އެސްޓީއޯ އިން ވަރުގަަދައަށް ހަދައި ހުޅުމާލޭގައި "ގަލަށްވެފައި" ވެފައިވާ ސިޓީ ހޮޓާ އޮޕަރޭޝަނަށް ގެނެސް ހިންގާނެ ބަޔަކު ނުވެއްޖެނަމަ އެ ހޮޓާގެ އިމާރާތުގައި އެހެން ބޭނުމެއް ކުރާނެ ކަމަށް ހުޅުމާލޭގެ ބެލެނިވެރި ފަރާތް، އެޗްޑީސީން ބުނެފި އެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ބިމެއް ހޯދީ 2007 ވަނަ އަހަރު އެވެ. އޭގެ ފަހުން "ރެޑިސަން ބުލޫ" ގެ ނަމުގައި މިފަދަ ވިޔަފާރިތައް ކުރާ އެެމެރިކާގެ ކާލްސަން ގުރޫޕާއެކު ހޮޓާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް 2011 ގައި ފެށިީ 250 ކޮޓަރި ހިމެނޭ ގޮތަށެވެ. އެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން އެތަން ވިއްކާލަން މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ.
އޭގެ ފަހުން ތަފާތު ގޮތްގޮތަށް ހޮޓާ ވިއްކުން ކުރިޔަށް ގެންދަން އުޅުމަށް ފަހު އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދަން މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެއްބަސް ވެފައެވެ. އޭގެ ފަހުން ވެސް މަސައްކަތް ހިނގާފައެއް ނުވެއެވެ.
ނަމަވެސް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އެސްޓީއޯއާއެކު އެއްބަސްވުމެއް އޮތީ ސިޓީ ހޮޓާ ގަންނާނެ ފަރާތެއް ހޯދުމުގެ ބާރު އެޗްޑީސީއަށް ވެސް ލިބޭ ގޮތަށް ކަމަށެވެ. ނަމަވެސް އެކަން ކުރިޔަށް ގެންދާނީ ވަކި މުއްދަތަކަށް ކަމަށެވެ.
ސުހައިލް ވިދާޅުވީ އެޗްޑީސީން ބަލަނީ ވީހާވެސް ކައިރި މުސްތަގުބަލެއްގައި އެސްޓީއޯ ހޮޓާ، ރަނގަޅު ހޮޓަލެއްގެ ގޮތުގައި އޮޕަރޭޓް ކުރާނެ ފަރާތެއް ނުވެއްޖެއާ އެހެން ބޭނުމެއްގައި ވެސް އެތަން ހިންގަން ކަމަށެވެ.
އެސްޓީއޯ ޓޫރިޒަމަށް ނުކުންނަން ބޭނުންވެ 25 އަހަރަށް ހޯދި ބިމުގައި 60 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކުން އަޅާފައިވާ ހޮޓާ "ގަލަށް ބަދަލުވެފައި" ވާއިރު ފިހާރަތަކާއި ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލްތައް ހިމެނޭ ހޮޓާ މިހާރު ބޭނުން ކުރަނީ އެސްޓީއޯގެ މުދާ ރައްކާކުރާ ގުދަނަކަށެވެ.