ރައްޔިތުންގެ މަޖިލިސް

މަޖިލިސް ސަސްޕެންޑްކޮށް ބާއްވަން އެއްބަސްތޯ ސުވާލުކޮށްފި

އިގުތިސާދީ ގޮތުން ދަތި ވަގުތެއްގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން މުހިންމުތޯ ސުވާލު ކުރައްވާ ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ކައުންސިލް އިންތިހާބަށް އައްޑޫ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ ކުރީގެ މަޖިލީސް މެންބަރު އަލީ ނިޒާރު ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވީ ކައުންސިލް އިންތިހާބަށް 50 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، ބަލިމަޑުކަމެއްގެ ތެރެއިން އިންތިހާބު ބާއްވަންޖެހުމުން، ހަރަދު އިންތިހާއަށް އިތުރު ވެގެންދާނެ ކަމަށެވެ.

މިގޮތުން، ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓު ކުރުމަށް 3.5 މިލިއަން ރުފިޔާ އާއި، ވޯޓުލާ މީހުންގެ ހުން ބެލުމަށް ހުން ބަލާ ކަށިގަނޑު ގަތުމަށް 1.2 މިލިއަން ރުފިޔާގެ އިތުރުން، އިންތިހާބުގައި ހަރަކާތްތެރިވާނެކަމަށް ބެލެވޭ 6،000 އެއްހާ އޮފިޝަލުންނަށް ޕީޕީއީ ހޯދުމަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެކަމުގެ އަންދާޒާތަކެއްވެސް އޭނާ ވަނީ ވާހަކަފުޅުގެ ތެރެއިން ހިއްސާ ކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ސުވާލަކީ މިހާ ތާށި، މިހާ ދަތި ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ އަސާސީ ކަންތައްތަކަށް ބޭނުންވާ ފައިސާ ނުލިބިގެން އުޅޭ ވަގުތެއްގައި މި ހަރަދުތައް ކޮށްގެން ކޮންމެހެން މި އިންތިހާބު ބޭއްވުން މުހިއްމުތޯ،" ސައްލަ ސުވާލު ކުރެއްވި އެވެ.

ކޮވިޑް-19 އިގެ ވެކްސިން މިހާރު އުފެއްދި، މި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމުގެ އިޝާރާތެއް ލިބިފައިވާއިރު، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވި، ރޯދަ މަހުގެ ފަހަށް އިންތިހާބު ފަސްކޮށްލައިފިނަމަ، މި ހުރިހާ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއްވެސް ގައިޑްލައިންގެ ދަށުން އިލެކްޝަންސް ކޮމިޝަން މަސައްކަތް ކުރުމަކީ، މިނިވަންކަމާއެކީ އެ ކޮމިޝަނަށް މަސައްކަތް ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އިންތިހާބު އިތުރަށް ފަސްކުރަން ތާއީދުކުރައްވަމުން ސައްލެ ވިދާޅުވި އެވެ.

ސައްލެގެ އެ ވާހަކަތަކާއި ގުޅިގެން ނިޒާރުވެސް ވަނީ ސުވާލެއް އަމާޒު ކުރައްވާފައެވެ. ނިޒާރު ވިދާޅުވީ މާލީގޮތުން ދަތި މި ދުވަސްކޮޅު އަހަރު ދުވަހަށް މަޖިލީސް ސަސްޕެންޑްކޮށް ބާއްވައިފިނަމަ ދައުލަތަށް 900 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އޭނާ ވަނީ އަހަރު ދުވަހަށް މަޖިލީސް ސަސްޕެންޑްގައި ބާއްވަން އެއްބަސްވެވިދާނެތޯ ސުވާލު ކުރައްވާފައެވެ.

"މާލީ ގޮތުން މި ދަތި ދުވަސްކޮޅު މަޖިލިސް އެއް އަހަރަށް ސަސްޕެންޑްކޮށް ބާއްވައިފިނަމަ ދައުލަތަށް 900 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. އެހެން އެކަން ކުރަން އެއްބަސްވެވިދާނެތޯ،" ސަލީމް ޓެގް ކުރައްވާ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.