ޔުނައިޓެޑް ވިކްޓަރީ

ޔޫވީގެ ވަގުތީ ކޯޗަކަށް ސާންތީ

ޔުނައިޓެޑް ވިކްޓަރީގެ ވަގުތީ ކޯޗަކަށް، އެ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުގައި ހުރި އިހްސާން އަބްދުލް ގަނީ (ސާންތީ) ހަމަޖައްސައިފި އެވެ.

މި ސީޒަނަށް ތައްޔާރުވާން ޔޫވީން ފެށި ޕްރީ ސީޒަން ޓްރޭނިންގައި ކުރީގެ ކޯޗް މުހައްމަދު އާދަމްއަށް އެހީތެރިވުމުގެ ގޮތުން ސާންތީ ބައިވެރި ވި އެވެ. ރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މުހައްމަދު ވަނީ އިސްތިއުފާ ދީފަ އެވެ. ޕްރީ ސީޒަންގައި ހިލޭ ސާބަހަށް ނުކުތް އަނެއް ކޯޗަކީ ކުރީގެ ގޯލްކީޕަރު އިސްމާއީލް ޒަރިއަންދެވެ. ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި ނުކުތް ޒަރިއަންދާއި ޔޫވީގެ ޓީމަށް އެހީތެރި ވުމުގެ ގޮތުން ނުކުތް ސާންތީ ޓީމުގެ ރަސްމީ ކޯޗިން ސްޓާފުންގެ ގޮތުގައި ޖެހުމަށް ޔުވީން ނިންމީ ކޯޗިން ޓީމުގެ އޮފިޝަލުން ކުލަބުގައި މަދުވުމުންނެވެ.

ޔުވީއަށް ކުރިން ކުޅެ، މިދިޔަ ސީޒަންގައި ކުޅުން ހުއްޓާލި އެ ކުލަބުގެ މިހާރުގެ ރައީސް އިސްމާއީލް ޝާފީއު ވިދާޅުވީ ސާންތީ ޔޫވީއަށް ގެނައުމަށް މިދިޔަ ތިން ސީޒަންގައިވެސް މަސައްކަތް ކުރި ކަމަށެވެ.

"އަންޑަ 19 ގައުމީ ޓީމުގައި ސަންތީ ހުރި އިރުވެސް އަޅުގަނޑުމެން ސާންތީއަށް އޮފާ ކުރިން، އޭގެ ފަހުން އިތުރު ދެ ފަހަރުވެސް އަޅުގަނޑުމެން ހުށަހެޅިން ސާންތީއަށް ޔުވީ އާ ހަވާލުވާން." އޭރު ކުލަބުގެ ޖެނަރަލް ސެކެޓްރީކަން ކުރި އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަގުތީ ކޯޗެއްގެ ގޮތުގައި ހަމަޖެއްސި ނަމަވެސް އެ ކޮންޓްރެކްޓް ދާއީމީ ކުރެވޭތޯ ވާހަކަ ދައްކާނެ ކަމަށެވެ.

"މިހާރު ވަގުތީ ގޮތުން ކޯޗް [ސާންތީ] ހަމަޖެއްސާފައި އެއިނީ. މިވަގުތަށް ކޯޗާއެކު އެއްބަސް ވެވުނީ ވަގުތީ ކޯޗެއްގެ ގޮތުގައި ހުންނަން،" އިއްސޭ ބުންޏެވެ. "ރަސްމީކޮށް ކޮންޓްރެކްޓެއްގެ ދަށުން ޕާމެނެންޓް ކުރުމަށް އަޅުގަނޑުމެން ވާހަކަ ދައްކާނަން. ސާންތީ މި ޓީމުގައި މަޑު ކުރުވުމަކީ އަޅުގަނޑު އަމިއްލަ ހައިސިއްޔަތުންވެސް ބޭނުންވާ ކަމެއް."

ކުރީގެ ކޯޗް މުހައްމަދު ޔޫވީގެ ޓީމުގައި ކުރި މަސައްކަތް އިއްސޭ ވަނީ ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ ޕްރީ ސީޒަނަށް ލިބުނު ކުރު މުއްދަތުގައިވެސް މުހައްމަދުގެ ހެޑް ކޯޗު ކަމުގެ ދަށުން ރަނގަޅު ޓްރޭނިންތަކެއް ކުރިއަށް ގެންގޮސް ޓީމު އެކުލަވާލުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވުނު ޕްރީ ސީޒަން ޓްރޭނިންއިން ފެށިގެން ކޮށްފއި ހުރި މަސައްކަތްތައް. ލީގްގެ މެޗުތަކުގައި ބޭނުންވާ ގޮތަށް ނަތީޖާ ނުނެރެވުނީ ކޯޗްގެ ނަސީބު ދެރަވުމުން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ޓީމު ގޭމްވެސް ރަނގަޅު. ގިނަ މެޗުތަކުގައި ރަނގަޅަށް ކުޅޭތަންވެސް ފެނުނު. ޔުވީ އަށް ކޮށްދިން މަސައްކަތަށް އަޅުގަނޑުމެން ކޯޗަށް [މުހައްމަދު އާދަމް އަށް] ޝުކުރު އަދާ ކުރަން."

ލީގްގެ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗުގައި ބުރާސްފަތި ދުވަހު ޔޫވީ ނުކުންނާނީ ދަ ގުރާންޑޭ އާ ދެކޮޅަށެވެ. ފުރަތަމަ ބުރުގައި މިހަތަނަށް ކުޅުނު ހަ މެޗުން އެއްވެސް މެޗަކުން މޮޅެއް ނުވެވުނެވެ. ހަ މެޗުން ލިބުނީ ތިން ޕޮއިންޓެވެ.