އޮންނާނެ އެވެ. ހުޅުވާލާފައި ވަނީ 20 ފުރުސަތެކެވެ.

މި އިންޓާންޝިޕަށް ކުރިމަތިލެވެނީ މެޑިކަލް ކޮލެޖް / ޔުނިވާސިޓީއަކުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުމެވެ.